އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެކަމަށް ބުނެ ނަޝީދަށް އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

ރ. މީދޫ -- ފޮޓޯ: އެމްއާރްޑީސީ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލައާ ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށެވެ.

"ޝޯޝަލް މީޑިޔާގައި ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލައާ ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓް އަމުރެއްގެ ދަށުން މިއަދުވަނީ ހައްޔަރުކޮށްފައި،" ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ރ. މީދޫއިންނެވެ.

އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާކަމަށްވެސް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހާ ވަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދު އެނބުރި މާލެ އަތުވެއްޖެނަމަ "އަބޫ ޖަހުލަށް ހެދި ގޮތް ހަދާނޭ" ކަމަށް ބުނެ އިންޒާރު ދީފައެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ މޭ ހަވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށް އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނު ވަނީ މިފަހުން މަޖިލީހަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި އެނބުރި ރާއްޖެއަށް އައުމަށް ފަސްޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް