ބަޝުންދަރަ މެޗު އެއްވަރުކޮށް މޯހަން ބަގާން ދެވަނަ ބުރަށް

ބަޝުންދަރަ ޓީމުގެ ފެނާންޑޭޒް އަތުން ބޯޅަ ހޯދުމަށް މޯހަން ބަގާންގެ ލިސްޓަ މަސައްކަތް ކުރަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭއެފްސީ ކަޕު ދެކުނު އޭޝިއާ ގްރޫޕުގެ އެއްވަނަ މަގާމު ހަތް ޕޮއިންޓާއެކު ހޯދައި އޭޓީކޭ މޯހަން ބަގާން ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ބަޝުންދަރައަށް ކުޅުނު ތިން މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. އެއީ މާޒިޔާ ބަލިކޮށް ހޯދި ތިން ޕޮއިންޓާއި، ބެންގަލޫރު މެޗު އެއްވަރު ވެގެން ލިބުނު ޕޮއިންޓު އަދި މިއަދުގެ މެޗުގައި މޯހަން ބަގާން އަތުން ހޯދި ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހުސް ފުރުސަތު ލިބުނީ މޯހަން ބަގާން އަށެވެ. ބަޝުންދަރަ އޭރިއާ ތެރެއިން ލިސްޓަން ކޮލަކޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

މެޗުގެ 22 ވަނަ މިނިޓުގައި މޯހަން ބަގާންގެ ކެޕްޓަން ރޯއީ ކްރިޝްނާ އޭރިއާ ތެރެއިން ފޮނުވާލި އޯވަ ހެޑް ދިޔައީ ގޯލުގެ ދަނޑި މަތިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބަޝުންދަރއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ބްރެޒިލް މިޑްފިލްޑަރު ފެނާންޑޭޒްއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބަޝުންދަރައަށް ރަތް ކާޑެއް ދެއްކިއެވެ. މިކާޑު ދައްކާފައިވަނީ ޝުޝާންތޯ ޓްރިޕުރާއަށެވެ. ބޯޅަ ނެތިސް ޝުޝާންތޯ ވަނީ މޯހަން ބަގާންގެ ސުބަޝީޝް ބޯސްއަށް ހަމަލާ ދީފައެވެ.

މެޗުގެ 59 ވަނަ މިނިޓުގައި މޯހަން ބަގާންއިން ފުރުސަތެއް ތަނަވަސް ކުރިއެވެ. އަރިމަތިން ބޯޅަ ހިފައިގެން ވަދެ ސުބަޝީޝް ފޮނުވާލި ހަމަލާ ދިޔާއި ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.

މެޗުގެ 61 ވަނަ މިނިޓުގައި މޯހަން ބަގާންގެ ލިސްޓަން ކޮލާކޯ އަރިމަތިން ބޯޅަ ހިފައިގެން ވަދެ ބަޝުންދަރަ އޭރިއާ ތެރެއިނ ފަހަތަށް ކަނޑާލި ބޯޅަ ޑޭވިޑް ވިލިއަމްސް ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ހާބާސް ބުނީ މިމެޗަކީ އުނދަގޫ މެޗެއް ކަމަށާއި ނަމަވެސް ދެވަަނަ ބުރަށް ދެވުމުން އުފާވާ ކަމަށެވެ.

ބަޝުންދަރަ ޓީމުގެ ކޯޗު އޮސްކާ ބުރޫޒޯން ބުނީ މެޗުގެ ރެފްރީގެ ނިންމުންތަކާ މެދު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި މެޗުގައި އޭނާގެ ޓީމަށް ދެއްކި ރަތް ކާޑާއެކު މެޗުގެ އެނބުރިގެން ދިޔަ ކަމަށެވެ.

ބަޝުންދަރަ ޓީމުގެ ބްރެޒިލް ކުޅުންތެރިޔާ ރޮބްސަން ބުނީ އެޓީމު މުބާރާތަށް ނިކުތީވެސް ދެވަނަ ބުރަށް ދިއުމުގެ އަޒުމުގައި ކަމަށާއި ނަމަވެސް އެކަން ހާސިލު ނުވުމުން ދެރަވާކަމަށެވެ.

ރޮބްސަން ބުނީ މިމުބާރާތަކީ ކުރިއަށް ދާން ލިބުނު އިތުރު ހިތްވަރެއް ކަމަށާއި ކުޅުންތެރިންނަށް ވަރަށް ގިނަ ކަންކަން ދަސްވެފައިވާ ކަމަށެވެ.

ގްރޫޕުގެ ފަހު މެޗުގައި މިރޭ 9:00 މާޒިޔާ ނިކުންނާނީ ބެންގަލޫރު އާ ދެކޮޅަށެވެ.

comment ކޮމެންޓް