އަލްޖަޒާއިރުން މަޣްރިބް އާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

މަޣްރިބްގެ ރަސްގެފާނު މުހައްމަދު އައްސާދިސު އާއި އަލްޖަޒާއިރުގެ ރައީސް އަބްދުލްމަޖީދު ތަބޫން

އަލްޖަޒާއިރު ( އޮގަސްޓް 25): އަލްޖަޒާއިރު ޖަންގަލިތަކުގައި އަލިފާން ރޯކުރުމުގެ ފަހަތުގައިވަނީ އެގައުމުގެ އަވަށްޓެރި މަޣްރިބް (މޮރޮކޯ) ކަމަށްކުރި ތުހުމަތުތަކަށްފަހު މަޣްރިބް އާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލިކަން އަލްޖަޒާއިރުގެ ސަރުކާރުން އިއްޔެ އިއުލާން ކޮށްފިއެވެ.

އަލްޖަޒީާއިރުގެ ޚާރިޖީ ވަޒީރު ރަމްތާން ލައްމާމަރާ ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ މަޣްރިބާ ގުޅުންތައް ކަނޑާލަން ޖެހުނީ އެގައުމުން ހިންގާ އުދުވާނީ އަމަލުތަކާ ގުޅިގެންކަމުގައެވެ. މަޣްރިބްގެ ސަރުކާރާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލިނަމަވެސް މަޣްރިބްގެ ރައްޔިތުންނަކީ އެއްބަނޑު އެއްބަފާ ބައެއްކަމަށާ އެމީހުންނާ ގުޅުންތައް އޮންނާނެކަމަށް ރަމްތާން ވިދާޅުވިއެވެ.

އަލްޖަޒާއިރުގެ ޖަންގަލިތަކުގައި މިމަހުގެ މެދެއްހާ ހިސާބު ހިނގި އަލިފާނުގެ ހާދިސާތަކުގައި އެގައުމުގެ 100 އަށްވުރެ ގިނަމީހުން މަރުވެފައިވާއިރު އެތަށް ސަތޭކަ ގެއާއި އެނޫންވެސް އިމްރާނީ ވަސީލަތްތައްވަނީ އަނދައިގެން ގޮސްފައެވެ. މިއާއެކު އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ގެއްލުން ލިބުނު ކަމަށް އަލްޖަޒާއިރުން ބުނެފައިވެއެވެ. އަލްޖަޒާއިރު ތުހުމަތު ކުރާގޮތުގައި އެގައުމުގެ ޖަންގަލިތަކުގައި ހިނގި އަލިފާނުގެ ހާދިސާތަކަކީ ޓެރަރިސްޓް ދެ ޖަމާއަތަކުން ގަސްދުގައި ހިންގި ޖަރީމާތަކެކެވެ. މިދެ ޖަމާއަތުގެ ފަހަތުގައިވަނީ އިސްރާއީލާއި މަޣްރިބްކަމަށްވެސް އަލްޖަޒާއިރުންވަނީ ތުހުމަތުކޮށްފައެވެ.

އަލްޖަޒާއިރުގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަނދަމުންދާ މަންޒަރެއް

މަޣްރިބްއަކީ އަރަބި އަދި އިސްލާމީ އިޖްމާއާ ދެކޮޅަށް އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވާ އަރަބި ގައުމެކެވެ. ދާދިފަހުން އިސްރާއީލުގެ ޚާރިޖީ ވަޒީރުވެސް ވަނީ މަޣްރިބް އަށް ޒިޔާރަތް ކުރައްވާފައެވެ. މަޣްރިބްގެ ބޮޑުވަޒީރު ސައުދުއްދީން އަލްއުސްމާނީވަނީ އަލްޖަޒާއިރުގެ ތުހުތުތަކަށް އިންކާރު ކުރައްވައި އެގައުމުގެ މިނިންމުމާ މެދު ހިތާމަ ކުރައްވާކަމަށް ވިދާޅުވެފައެވެ.

އުތުރު އެފްރިކާ ސަރަހައްދުގައި އޮންނަ އަރަބި އިސްލާމީ ދެގައުމު ކަމަށްވާ އަލްޖަޒާއިރާއި މަޣްރިބް ގެ ގުޅުންތަކަކީ މީގެ ސާޅީހަކަށް އަހަރުކުރިންވެސް ވަރަށް ގޯސް އަދި ވަހުމާއި ޝައްކުތަކުން ފުރިގެންވާ އިތުބާރުނެތް ގުޅުންތަކެކެވެ. އަލްޖަޒާއިރަކީ ހުޅަނގުގެ ސިޔާސަތުތަކާ އިދިކޮޅު އަރަބި ގައުމިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ އަމިއްލަވަންތަ ސިޔާސަތު ގެންގުޅޭ ގައުމަކަށްވާއިރު މަޣްރިބަކީ އެމެރިކާއާއި ޔޫރަޕަށް ތާއީދުކުރާ އަދި ހުޅަނގަށް ބޯލަނބާ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.

މަޣްރިބަކީ ވަރަށް ކުރީއްސުރެވެސް އިސްރާއީލާ ސިއްރު ގުޅުންތަައް ބާއްވާކަމުގެ އަޑުތައް އަރާ ގައުމެކެވެ. 2020 ގައި މަޣްރިބް އިންވަނީ ފާޅުގޮތެއްގައި އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައެވެ.

އަލްޖަޒާއިރާއި މަޣްރިބް ގެ ގުޅުންތައް ގޯސްވާ އެންމެ ބޮޑު އެއްމައްސަލައަކީ، އެފްރިކާގެ އެންމެ ހުޅަނގުގައި މަޣްރިބް އާ ޖެހިގެން އޮންނަ ބޮޑު ސަރަހައްދެއްކަމަށްވާ "ވެސްޓަން ސަހަރާ" ގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްކަމަށްވާ "ޕޮލިސާރިއޯ ފްރަންޓް" އާއެކު އަލްޖަޒާއިރުން ގުޅުންތައް ގާއިމްކޮށް އެސަރަހައްދުގައި "ޕޮލިސާރިއޯ ފްރަންޓް" އިން އިއުލާން ކޮށްފައިވާ މިނިވަން ދައުލަތް އަލްޖަޒާއިރުން އިއުތިރާފް ވުމެވެ.

ކުރިން ސްޕޭންގެ އިސްތިއުމާރުގެ ދަށުގައި އޮތް "ވެސްޓަން ސަހަރާ" އާމެދު މަޣްރިބް އިން ދެކެނީ އެއީ މަޣްރިބްގެ ސަރަހައްދެއްގެ ގޮތުގައެވެ. ސްޕޭންގެ އިސްތިއުމާރުން "ވެސްޓަން ސަހަރާ" މިނިވަންވީ 1975 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް