ޔާމީން ރަޝީދުގެ މަރުގެ މަައްސަލައިގައި ޕީޖީ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަނީ

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް ޕްރޮސިކިޔުޓާ ޖެނެރަލް ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖުޑިޝަރީ ކޮމިޓީގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ އަންނަ ބުދަ ދުވަހު ޕީޖީ ހާޒިރުކުރުމަށް ނިންމާފައިވާކަމަށެވެ.

"ޕީޖީ ހާޒިރުކުރަނީ މި މައްސަލައާ ގުޅޭގޮތުން ޖެނެރަލީ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްލުމުގެ ގޮތުން. ދެން މިކަމާ ގުޅޭ ގޮތުން ސުވާލުކޮށް މައުލޫމާތު ސާފުކޮށްލުމުގެ ގޮތުން ޕީޖީ ހާޒިރުކުރަނީ،" މެމްބަރު ވިދާޅުވިއެވެ.

ހަމައެއާއެކު މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޔާމީން ރަޝީދުގެ ދައްތަގެ ސިޓީއެއްވެސް މިދިޔަ ޖޫންމަހުގެ ތެރޭ މަޖިލީހަށް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު މި މައްސަލައާ ގުޅިގެން ކޮމިޓީގެ މެމްބަރުންގެ މެދުގައި ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަންކަން ޕީޖީ އާ ހިއްސާކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލައިފައިވަނީ އޭޕްރިލް 23، 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މ. ސްޕެޓީއުލާ ގޭ ސިޑި ކައިރިއެވެ.

ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ވަނީ ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ.

އެއީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް، އިސްމާއިލް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންނަށް ހުކުމް އިއްވުން އަންނަ ޑިސެމްބަރު މަހަށް ވަނީ ތާވަލުކޮށްފައެވެ.

comment ކޮމެންޓް