ދީނަށް ފުރައްސާރަކުރުން ހުއްޓުވާ ބިލް ހުށައެޅީ ނަމެއްގަ: ތޯރިގު

ޖޫން 1، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގެ ތެރެއިން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު -- ފޮޓޯ/ މަޖިލިސް

އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް މަޖިލީހަށް ހުށަހެޅި ބިލަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހު ޖަޒުބާތުގަ ޖެހިގެން އެމްޑީޕީއިން ހުށަހެޅި ނަފްރަތުގެ ބިލު ފާސް ނުވުމުން، ނަމެއްގައި ހުށަހެޅި ބިލެއް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ދީނަށް ކުރާ ފުރައްސާރަ ހުއްޓުވުމަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ގޮތުގައި އިތުރުކުރަން ނިންމާފައިވަނީ އެންމެ ނަންބަރެކެވެ. އެ އިސްލާހުގައި ބުނާގޮތުން މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައާއި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަަމަލުން ފުރައްސާރަކުރުމަކީ ކުށެކެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ދީނަށް ކުރާ ފުރައްސާރަ ހުއްޓުވުމުގެ ބިލަށް ބަހުސްކުރައްވަމުން ތޯރިގު ވިދާޅުވީ، އެ ބިލަކީ ނަފްރަތުގެ ބިލުގެ ސަަބަބުން އެތައް އާންމުންނަކާއި ދީނީ އިލްމުވެރިންނެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުރުވުން އެ ހޫނު މަޑުކުރަން ހުށަހެޅި ބިލެއް ކަމަށެވެ.

އެގޮތުން އެ ބިލުގައި އެންމެ ނަންބަރެއް ހިމެނިފައި އޮތުމުން، އެ ބިލުގެ މަގްސަދަކީ ހަމައެކަނި "އިސްލާމްދީން ހިމާޔަތްކުރަން" ވެސް ސަރުކާރުން ބިލެއް ހުށަހެޅީމޭ ބުނުން ކަމަށާއި އެއީ ހަމައެކަނި ދައްކާލި ދަޅައެއް ކަމަށް ތޯރިގު ވިދާޅުވިއެވެ.

"އިސްލާހު ހަގީގަތުގަ ހުށަހަޅާފަ އޮތީ މީގެ ކުރިން ސަރުކާރުން، ހާއްސަކޮށް ދީނަށް ފުރައްސާރަކުރާ މީހުން ހިމާޔަތްކުރުމަށްޓަކައި ބަންޑާރަ ނައިބު ރައީސް އޮފީހަށް ފޮނުވައި އަދި މިތަނަށް ފޮނުވި ބިލު، އެ ބިލާ ދޭތެރޭގަ ރައްޔިތުންގެ ނުތަނަވަސްކަން އުފެދި އެތައް ކައުންސިލަކާ އެތައް ދީނީ އިލްމުވެރިންނަކާ އެތައް ބަޔާންތަކެއް ނެރުމުން އޭގެ ބަދަލުގަ، ނުވަތަ އޭރު އައި ހޫނުކަން މަޑުކުރަންވެގެން ހަމައެކަނި ނަމެއްގައި އެންމެ ނަންބަރެއް އިތުރުކޮށްލާފަ، މީ ހަމަ ދަޅައެއް ދައްކަންވެގެން ހަދާފަ އޮތް ބިލެއް،" ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ 1994 އިން ފެށިގެން ރާއްޖޭގެ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމަށް ގާނޫނެއް ހަދައި އަމަލުކުރަމުންދާ ކަމަށެވެ. އެ ގާނޫނުގެ ހަތަރުވަނަ މާއްދާގައިވެސް، ރާއްޖޭގެ ދީނާ ހިލާފު ވާހަކަތައް ދައްކާ މީހުންނަށް އަދަބު ކަނޑައެޅޭގޮތަށް އެބަ އޮތް ކަމަށާއި، އަދި ގާނޫނޫލްއުގޫބާތުގަވެސް އިސްލާމްދީނަށް ތައުހީނުކުރާ މީހުންނަށްދޭނެ އަދަދު އެބަ އޮތް ކަން ތޯރިގު ފާހަގަކުރެއްވިއެވެ.

"އެހެންވީމަ މިހާރު މިތަަނަށް ހުށަހެޅިފައިވާ މި ބިލަކީ، މި ދެ ފޮޅުވަތުގެ ބިލަކީ މީގެ ކުރިން، ހާއްސަކޮށް ރައީސް ނަޝީދަށް މި އައި ހަމަލާއަށްފަހު ޖަޒުބާތުގަ ޖެހިގެން މިތަނަށް އެމްޑީޕީގެ ފަލްސަފާއާ އެއްގޮތަށް ފޮނުވި ބިލު ފާސް ނުވެގެން ދިޔައީމަ، ނުވަތަ އެ ފާސްކުރަން އުޅުނު ދުވަސްވަރު ރައްޔިތުންގެ ނުތަނަވަސްކަން އޮތީމަ އޭގެ ބަދަލަށް، ރައްޔިތުން ފިނިކުރަންވެގެން އިސްލާމްދީން ހިމާޔަތްކުރުމަށްޓަކައިވެސް ތިމަންނަމެން އެމްޑީޕީގެ ސަރުކާރުން ބިލެއް ހުށަހެޅީމޭ ބުނަންވެގެން ހުށަހެޅި ބިލެއް މީ،" ތޯރިގު ވިދާޅުވިއެވެ.

ތޯރިގު އިތުރަށް ވިދާޅުވީ ސަރުކާރުން ކުރިން ހުށަހެޅި ނަފްރަތުގެ ބިލުގެ ތެރޭގައިވެސް ދީން ހިމާޔަތްކުރުމުގެ ވާހަކަ ގެނެވުނީސް ކަމަށާއި، ދެ ބިލެއް ވަކިވަކިން މަޖިލީހަށް ފޮނުވައިގެން ރައްޔިތުން ވާވެއްދުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ -- ފޮޓޯ/ މަޖިލިސް

ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރު ބަޔާންކޮށްފައިވާ ގޮތުން މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގްރީރުކުރުމަކީ އިސްލާމްދީނާ އިދިކޮޅު އަމަލެކެވެ.

އަދި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުން؛ ނުވަތަ ދިވެހިރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ އަޅުކަންކުރަން ގެންގުޅޭ ބުދު ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުމަކީވެސް އިސްލާމްދީނާ ދެކޮޅު އަމަލެކެވެ. އަދި އެއީ ކުށެކެވެ.

އޭގެ އިތުރުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީވެސް ދީނާ ދެކޮޅު އަމަލެއް އަދި ކުށެކެވެ.

https://sun.mv/154064

މިއީ ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާ ތަފާތު ބިލެކެވެ. ނަފުރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސްވެފައެއް ނުވެއެެވެ.

comment ކޮމެންޓް