ބެލެނިވެރިއެއްގެ ލިޔުމާއެކު 16 އަހަރުގައި ލައިސަންސު ނެގޭގޮތަށް ހަދަން މަޝްވަރާކުރަނީ

ޖޫން 1، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ބެލެނިވެރިޔާގެ އިއުތިރާޒު ނެތް ކަމުގެ ލިޔުމަކާއެކު، 16 އަހަރު ފުރުމުން ލައިސަންސް ނެގޭގޮތް ހެދުމަށް މަޝްވަރާ ފަށައިފިއެވެ.

ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ކޮމިޓީ ރިޕޯޓު ހުށަހެޅުމަށްފަހު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ބައެއް ކުދިން ލައިސަންސު ނެތި ސައިކަލު ދުއްވައިގެން އެއް ލައްކަ އަށް ވުރެ ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައި އެބަހުރި ކަމަށެވެ.

އެގޮތުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު އުޅަނދުފަހަރު ދުއްވައިގެން، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޖުމްލަ 116 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާތައް ކޮށްފައި އެބަހުރި ކަމަށް ނާޒިލް ވިދާޅުވިއެވެ.

އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވެފައިވާ ފަރާތްތަކަށާއި އެކި ސަބަބުތަކާ ގުޅިގެން ލައިސަންސް ނުނަގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އެދި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅާފައިވާ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކުރި އިރު، 18 އަހަރުން ދަށުގެ ކުދިން އެފަދަ އަދަދުތަކުން ޖޫރިމަނާ ނުކޮށް ވާނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރެވުނު ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ މިހާރު ތަހުޒީބުވެފައި ހުރި ގިނަ ގައުމުތަކާއި، އަވައްޓެރި ގައުމުތަކުގައިވެސް 16 އަހަރުން ފެށިގެން ލައިސަންސު ދޫކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ޓްރާންސްޕޯޓު މިނިސްޓްރީންވެސް އެކަމަށް ދެބަސްވެފައެއް ނެތް. އަޅުގަނޑުމެން ދެއްކި ވާހަކަތަކަށް. އަޅުގަނޑުމެން އެ ދުވަހު އެ ވާހަކަ ދެއްކި އިރު، އަޅުގަނޑުމެން ހުށަހެޅުމެއް ގޮތުގަ ހުށަހެޅީ ބެލެނިވެރިއެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާ އެކީގަ، 16 އަަހަރުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސު އެކުދިންނަށް ދިނުމަށް،" ނާޒިލް ވިދާޅުވިއެވެ.

އަދި 16 އަހަރުގައި ދޫކުރާ ލައިސަންސު 18 އަހަރު ފުރުމުން ދާއިމީ ލައިސަންސަކަށް ބަދަލުކޮށްދެވޭނެ ގޮތަށް ހަދަން ގަސްދުކުރާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

"އޭގެ ތެރޭގަ 16 އަހަރާ 18 އަހަރާ ދެމެދު އެ މުއްދަތު ތެރޭގަ އެއްވެސް ކަހަލަ ޓްރެފިކް ވައިލެންސް އެއް ހިންގާފަ ނެތިއްޔާމު އެ އޮޓަމެޓިކޮށް 18 އަހަރު ވީމަ އެއީ ދާއިމީ ލައިސަންސްއަކަށް ބަދަލުވާ ކަހަލަ ގޮތަަކަށް،" ނާޒިލް ވިދާޅުވިއެވެ.

އެހެން އެކަން ވެއްޖެނަމަ، 18 އަހަރުން ދަށުގެ ކުދިން އެއްގަމު އުޅަނދު ދުއްވައިގެން ކުރާ ޖޫރިމަނާއަަށް ހައްލެއް ހޯދޭނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި އޭރުން 16 އަހަރާ 18 އަހަރާ ދެމެދުގެ ކުދިން، އެ ދެ އަހަރުގެ ތެރޭގައި ސައިލަކު ދުއްވާއިރު ބޮޑަށް ސަމާލުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ނާޒިލް އިތުރަށް ވިދާޅުވިއެެވެ.

comment ކޮމެންޓް