ޖުމައްޔިލްގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި

ފިލްމީތަރި ޖުމައްޔިލް ނިމާލް--

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ފިލްމީ ތަރި, މއ. ގްރޭވޫލްއާގެ، މުހައްމަދު ޖުމައްޔިލު ނިމާލްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:00 ށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖުމައްޔިލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އަންހެނަކު ވަނީ އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ތަފްސީލުކޮށް ކިޔައިދީފައެވެ. ޖުމައްޔިލްއާއި ދެބެއިންގެ ދެ ދަރި އެ އަންހެން މީހާ ބުނެފައިވަނީ، 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޖުމައްޔިލް އެ އަމަލު އޭނާއާ މެދު ހިންގި އިރު، އޭނާއަށް ވާނީ 17 އަހަަރު ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގައި މީގެ ކުރިން ދައުވާ ނުކުރަން ނިންމާފައި އޮތީ ހެކި ނެތިގެން ކަމަށް ބުނެ ކަމަށެވެ.

ޖުމައްޔިލްގެ މައްޗަށް ދައުވާ އުފުލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، އުފުލާފައިވާ އެ ދައުވާ ސާބިތުވެއްޖެނަމަ، 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.

ޖިންސީ ގޯނާގެ މައްސަލަ ބަލައި އެކަމާ ގުޅިގެން ދައުވާ ނުކުރި ނަމަވެސް ޖުމައްޔިލްގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ކުރިން ކުރިއެވެ. ނަަމަވެސް، އިޖުރާއީ ބައެއް މައްސަލަތަކާ ހުރެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

comment ކޮމެންޓް