މެންޓަލް ހެލްތު ދާއިރާއިން މާސްޓާސްއަށް ކިޔަވަން ސްކޮލާޝިޕްތަކެއް ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

މެންޓަލް ހެލްތު ދާއިރާއިން މަތީ ތައުލީމަށް މާސްޓާސްއަށް ކިޔެވުމަށް ވަރަށް އަވަހަށް ސްކޮލަޝިޕްތަކެއް ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރައްވައިފިއެވެ.

ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމުގެ ފުރަތަމަ މާސްޓާ ޕްލޭން އިފްތިތާހުކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިގްތިސޯދީ އަދި އިޖުމިތާއީ ގޮތުން މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާ ރާއްޖޭގައި އެބަހުރި ކަމަށެވެ.

އޭގެ ތެރެއިންވެސް މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަކީ ވަރަށް ހާއްސަ އިސްކަމެއް ދީގެން މީހުން ބިނާކުރަންޖެހޭ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކްލިނިކަލް ސައިކޮލޮޖީ، ޕްރޮފެޝަލަން ކައުންސިލިން އަދި އެޑިކްޝަން ޕްލޭން ހިމެނޭ ގޮތަށް 30 ސްކޮލަޝިޕެއް ސަރުކާރުން ވަރަށް އަވަހަށް އިއުލާންކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

މާސްޓާ ޕްލޭން އެކުލަވާލުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާސްޓާ ޕްލޭން އެކުލަވާލީ ކުރިއަތް އޮތް 5 އަހަރަށް އަމާޒުކޮށްގެން ކަމަށެވެ. މި ޕްލޭންގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ އެންމެ ކުރު އަދި ދިގު މުއްދަތުގައި ހާސިލްކުރާނެ ކަންތައްތަކެއް ހިމަނާފައިވެއެވެ.

މި ޕްލޭންއާއެކު ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ދިމާވާ ގިނަ ގޮންޖެހުންތަކަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުނެވަފައިވާ ހުރިހާ ދާއިރާތަކާއި ރާއްޖޭގައި މީހުން ބޭނުންވާ ހުރިހާ ދާއިރާތަކާ ދެމެދު އޮތް ހުސްކަން، މި މާސްޓާ ޕްލޭންގެ އެހީގައި ކުޑަކުރެވިގެން ދާނެ،"

މީހުން ބިނާކުރުން ލާމަރުކަޒުކުރުމުގެ އަމާޒުގައި ސަރުކާރުން ކުރިއަށް ދާއިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގަމުންދާ އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ މީހުން ކުރިއަތް އޮތް ތަނުގައި އުފެދިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތަރައްގީގެ ގިނަ މަސައްކަތްތައް ކުރަމުން ދާއިރު އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތާއި ސަރަހައްދީ ވައިގެ ބަނދަރުގެ އިތުރުން ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމާއި ހުރިހާ ރަށެއްގެ އިންޖީނު ގެ ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރުމަކީ މިހާރު ރާއްޖޭގައި ހިންގަމުންދާ ބައެއް މަޝްރޫއުތަކެވެ.

"މިއީ ތަރައްގީ ލާމަރުކަޒު ކުރުމުގައިވެސް ވަރަށް މުހިންމު މަސައްކަތެއްކަަމަށް އަޅުގަނޑު ދެކެން."

މި ކަންކަން ނިމޭއިރު ރަށްރަށުގައި އެތައް ވަޒީފާއެއް ހުޅުވިގެންދާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ތަންތަނަށް ކިޔަވައިގެން ތިބި ފަންނީ މީހުން ބޭނުންވާ ކަމަށެވެ. މިއަދު އިފްތިތާހު ކުރި ޕްލޭންގެ މައިގަނޑު އަމާޒަކީ އެފަދަ ފަންނީ މީހުން އުފައްދައި، ރަށްރަށުގެ ގިނަ ބަޔަކަށް ވަޒީފާ ލިބުމެވެ.

މީގެ ސަބަބުން ހާއްސަކޮށް ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި ފިރިހެނުންގެ ފަރަގު ކުޑަވެ، ވަޒީފާގެ ބާޒާރުގައި ދެ ޖިންސުގެ ޒުވާނުންގެ ހިއްސާ ވަރަށް ބޮޑަށް އިތުރުވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ފަންނީ ޒުވާނުން ގިނަ ނަމަވެސް، އެމީހުންނަށް ބޭނުންވާ ފަންނުވެރިކަން ތަރައްގީކޮށް އެފަންނުގެ ބޭނުން ހިފޭނެ ގޮތެއް ހަދައިދޭންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މިދެންނެވި ފުރުސަތުތައް ދެ ޖިންސުގެ ޒުވާނުންނަށް ފަހިކޮށްދިނުމުން އެކަމުގެ ހަގީގީ މަންފާ ކުރާނީ އެ ޒުވާނުންގެ އާއިލާތަކަށް. އެ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުގެ ދާއިރާތަކުން އާމްދަނީ ހޯދޭނެ މަގު ފަހިވުމުން އާއިލީ ފުދުންތެރިކަން އިތުރުވެ އުފާވެތި ދިރިއުޅުމަކަށް މަގުފަހިވެގެން ދާނެ،"

ކޮވިޑުގެ ދަތި އުނދަގުލުގައިވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ދައުލަތުގެ ހަރަދު ކުޑަކޮށްގެން ނަމަވެސް މީހުން ބިނާކުރުމާ ގުޅީފައިވާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލު ކުރުމަށް ދޭ ސްޓޫޑަންޓް ލޯންއާއި ހިލޭ ކިޔަވަން ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕްތަކާއި ހައި އެޗީވާސް ސްކޮލަޝިޕް ފަދަ ކަންކަން ހުއްޓާނުލާ ކުރިއަށް ގެންގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މީހުން ބިނާކުރުމަށް ދައުލަތުން ބޮޑު ހޭދައެއްކޮށް، އެކުރާ މަސައްކަތުގެ ނަތީޖާ މިއަދު ނުފެނުނަމަވެސް ކުރިމަގުގައި ދިވެހި މުޖުތަމައުން އެކަންކަމުގެ ފައިދާ ފެންނާނެ ކަމަށެވެ.

comment ކޮމެންޓް