އަނެއްކާވެސް ފަތުރުވެރިންތަކެއް މަގުމަތިކޮށްލައިފި

ކަރަންޓީނުވާން ރާއްޖެއައި ފަތުރުވެރިންތައް މަގުމަތިވެފަ --- ސަން ފޮޓޯ/ފަޔާޒު މޫސާ

އަނެއްކާވެސް ކަރަންޓީނަށް ރާއްޖެއައި ފަތުރުވެރިންތަކެއް މަގުމަތިކޮށްލައިފިއެވެ. މަގުމަތިވީ ފަތުރުވެރިންގެ ތެރޭގައި ޖުމްލަ 13 މީހުން ހިމެނެއެވެ. މިއީ އަދި ގެނައި ފަތުރުވެރިންގެ ތެރެއިން ޖުމްލަ އަދަދު ކަމެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް މިއަދު މާލޭގެ ރިންގް ރޯޑުގައި ހުންނަ ޓައިޑްސް ކެފޭ ކައިރީގައި މަގުމަތިވެފައި ތިބީ 13 ފަތުރުވެރިންނެވެ.

އެމީހުން ރާއްޖެ އައީ ރާއްޖޭގެ އެޖެންޓެއް މެދުވެރިކޮށްކަމަށް އެތަނުން އެއް ފަތުރުވެރިޔަކު "ސަން"އަށް ކިޔައިދިނެވެ. ރާއްޖެ އައިސް އއ. ބޮޑުފޮޅުދޫގައި 14 ދުވަސް ކަރަންޓީނުގައި ތިބުމަށްފަހު، އެމީހުން އިއްޔެ މާލެ އައީ މިއަދު ފުލައިޓު އޮތް ކަަމަށް މާލޭގައި ހުރި އެޖެންޓު އެންގުމުން ކަމަށް އެ ފަތުރުވެރިޔާ ކިޔައިދިނެވެ.

ނަމަވެސް މިއަދު ފުލައިޓު އޮންނާނެކަަމަށް ބުނެ، އެމީހުން އިއްޔެ މާލެ ގެނެސް ހަތް ގަޑިއިރު ވަންދެން ފެރީ ޓާމިނަލް ސަރަހައްދުގައި ބޭތިއްބި ކަމަށް އެމީހާ ކިޔައިދިނެވެ. އަދި މިއަދުވެސް ފުރޭނެ ގޮތެއް ހަމަޖެހިފައި ނެތުމުން އެމީހުން ވަންނާނެ ތަނެއް ނެތިފައި ތިބިކަމަށް އެމީހާ ކިޔައިދިނެވެ.

"މިހާރު އެޖެންޓު އުޅެނީ އަހަރެމެން ގެސްޓުހައުސްއެއްގަ ބައިތިއްބަން. އެޖެންޓު އަހަރެމެންނާ ވާހަކަދައްކަނީ ވަރަށް ހަޑިކޮށް. ހަޑި އެއްޗިހި ކިޔާ އަހަރެމެންގެ ގައުމަށް ނިސްބަތްކޮށް، މިހާރު އަނެއްކާވެސް މިރޭ ހުންނަން ގެސްޓު ހައުސްއަށް ޕޭކުރަން ޖެހެނީ. އެއަށްފަހު މާދަމާ ސައުދީއަށް ދާން ފުރެނީ، އަހަރެމެން ބޭނުންވަނީ މިރޭވެސް ރަނގަޅު ތަނެއްގަ މަޑުކޮށްލަން ހަމައެކަނި، އެކަމަކު އޭނަ އެ ދޮގު ހަދަނީ،" އެމީހާ ކިޔައިދިނެވެ.

އަމިއްލަ ގައުމާއި ރާއްޖޭގައި ހުރި އެޖެންޓު މެދުވެރިކޮށް ރާއްޖެ އައުމަށް ފައިސާ ދެއްކި ޕެކޭޖަށް ބޮލަކަށް ހަތާވީސްހާސް ރުފިޔާ ގާތްގަނޑަކަށް ދެއްކި ކަމަށް އެމީހާ ބުންޏެވެ.

ތިބޭނެ ތަނެއް ނެތުމުން، އެ ހުރިހާ ފަތުރުވެރިން މިވަގުތު ތިބީ މަގުމަތިވެފައެވެ. އަދި އެ ސަރަހައްދުގައި މިވަގުތު ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެތަނުގައި ހުރި ދިވެހި އެޖެންޓްކަމަށް އެމީހުން ދެއްކި މީހާ ވަނީ ފުލުހުންނާއި ވާހަކަދައްކަމުން އެ ފަތުރުވެރިންނާއި ހަވާލުވީ ޓޫރިޒަމް މިނިސްޓްރީއިން އެންގުމުންކަމަށް ބުނެފައެވެ.

އަދި އެ ފަތުރުވެރިން އޭނާއަށް އޮޅުވާލައި ދޮގު ހަދާކަމަށާއި އޭނާއާއި އެމީހުން ހަވާލުވާން އެންގި ފަރާތުންވެސް އޮޅުވާލާފައިވާކަމަށް އޭނާ ބުންޏެވެ. އެމީހާ ވަނީ އެތަނުގައި ހުރެ އޭނާއާއި އެ ފަތުރުވެރިންނާއި ދެމެދު އެއްވެސް އެއްބަސްވުމެއް ނޯންނާނެކަމަށާއި އަދި އެމީހުން އޭނާއަށް އެއްވެސް ފައިސާއެއްވެސް ދީފައިނުވާކަމަށް ބުނެފައެވެ. އެހެންނަމަވެސް މިކަން އެ ފަތުރުވެރިން ދަނީ ދޮގުކުރަމުންނެވެ.

ހޮޓަލެއްގެ ނަމުގައި ބުކިން ހައްދައިދީ, އޮޅުވާލައިގެން ރާއްޖެއަށް ގެނައި ފަތުރުވެރިންތަކެއް މި މަހުގެ 15 ވަަނަ ދުވަހުވެސް ވަނީ މަގުމަތިކޮށްލާފައެވެ.

https://sun.mv/155553

އެފަދަ ކަންކަމަކީ އިންސާނީ ވަގުފާރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް