ހިމަންދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 119ގައި

އއ. ހިމަންދޫ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޮނިޓަރިންގައި އޮތް އއ. ހިމަންދޫގައި މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު 119 އަށް އަރައިފިއެވެ.

މި މަހުގެ ތިންވަނަ ދުވަހު އއ. ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ ޑައިރެކްޓް ކޮންޓެކްޓެއްގެ ހަތަރު ސާމްޕަލެއް ޕޮޒިޓިވް ވެގެންނެވެ.

މިހާތަނަށް ހިމަންދޫއިން 262 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރެއިން 143 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ހިމަންދޫގައި މިވަގުތު 119 އެކްޓިވް ކޭސް އެބަ ހުއްޓެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ހިމަންދޫ ހެލްތް ސެންޓަރުގެ ފަރާތުން ވިދާޅުވީ، ޕޮޒިޓިވް މީހުންގެ ތެރޭގައި ހައިރިސްކް 15 މީހުން ތިބި ނަމަވެސް، ޖުމްލަކޮށް އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ.

މިހާރުގެ ހާލަތަށް ބަލައި، ހިމަންދޫ އާންމު ހާލަތަށް ރުޖޫއަވުމަށް މަހެއްވަރު ނަގާނެކަމަށް އެރަށު ހެލްތު ސެންޓަރުން ލަފާކުރެއެވެ.

ހިމަންދޫއިން ފެނުނު ކޭސްތަކަކީ ޗުއްޓީ ހޭދަ ކުރުމަށްފަހު މާލެ ދަތުރުކުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި ހަތަރު މީހުން ކޭސްއެވެ.

ހިމަންދޫ މިހާތަނަށް ދެ ފަހަރަކު މޮނިޓަރިންއަށް ލައިފައިވެއެވެ. އެ ރަށުން ޕޮޒިޓިވްވެގެން ހާލުދެރަވެގެން މާލެ ގެނައި މީހަކު ވަނީ ބަލީގައި މިފަހުން މަރުވެފައެވެ. އަދި އެ ރަށުގެ މާބަނޑު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން ވަނީ މާލެއަށް ބަދަލުކޮށްފައެވެ.

ހައިރިސްކު ޕޮޒިޓިވް ކޭސްތަކާއެކުވެސް މިވަގުތު އެރަށުގައި ހާލުދެރަ ބަލިމީހެއް ނެތް ކަމަށް އެރަށު ހެލްތް ސެންޓަރުން ބުނެއެވެ.

comment ކޮމެންޓް