ފޭދޫ ސްކޫލުގެ ބާ އިމާރާތުގައި އަލިފާން ރޯވެއްޖެ

ށ. ފޭދޫ ސްކޫލްގެ ބާ އިމާރާތުގައި އަލިފާން ރޯވެފައި --- ފޮޓޯ/ ކިޔުންތެރިއެއް

ށ. ފޭދޫ ސްކޫލްގެ ބާ އިމާރާތުގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.

މި ހާދިސާ ހިނގީ މިރޭ 10:30ހާއިރުއެވެ.

ފޭދޫން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ރޯވީ ކުރިން ސްކޫލެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައި ހުރި ހަތަރު ކްލާސް ރޫމްގައެވެ.

އޭނާ ބުނީ އެތަނުގެ އެތެރޭގައި އަލިފާން ހިފާ ޒާތުގެ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށެވެ.

"މިތަނުގައި ހުންނާނީ ކުރީގަ ބޭނުންކޮށްފަހުރި ބައެއް ތަކެތި. މިހާރު ބޭނުންކުރާ އެއްވެސް އެއްޗެއް ނުހުންނާނެ. އެތަނުގައި ހުންނާނީ ކުރީގެ ޕްލައިވުޑް ޕާޓިޝަން ތަކާ އެކަހަލަ އެއްޗެތި،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ އެ އިމާރާތުގައި ރޯވެފައިހުރި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިއްޖެ ކަމަށެވެ.

އެ އިމާރާތުގައި މިހާރު ބޭނުންކުރަމުންދާ ހޯލެއް ވެސް ހުރެއެވެ. ނަމަވެސް އެ ހޯލުގައި އަލިފާން ރޯނުވަނީސް ސިފައިން ވަނީ ނިއްވާލާފައެވެ.

comment ކޮމެންޓް