ދައުލަތުގެ ދަރަނި 67 ބިލިއަން ރުފިޔާގައި، އެންމެ ބޮޑަށް ދަރާފައި ވަނީ ޗައިނާއަށް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ---

ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ހުރީ 67 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރި "ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓް"ގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 67 ބިލިއަން ރުފިޔާގައެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 115 ޕަސެންޓެވެ.

އެ މިނިސްޓްރީން ލަފާ ކުރަނީ މި އަހަރު ނިމޭ އިރު ދަރަނި 79 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 128 ޕަސެންޓެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދަރަނި ބޮޑުވީ ކޮވިޑް-19އިގެ ސަބަބުން ދައުލަތުގެ އާމްދަނީ އާއި އުފެއްދުންތެރިކަންވެސް ދަށަށް ދިޔުމުންނެވެ.

އެ ދަރަނީގެ ތެރެއިން 25 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަންޏެވެ. އަދި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ލޯނު ނަގާފައި ވަނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާއިންނެވެ. އެއީ ދަރަނީގެ 38 ޕަސެންޓެވެ.

މީގެ އިތުރުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓަށާއި އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަނަށް ދައްކަން ޖެހޭ ޖުމްލަ ދަރަނީގެ އަދަދު 14 ޕަސެންޓަށް އަރައެވެ.

ފިނޭންސްއިން ލަފާ ކުރާ ގޮތުގައި މި އަހަރު ނިމޭ އިރު ބޭރުގެ ދަރަނި 21 އިންސައްތަ އިތުރު ވާނެއެވެ.

ރާއްޖޭގެ އެތެރޭގެ ދަރަނި މިހާރު 42 ބިލިއަން ރުފިޔާގައި ހުރި އިރު އޭގެ ތެރެއިން 57 ޕަސެންޓު ހިއްސާ ކުރަނީ ދައުލަތުން ވިއްކާފައިވާ ކުރު މުއްދަތުގެ ޓްރެޝަރީ ބިލުންނެވެ. އަދި މިއަހަރު ނިމޭ އިރު އެ އަދަދު ތިރި ވާނެ ކަމަށް ފިނޭންސްއިން އަންދާޒާ ކޮށްފައި ވަނީ 41 ބިލިއަނަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދަރަންޏަށް ނެގި ފައިސާގެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށާއި އިގުތިސާދު ހަމަ މަގަށް އެޅުވުމަށް ކުރި މަސައްކަތްތަކަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދަރަނި އަނބުރާ ދެއްކުމަށް މިދިޔަ އަހަރު ހޭދަކޮށްފައި ވަނީ 1.36 ބިލިއަން ރުފިޔާއެވެ. އަދި ޖީ20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވްގެ ދަށުން، މިދިޔަ އަހަރުގެ މެއި މަހުން ޑިސެމްބަރަށް ދައްކަން އޮތް 370 މިލިއަން ރުފިޔާގެ ދަރަނި އަނބުރާ ދެއްކުން ފަސްކޮށްފައިވެއެެވެ. އަދި އެ އިނިޝިއޭޓިވްގެ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު ކޮށްފައި ވާތީ، ރާއްޖޭއަށް ވެސް މި މުއްދަތުގައި ލުއި ދިނުމަށް އެދިފައިވާ ކަމަށް ފިނޭންސްއިން ބުންޏެވެ.

އެ ރިޕޯޓުގައި ވަނީ ދައުލަތަށް ފައިސާ ހޯދުމުގައި އެންމެ ހަރަދު ކުޑަކޮށް ފައިސާ ހޯދުމަށާއި ރާއްޖޭގެ މާލީ ބާޒާރު ތަރައްގީ ކުރުމަށް އަމަލު ކުރާނެ ގޮތުގެ ސްޓްރެޓެޖީ ހާމަކޮށްފައެވެ.

އެ ސްޓްރެޓެޖީގެ އަމާޒުތަކުގެ ތެރޭގައި ބޭރު ފައިސާގެ ދަރަނި 70 ޕަސެންޓަށް ވުރެ އިތުރު ނުކުރުމާއި އެއް އަހަރު ތެރޭ ދައްކަން ޖެހޭ ދަރަނި ޖީޑީޕީގެ ނިސްބަތުން 30 ޕަސެންޓުގައި ހިފެހެއްޓުން ހިމެނެއެވެ.

އެ ސްޓްރެޓެޖީ ތަންފީޒު ކުރާނެ ގޮތްތަކުގެ ތެރޭގައި މެދު ރާސްތާގައި ބޭރު ފައިސާއިން ނަގާ ދަރަނީގެ ނިސްބަތް 50 ޕަސެންޓަށް ވުރެ ދަށް ކުރުމާއި ބޭރުގެ މާލީ ބާޒާރަށް 5-7 އަހަރުގެ ބޮންޑު ވިއްކުން ހިމެނެއެވެ.

comment ކޮމެންޓް