ބަޑި އާއި ބޮން ހެދިކަމަށް ތުހުމަތުވާ މީހުންނަށް ދައުލަތުން ފޮނުވި ހެކިތަކުގެ 90 ޕަސަންޓް ސާފެއް ނުވޭ!

ބަޑި އާއި ބޮން ހެދިކަމަށް ތުހުމަތު ކުރާ (ކ) ހަސަން ނަސީމް އަދި (ވ) މޫސާ ޔޫސުފް، ---

މާލޭގެ ގެއެއްގެ ތެރެއިން އަމިއްލައަށް އުފައްދާފައިވާ ބަޑި އާއި ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައެއްގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރި ދެ މީހަކާ ދެކޮޅަށް ހޯދާފައިވާ ހެކިތަކުގެ ލިޔެކިޔުންތަކުގެ 90 ޕަސަންޓް ސާފު ނުވާކަމަށް އެމީހުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައަކީ ދެވަނަ ފަހަރަށް ދައުލަތުން ދައުވާ ކޮށްގެން ކުރިއަށްގެންދާ މައްސަލައެކެވެ. ސެޕްޓެމްބަރު، 28، 2013 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު ލ. ގަން، ތުނޑި, ހިމާޔަތް، މޫސާ ޔޫސުފްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައާގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދަފްތަރު ނަންބަރު ރސ 7102، ހަސަން ނަސީމް ކުއްޔަށް ހިފާފައިވާ މ. އިރުދޯދިމާގެ ކޮޓަރިއެއް ބަލާފާސްކުރުމުން އެެގެއިން ގިނަ އަދަދެއްގެ ބަޑިއާއި، ގޮވާތަކެއްޗާއި އެފަދަ ތެކެތި އުފެއްދުމަށް ބޭނުންކުރެވޭ ތަކެތި ފެނިފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ދައުވާ ކުރި ކަމުގައިވިޔަސް ކްރިމިނަލް ކޯޓުން ވަނީ ތަހުގީގު މަރުހަލާގައި، ހެކި ހޯދާފައިވަނީ
ގާނޫނު އަސާސީގެ 52 ވަނަ މާއްދާއާއި ހިލާފަށްކަން ޝަރީއަތަށް އެނގެން އޮތްކަމަށްބުނެ އެ ދެމީހުންގެ މައްޗަށް ދައުވާ ކުރެވެންނެތްކަމަށް ނޮވެމްބަރު 22، 2016 ގައި ނިންމާފައެވެ.

މި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން ހައިކޯޓުންވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް އެ ދައުވާ ކްރިމިނަލް ކޯޓަށް ތަޙްވީލުކުރުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ހުކުމްކޮށްފައެވެ.

އެ މައްސަލަ އަލުން ބަލަން ފަށާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުއެވެ. މިއަދު ކުރިއަށްގެންދިޔައީ ހެއްކާމެދު ދެފަރާތުން ވާހަކަ ދެއްކުމެވެ. ދައުވާ ލިބޭ ދެމީހުން ލ. ގަމުގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެގެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ މިއަދުގެ އަޑުއެހުމެއް ދެމީހުންވެސް ހާޒިރުވީ ވަކީލެއް ނުލައެވެ.

ދައުލަތުގެ ފަރާތުން ހެކި ހުށަހަޅަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މ. އިރުދޯދިގޭ ބަލާ ފާސްކުރުމުން ގިނަ އަދަދެއްގެ ބަޑިއާއި ގޮވާތަކެތި ހެދުމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ވަޒަން ފެނިފައިވާ ކަމަށެވެ. އަދި ހަސަން ނަސީމް އޭރު ވަޒީފާ އަދާ ކުރަމުން ދިޔަ "ފަލިވަޅު ވެލްޑިން ވޯކްސް" ވޯކްޝޮޕް ފުލުހުން ބަލައި ފާސްކުރުމުން އެތަނުން ބަޑިއާއި އެފަދަ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ ތަކެތި ފެނިފައިވާކަންވެސް ވަކީލާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ހަސަން ނަސީމް ދިރިއުޅެމުން ދިޔަ ލ. ގަމުގެ ގެޔަކާއި އޭނާއާއި ގުޅުންހުރި ލ. މާވާށުގެ ގެޔެއް ބަލާ ފާސްކުރުމުން ކޮމްޕިއުޓަރަކުން ބަޑި ހަދާނެ ގޮތުގެ ކުރެހުންތަކާއި ވަސީލަތްތައް ފެނިފައިވާކަމަށް ވަކީލާ ވިދާޅުވިއެވެ. މި ކަންކަން ސާބިތުކުރުމަށްޓަކައި ފުލުހުން ހޯދާފައިވާ އެއްޗެހީގެ ތަހުލީލުތައް ހަދާ ރިޕޯޓްތަކުގެ އިތުރުން ތަހްލީލްތައް ހެދި ފަރާތްތަކުގެ ހެކިބަސްވެސް ދައުލަތުން ހުށަހަޅާފައިވައިއެވެ.

އެގޮތުން ބައެއް ބަޑިތައް ޓެސްޓް ކުރުމުން އެ އެއްޗެހިން ދުރު ދިގުމިނަކަށް ވަޒަން ފޮނުވާލާކަމަށާއި ފްލައިވުޑް ފިލާފަދަ ތަކެތި ފޫއަޅުވާލާ ކަމަށް ދައުލަތުން ބުނެއެވެ.

ފުލުހުން ހޯދާފައިވާ ބަޑިތަކަކީ އަމިއްލައަށް ތައްޔާރުކޮށްފައިވާ ބަޑިކަން ތަހުގީގުން ސާބިތުވާ ކަމަށާއި އެއީ ރާއްޖޭގެ އަސްކަރީ ހަތިޔާރު ނޫންކަންވެސް ދައުލަތުން ބުނެއެވެ. ސަބަބަކީ އަސްކަރީ ހަތިޔާރުގައި ސީިރިއަލް ނަމްބަރެއް އިންނާނެ ކަމަށާއި ފުލުހުން ހޯދި އެއްވެސް ހަތިޔާރެއްގައި އެފަދަ ސީރިއަލް ނަމްބަރެއް ނެތުމުންނެވެ.

މި ހެކިތަކާ ދެކޮޅަށް ވާހަކަ ދައްކަމުން ނަސީމް ބުނީ ދައުލަތުން ފޮނުވާފައިވާ ލިޔެކިޔުންތައް އެއްވެސް ވަރަކަށް ސާފު ނުވާކަމަށާއި އޭގެން ފެންނަނީ ހުސް ކަޅުކުލައިގެ ދެލިކަމަށެވެ. 90 ޕަސެންޓް ލިޔެކިޔުން އެއްވެސް ވަރަކަށް ސާފު ނުވާ ކަމަށާއި އޭގެއިން ގިނަ ފޮޓޯތައް ހުރީ އެޑިޓް ކޮށްފައި ކަމަށްވެސް ނަސީމް ތުހުމަތުކުރެއެވެ.

އޭނާ ބުނާ ގޮތުގައި އެ ފޮޓޯ ތަކަކީ ކުރީގެ ދައުވާގައި އޭނާއަށް ފެނިފައިހުރި ފޮޓޯތައް ކަމަށާއި އެ އެއްޗެހި މިހާރު އެޑިޓްކޮށްފައިވާކަން އެނގޭކަމަށެވެ. އެހެންކަމުން ދައުލަތުން އެ ހެކިތަކުގެ އަސްލު ނުވަތަ ސާފުކޮޕީ ލިބުމުން ނޫނީ ޖަވާބުދާރީވާން ނޭނގޭނެ ކަމަށްވެސް ނަސީމް ބުންޏެވެ.

އިތުރަށް ނަސީމް ބުނީ ދެން ކުރިއަށްދާން ބޭނުންވަނީ ދައުލަތުން ވަކީލުން ހަމަޖައްސައިގެން ކަމަށާއި އެކަން ކޮށްދިނުމަށް ޝަރީއަތުގައި އެދޭކަމަށެވެ. ނަސީމްގެ މި ބުނުމަށް މޫސާ ޔޫސުފް ވެސް ވަނީ އެއްބަސްވެ އޭނާވެސް ދައުލަތުގެ ވަކީލެއް ބޭނުންވާކަމަށް ބުނެފައެވެ.

މިފަދަ ޖިނާއީ މައްސަލަތަކުގައި ވަކީލެއް ހަމަޖެއްސުމުގެ ގާބިލުކަން ނެތްކަމުގައިވާނަމަ އެޓާނީ ޖެނެރަލް އޮފީހުން ވަކީލުން އައްޔަންކޮށްދެއެވެ.

މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހުވަނީ ދައުލަތުން 14 ދުވަސް ތެރޭ ލިޔުންތަކުގެ ސާފު ކޮޕީ ދައުވާ ލިބޭ މީހުންނަށް ދިނުމަށް އަންގަވާފައެވެ. އަދި ދެން މައްސަލަ ކުރިއަށް ގެންދާނީ ވަކީލެއް އައްޔަން ކުރުމަށްފަހު ހެކި ދިރާސާ ކުރުމަށް ޖުމްލަ 30 ދުވަހުގެ މުއްދަތަކަށް ފަހު ކަމަށް ގާޒީ ވިދާޅުވިއެވެ.

ދެން އޮންނަ އަޑުއެހުމެއްގައި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށްފަހު ހުލާސާ ބަޔާން އިއްވާނެ ދުވަހަކާއި ހުކުމް ކުރާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ހެއްކާމެދު ވާހަކަ ދައްކާނެ އަޑުއެހުމެއް އޮންނަ ވަކި ދުވަހެއް ގާޒީ އިއުލާނެއް ނުކުރައްވައެވެ.

comment ކޮމެންޓް