ހަތަރު ހިސާބެއްގައި ކެނޑިފައިވާ ކަނދުފަތިތައް ހަރުކުރަން ފަށައިފި

ކަނދުފަތި -- ފޮޓޯ ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން

މަސްއައިންތައް ޖަމާކުރުމަށް ގާއިމްކުރާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން އެކި އެކި ސަބަބުތަކާ ހެދި ކަނޑައިގެންގޮސްފައިވާ ކަނދުފަތިތައް އަލުން ހަރުކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، އެ މިނިސްޓްރީން ގާއިމްކޮށްފައިވާ ކަނދުފަތީގެ ތެރެއިން އެކި ސަބަބުތަކާ ހެދި ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން ގާއިމް ކުރުމަށް ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ކުރާ ދަތުރެއް މިހާރު ފަށާފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގެ 'ކަނދުފަތި ޓީމް' ވަނީ ކ. ހުރާ، ނ. މާފަރު، ރ. މީދޫ އަދި ލ. ހިތަދޫ މަސްކަނދުފަތި އެޅުމަށް މަސައްކަތަށް ރޭގެ ވަގުތެއްގައި ފުރާފައެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ހެނދުނު ހުރާގައި ކަނދުފަތި އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މާފަރު ކަނދުފަތިއެޅުމަށް ފުރާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ހަރަދު ކުޑަކުރުމަށް މަސްކަނދު ވިޔުގަ އިތުރަށް ފުޅާކުރުން ވަރަށް މުހިއްމު ކަމަށެވެ.

އޮއިވާލި ކަނދުފައްޗަކީ ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެކެވެ. އަދި މަސްވެރިންގެ ފައިދާ އާއި މަންފާ އެއެއްޗެއްގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އެއްޗެކެވެ.

އެހެންކަމުން އޮއިވާލި ކަނދުފަތިތަކަށް އަދި ކަނދުފަތި ތަކުގެ ކައިރިން ކުރާ އޮއިވާލި މަސްވެރިކަމަށް ގެއްލުން ލިބޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް