ރައީސް ސޯލިހުގެ ޕާޓީ ހައިސިއްޔަތަކީ އެންމެ އިސް ލީޑަރު: މަބްރޫކް

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް. ފޮޓޯ/ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމަނިކުފާނު ނިސްބަތްވާ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގައި އޮންނަ ހައިސިއްޔަތަކީ ޕާޓީގެ އެންމެ އިސްފަރާތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރައީސް ސޯލިހަށް އެމްޑީޕީގައި އޮންނަ ހައިސިއްޔަތަކީ ޕާޓީގެ އެންމެ އިސް ފަރާތްކަމަށާއި އަދި އެމްޑީޕީގެ ގިނަ މެމްބަރުންނަށް އެކަން ސާފުވާނެ ކަމަށެވެ. މަބްރޫކު މިހެން ވިދާޅުވިއިރު ރައީސް ސޯލިހަކީ ޕާޓީގެ އެންމެ އިސް ލީޑަރު ނޫންކަމަށާއި ރައީސް ނަޝީދަކި އެމްޑީޕީގެ އެންމެ އިސް ލީޑަރުކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ބުނެއެވެ. އަދި ރައީސް ސޯލިހު ދަތުރުތަކުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ޕާޓީ މެމްބަރުންނާއި ބައްދަލުކުރައްވާތީވެ ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

"ރައީސްއަށް ޕާޓީގައި އޮންނަ ހައިސިއްޔަތަކީ، ރިފާ ކުރާ ހައިސިއްޔަތަކީ އެންމެ އިސް ފަރާތެއްގެ ގޮތުގަ. ނުވަތަ ޕާޓީގެ ލީޑަރުގެ ގޮތުގަ. ޕާޓީންވެސް މީގެ ކުރިންވެސް އެގޮތަށް ބޭނުން ކުރައްވާފަ ހުރީ،"

"އަޅުގަނޑަށް ހީވަނީ އެމްޑީޕީގެ ގިނަ މެމްބަރުންނަށް އެކަން ސާފުކޮންހެން އޮންނާނީ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިފަހުން އެކަމާ ބެހޭގޮތުން "ކޮންޓްރޮވާސީތަކެއް" ފެތުރިފައިވާކަމަށެވެ. އަދި އެގޮތަށްވީ ތ. ތިމަރަފުށްޓަށް ރައީސް ކުރެއްވި ދަތުރުފުޅެއްގައި އެމްޑީޕީ މެމްބަރުންނާއި ބައްދަލުުރެއްވިއިރު ހަރުކޮށްފައިން ބެނާއެއްގައި އިސް ލީޑަރު ޖަހާފައި އިނުމުންކަމަށެވެ. މަބްރޫކް ވިދާޅުވީ އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައިވެސް އެގޮތަށް ޖަހާފައި އިންނާނެ ކަމަށާއި އެގޮތަށް ޖަހާފައި އެވަނީ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރެއްވީމާ ކަމަށެވެ. އަދި ރައީސް އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުންކަމަށާއި ރައީސްގެ ހައިސިއްޔަތުން ނޫންކަމަށް މަބްރޫކު ސާފުކޮށްދެއްވިއެވެ.

comment ކޮމެންޓް