"އަފްގާނަށް ދިމާވިގޮތް ވުމުގެ ކުރިން ސަރުކާރުގެ ސިޔާސަތު ހަރުދަނާކުރަންޖެހޭ"

މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު---

އަފްގާނިސްތާނަށް ދިމާވިގޮތް ރާއްޖެއަށް ދިމާވުމުގެ ކުރިން ހަރުކަށި ފިކުރާމެދު ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް ގަނޫނުލްއުގޫބާތަށް އިސްލާހުގެނައުމުގެ ބިލަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއަށް ޓެރަރިޒަމްގެ ބިރު އޮތްކަން ކުރިންވެސް އޮތީ އެނގިފައި ކަމަށެވެ.

ނަމަވެސް މީގެ ކުރިން ދުވަހަކުވެސް ސިޔާސީ މީހުންނަށްވެސް ބިރުވެރިކަން ނެތް މިންވަރަށް މިއަދު ރާއްޖޭގައި ބިރުވެރިކަން އޮތްކަން ރިޕޯޓުތަކުން ހާމަވަމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މީހުންނަށް މަރުގެ އިންޒާރު ދިނުމައި ހަރުކަށި ފިކުރު ރާއްޖޭގައި އިތުރުވެގެންދިޔައީ މި ސަރުކާރުން ޓެރަރިޒަމްއާއި، ހަރުކަށި ފިކުރާއި، "ލާދީނީ" ފިކުރާ ދޭތެރޭ ގެންގުޅޭ ސިޔާސަތުތައް ފެއިލްވުމުން ކަމަށެވެ.

"އެހެންވީމަ މި ދަންނަވަނީ، އަފްގާނިސްތާނަށް ދިމާވިގޮތަށް، ދިވެހިރާއްޖެއަށް ދިމާވުމުގެ ކުރިން އަސްލު މައްސަލައަށް އަޅުގަނޑުމެން އެބަޖެހޭ އެޑްރެސްކުރަން. އަޅުގަނޑުމެން މިތަނުގަ ހަނދާން ނައްތާލައިގެން ނުވާނެ މިއަދު ރާއްޖޭގެ އެކި މުއައްސަސާތަކުގަ އެބަތިބި މީގެ ކުރިން ހަރުކަށި ފިކުރު ކަމަށް ގަބޫލުކުރެވޭ މީހުން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަރުކަށި ފިކުރު މީހުން ދައުލަތުގެ މުއައްސަސާތަކުގައި ތިބިކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެމީހުން މުއައްސަސާތަކުގައި ތިބެގެން ކުރާ ކަންކަމުގެ މައުލޫމާތު ސަރުކާރުގައި ނެތުމަކީ ސަރުކާރުގެ "ފެއިލިއާ" ކަަމަށެވެ.

"ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ހަރުކަށި ފިކުރުކަމަށް ބެލެވޭ މީހުންނަށް ވަޒީފާ ނުދިން މީހުން މިއަދު ތިބީ ޖީލުތައް ހަލާކުކޮށްލެވޭ ކަހަލަ މަގާމުތަކުގަ،" އާދަމް ޝަރީފް ވިދާޅުވިއެެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން މުއައްސަސާތަކުގައި ތިބި ތިބުމަށް ސަރުކާރުން އަޅައިނުލުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ޓެރަރިޒަމް އަދި ދީނީ ހަރުކަށި ފިކުރުގެ އިތުރުން އެއްވެސް ދީނެއް ގަބޫލު ނުކުރުމުގެ މައްސަލަތަކަށް ފުންކޮށް ވިސްނައި، ހިކުމަތްތެރިކަމާއެކު މަސައްކަތް ނުކުރެވިއްޖެނަމަ އެފަދަ މައްސަލަތައް ހައްލުނުވެ ތަކުރާރުވަމުންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މި މައްސަލަ ހައްލުނުވެ ތަކުރާރުކޮށް މިހެން ވާކަމުގައި ވެއްޖިއްޔާ، ދިވެހިރާއްޖޭގައި ބޮޑެތި ގަތުލްއާއްމުތައް ހިންގަން ފަށާނެ ކަމުގެ ބިރުވެރިކަން އުފެދުނީމަ، ބޭރުގެ އަސްކަރިއްޔާއަކުން މިތަނަށް އަރައި ހަމަ އަފްގާނިސްތާނަށް ހެދިގޮތް ހަދާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެން އެކަން ވުމުގެ ކުރިން ސަރުކާރުން އެކަންކަމާ ދޭތެރޭ ހަރުދަނާ ފިޔަވަޅު އަޅަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް