އެމްއެންޕީ އަކީ ގައުމީ ފިކުރެއް، އެއްވެސް ނުފޫޒަކަށް ނުގުޑާނެ: ރިޔާޒު

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އުފައްދަން މަސައްކަތް ކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަކީ ގައުމީ ފިކުރެއް ކަމަށާއި އެހެންކަމުން އެ ޕާޓީ އަކީ އެއްވެސް ނުފޫޒަކަށް ގުޑާނެ، ޕާޓީއެއް ނޫން ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އުފެއްދުމުގެ މުހިއްމު ބައިވެރިއެއް ކަމުގައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޔާޒު "ސަން"އަށް ވިދާޅުވީ އެމްއެންޕީ އަކީ މުސްތަގުބަލުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ރަސްކަން ކުރާނެ ޕާޓީއަކަށް ހަދާނެ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ޕާޓީ ވަރުގަދަ ވަމުން އަންނަ މަންޒަރު ފެނުމުން ސިޔާސީ ބައެއް ފަރާތްތަކުގެ މޭކަރާނެ ކަމަށެވެ. ނަމަވެސް ކުރާނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތައް، ގުގުރި ނިދީގައި ތިއްބާ، އެމީހުންނަށް ނިދިން ހޭލެވި ދުނިޔެވެރިކަންވީ އެމްއެންޕީ ކިޔާ ޕާޓީއެއް އުފައްދަން އުޅޭ ކަމުގެ އަޑުފަށްގަނޑަށް ކަމަށެވެ.

"މި ޕާޓީ ދެކެ ސިޔާސީ ބައެއް ބޭފުޅުން ޖެހިލުންވަނީ. އެމީހުންނަށް އެބަ އެނގޭ މި ޕާޓީ ވަރުގަދަ ވާނެކަން. އިންޓާނަލް ޑިމޮކްރެސީ ހަރުދަނާ ވާނެކަން. އަދި ރައްޔިތުންގެ ތާއީދު ލިބޭނެކަން އެމީހުންނަށް އެބަ އެނގޭ. އެހެންވެގެން އެމްއެންޕީގެ ތިއްބެވި ބޭފުޅުންނާ ބެހޭގޮތުން ދޮގު ވާހަކަތައް އެ ފަތުރަނީ. މި ޕާޓީއަކީ ގައުމީ ފިކުރު. ގައުމީ ފިކުރުގެ މީހުން ތިބީ ކޮންތާކުކަން ރައްޔިތުންނަށް މިހާރު އެބަ އެނގޭނެ. އަސްލު މިވާ ގޮތަކީ ރަނގަޅު ސިސްޓަމެޓިކް ޕާޓީއެއް އަންނާތީ އެމީހުން ޖެހިލުން ވަނީ،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެމްއެންޕީ އަކީ ވަކި މީހެއްގެ ނުފޫޒުގެ ދަށުވެ، ކުޑަކަކޫ ޖަހައިގެން ހަމަހިމޭނުން އޮންނާނެ ޕާޓީއެއްނޫން ކަމަށެވެ.

އޭގެ ބަދަލުގައި ޕާޓީ ބައްޓަން ކުރާނީ ސިޔާސީ ދާއިރާއިން ގައުމަށް ޚިދުމަތް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ލިބޭނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއެންޕީގެ އިސް ސަފުގައި ތިއްބެވީ ރައްޔިތުންގެ އިހްސާސްތަކާއި ކަންބޮޑުވުންތައް ރަނގަޅަށް އެނގޭ، ވަރަށް ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ.

ރިޔާޒް ވިދާޅުވީ ޕާޓީ ހިންގަން ގަސްތު ކުރަނީ ވަކި މީހެއްގެ ފައިބުޑަށް ނުވެއްޓި ވަރަށް މިނިވަންކަމާއެކީގައި ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ބުނަމުން އަޅުގަނޑުމެން ނުކުތީމަ އެހެން ޕާޓީ ތަކަށް ހިމޭނުން ނުތިބެވޭނޭ. އަޅުގަނޑުމެން މި އަންނަނީ ބޮޑު ބަދަލެއް ރާއްޖޭގެ ސިޔާސީ މަޝްރަހަށް ދައްކަން ވެގެންނޭ. އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭން. އުފާވެރި ދިރިއުޅުމެއް އެމީހުންނަށް ހޯދައިދޭން. ހަމަހިމޭން މުޖުތަމުއެއް ގާއިމް ކޮށްދޭން. އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތެއް ކޮށްދޭން،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ޖެހިލުންވާވަރުގެ އެއްވެސް ޕާޓީއެއް ނެތް ކަމަށާއި އެހެންކަމުން އެ ޕާޓީން ނެރޭ ކެންޑިޑޭޓަށް އިންތިޚާބު ކާމިޔާބު ނުކުރެވޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ޖެހިލުންވާ ވަރުގެ މީހަކު ނުހުންނާނެ. 2023 ގަ އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރާއްޖޭގެ އެންމެ މަގުބޫލު ކެންޑިޑޭޓަށް ވާނެކަން ކަށަވަރު،" ރިޔާޒް ވިދާޅުވިއެވެ.

އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.

އުޝާމާއި ކާނަލް ނާޒިމްގެ އިތުރުން މިހާތަނަށް އެ ޕާޓީއާ ގުޅިވަޑައިގެންފައިވަނީ އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންފައިވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

comment ކޮމެންޓް