ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް އިއްލެ

ގައުމީ ބާސްކެޓް ޓީމުގެ ކޯޗު އިއްލެ--- ފޮޓޯ: މިހާރު

ރާއްޖޭގެ ގައުމީ ބާސްކެޓް ބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް އިލްޔާސް އިބްރާހިމް (އިއްލެ) ހަމަޖައްސައިފިއެވެ.

އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިން ކަމުގައިވާ އަލީ ފަޒްލީ އަދި މުހައްމަދު ޒިލާލް (ޒިލާ)ގެ އިތުރުން މުހައްމަދު ނަސީރުއެވެ.

ޓީރެކްސް ބާސްކެޓްބޯޅަ ކުލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިއްލެ ވަނީ 12 އަހަރު ދުވަހު އެކްލަބުގައި މަސައްކަތްކޮށްފައެވެ. ޓީރެކްސްގެ އިތުރުން އިއްލެ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އިއްލެ ވަނީ ބާސްކެޓްބޯޅައިގެ އިތުރުން ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައިވެސް ވިދާލާފައެވެ. އެގޮތުން 2004 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ގައުމީ ޓީމަށް ކުޅުމުގެ އިތުރުން އޭނާ ވަނީ ނިއު ރޭޑިއަންޓަށްވެސް ކުޅެފައެވެ.

ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް އިއްލެ ހަމަޖައްސާފައި ވަނީ ކުރިއަށް އޮތް ސާބާ ޗެމްޕިއަންޝިޕު ބާސްކެޓް މުބާރާތަށެވެ.

ސާބާ ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އޮކްޓޫބަރު 21 ވަނަ ދުވަހު ބަންގަލަދޭޝްގައެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮތް ގައުމީ ޓީމު ބައިވެރިވާ ފުރަތަމަ މުބާރާތެވެ.

ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމު ވަނީ 2016 ވަނަ އަހަރުގެ މުބާރާތުގެ ރިހި މެޑަލް ހޯދާފައެވެ. 2018 ވަނަ އަހަރުގެ މުބާރާތުގައި ގައުމީ ޓީމުން ވަނީ ލޯ މެޑެލްވެސް ހޯދާފައެވެ.

comment ކޮމެންޓް