ތާލިބާނުގެ ވެރިކަން ބަލައިގަތުމާ މެދު ރާއްޖެއިން އަދިވެސް ގޮތެއް ނުނިންމާ

ފޮރިން މިނިސްޓްރީ އިމާރާތް މަރާމާތުކޮށް, "ފަތުހުالله ޖަމީލް ބިލްޑިންގ"ގެ ނަމުގައި އެތަން ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އަފްގާނިސްތާނުގައި ތާލިބާނުން އިއުލާންކޮށްފައިވާ ވެރިކަން ބަލައިގަތުމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދިވެސް ވަކި ގޮތެއް ނުނިންމާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އަފްގާނިސްތާނުގެ ހާލަތު ސަރުކާރުން ދަނީ ގާތުން ބަލަމުންނެވެ. ނަމަވެސް ތާލިބާނުންގެ ވެރިކަން ބަލައިގަތުމާ ބެހޭ ގޮތުން އަދި ގޮތެއް ނުނިންމައެވެ.

އަފްގާނިސްތާނުގައި 2001އިން ފެށިގެން ތިބި އެމެރިކާގެ ސިފައިން އެގައުމުން އަނބުރާ ގެންދަން ފެށި ފަހުން، ތާލިބާނުން އެގައުމުގެ ގިނަ ސަރައްހައްދުތަކަށް އަތްގަދަ ކުރަން ފެށިއެވެ. އަދި މި މަސް ތެރޭގައި އެ ޖަމާއަތުން ވަނީ ގައުމުގެ ބޮޑު ބައެއްގެ ކޮންޓްރޯލް އަތުލާ، ވެރިރަށް ކާބުލްއަށްވެސް އަރާފައެވެ.

ތާލިބާނުން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ކާބުލްއަށް އެރުމުގެ ކުރިން، ރައީސް އަޝްރަފް ގަނީ ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ. އަދި ތާލިބާނުން ވަނީ އެ ޖަމާއަތުގެ "އިސްލާމިކް އެމިރޭޓްސް" ވެރިކަމެއް އެގައުމުގައި އިއުލާންކޮށްފައެވެ. އެ ވެރިކަން އަދި އެއްވެސް ގައުމަކުން ބަލައިގަނެފައި ނުވެއެވެ.

comment ކޮމެންޓް