އަލީ ވަހީދު ހައްޔަރުކޮށްފި

ޖެނުއަރީ 24، 2021: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކޮށްފިއެވެ.

އަލީ ވަހީދު ޔޫކޭއިން ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ހަބަރުލިބިފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ އެ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

އަލީ ވަހީދު މިވަގުތު އިނގިރޭސިވިލާތުގައި ހުރީ ބޭސްފަރުވާއަށް ކަމަށް ބުނެ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށްފަހު މިދިޔަ އަހަރު ދިޔަގޮތަށެވެ. އަލީ ވަހީދު ފުރީ އަނބުރާ ހަތަރުމަސް ދުވަހުގެ ތެރޭ ރާއްޖެ އައުމަށް ޝަރުތު ކުރުމަށްފަހުއެވެ. ހަތަރުމަސް ފަހަނައަޅާ ދިޔައިރުވެސް އޭނާ ރާއްޖެއައިސްފައެއްނުވެއެވެ.

އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން ކްރިމިނަލް ކޯޓުން ހުއްދަދީފައިވާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން އޭނާގެ މައްޗަށް ވަނީ ދެ މަހާ 12 ދުވަހުގެ ޖަލު ހުކުމެއް އެ ކޯޓުން އިއްވާފައެވެ.

ނަމަވެސް އަލީ ވަހީދު މިވަގުތު އިނގިރޭސިވިލާތުގައި ހުރުމުގެ ސަބަބުން ހުކުމް ތަންފީޒުކުރަން ފަށާފައެއް ނުވެއެވެ. ކަރެކްޝަންސްއިން އަލީ ވަހީދުގެ މައްޗަށް ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނައުމަށް ފުލުހުންގެ އެހީއަށް ވަނީ އެދިފައެވެ.

ފުލުހުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެފަހުން ބުނެފައެވެ. އަދި އިނގިރޭސިވިލާތުގެ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ އިންޓަޕޯލް މެދުވެރިކޮށްކަމެއް އަދި ޔަގީނެއްނޫނެވެ. މިކަމާއި ގުޅިގެން ފުލުހުން ވަނީ އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކުރިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާކަމަށާއި އަދި އެފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާވެސްކޮށްފައި ނުވާކަމަށް ބުނެފައެވެ.

comment ކޮމެންޓް