ދީން ހިމާޔަތްކުރަން އެންމެ ގިނަ މަސައްކަތްކުރީ އެމްޑީޕީގެ ވެރިކަމުގައި: ޒަރީރު

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު --- ފޮޓޯ/ މަޖިލިސް

އިސްލާމްދީން ހިމާޔަތް ކުރަން މިހާތަނަށް އެންމެ ގިނަ މަސައްކަތްތައް ކޮށްފައި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހިމެނޭ ސަރުކާރުތަކުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު ވިދާޅުވިގޮތުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް ގާބޫނޫލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހާ ބެހޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. ޒަރީރު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީއަކީ ލާދީނީ ފިކުރަށް ތާއިދު ކުރާ ޕާޓީއެއްކަމަށާއި ދީން ހިމާޔަތް ކުރާނީ އެމީހުން ކަމަށް ބުނި ނަމަވެސް، އެމީހުންގެ ބަހާ އަމަލާ ދިމާނުވާކަމަށެވެ. އެގޮތުން އިސްލާމްދީން ހިމާޔަތްކުރުމަށްޓަކާ އިދިކޮޅުން ހަމައެކަނި ވާހަކަދައްކަނީ ކަމަށާއި އަމަލުން އެއްވެސް މަސައްކަތެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިދިކޮޅުން، ހާއްސަކޮށް އެމްޑީޕީއާ އިދިކޮޅުން އަބަދުވެސް އަޅުވާނެ އެމްޑީޕީ ބޮލުގަ ލާދީނީ ފިކުރު. އެހެންނަމަވެސް މިއަދު ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ އެންމެ ބޮޑު އެއް ހަގީގަތަކީ އެމްޑީޕީއަށް ނިސްބަތްވާ، އެމްޑީޕީ އެ ވެރިކަމެއްގެ ތެރޭގައި ހިމެނިގެން، ޝާމިލުވެގެން، އެކުލެވޭ ވެރިކަމެއްގައިކަން މި ރާއްޖޭގައި މިހާތަނަށް އިސްލާމްދީން ހިމާޔަތް ކުރުމަށްޓަކައި އެންމެ ގިނަގުނަ މަސައްކަތްތައް ކުރެވިގެން ދިޔައީ،" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 850އަށް ވުރެ ގިނަ އަހަރުވި ނަމަވެސް ގައުމުގައި އިސްލާމިކް މިނިސްޓްރީއެއް އުފެދުނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.

މީގެ އިތުރުން ނަޝީދުގެ ސަރުކާރުގެ ކުރިން ރާއްޖޭގައި އޮތް ވެރިކަމުގައި ދީނީ އިލްމުވެރިންނަށް ދަރުސް ދިނުމުގައި ހުރަސްތަކާ ކުރިމަތިވި ކަމަށާއި ދަރުސް ދިނުމުގެ ސަބަބުން ގިނަ އިލްމުވެރިންތަކެއް ހައްޔަރު ކުރި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި އެފަދަ ކަންތައްތައް ހުއްޓުވީ ރައީސް ނަޝީދު ކަމަށް ޒަރީރު ވިދާޅުވިއެވެ.

"މިހުރިހާ ކަމެއް ހުއްޓުވާ، ދިވެހިރާއްޖޭގައި އިސްލާމްދީން ދިރުވާ އާލާ ކުރުމަށްޓަކައި، މާތް ވެގެންވާ އިސްލާމްދީން މިގައުމުގަ އެންމެ ވަރުގަދައަށް ހިނގައިގަތީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ،" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ބުނަނީ ނަޝީދަށް ފާޑު ކިޔާނެ އިތުރު ގޮތެއް ނެތުމުންނެވެ. އަދި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެންއޭ)އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅޭ ގޮތުންވެސް އިދިކޮޅުން އެމްޑީޕީއަށް ފާޑުކީ ނަމަވެސް، އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅީ މިހާރު އޮތް ސަރުކާރުގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް މެއި ހަޔެއްގައި ދިން ހަމަލާއާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވާ، އެ ހަމަލާއާ ހަރުކަށި ފިކުރާ ގުޅިފައިވާކަންވެސް ޒަރީރު ފާހަގަ ކުރެއްވިއެވެ. އަދި ހަރުކަށި ފިކުރު ދިރުވާ އާލާ ކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ ހަރަކާތްތައް ހިންގަމުންދާ ކަމަށާއި އެފަދަ ކަންތައްތައް ހުއްޓުވުމަށް ހުރިހާ ޕާޓީއަކުންވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް