ރަސްފަރީ ފަރަށް އެރި ބޯޓު ފުން ކުރުމުގެ މަސައްކަތް ފަށައިފި

ރަސްފަރީގެ ފަރަށް އަރާފައިވާ އާގު ބޯޓު --- ފޮޓޯ އެމްއެންޑީއެފް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގު ބޯޓު، އެމް.ވީ. ނަވިއޯސް އަމާރީލިސް ފުން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ބޯޓު ފުން ކުރުމަށް ކުރަންޖެހޭ މަސައްކަތް ބޯޓުގެ ވެރިފަރާތުން، ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ.

އެއްވެސް ކާގޯއެއް ނެތް އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔައީ ކަނޑުތަކާ ބެހޭ ގާނޫނުތަކާ އެއްގޮތަށް، އިނޮސެންޓް ޕެސޭޖުގެ ގޮތުގައެވެ.

އެ ބޯޓު ދަތުރު ކުރަމުން ދިޔައީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން، އެފްރިކާ ބައްރަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.

ދިގުމިނުގައި 190 މީޓަރު ހުންނަ އެ ބޯޓު ކ. ރަސްފަރީގެ ފަރަށް އެރީ ކާށިދޫ ކަނޑުގެ ދެކުނުން އިންޖީނު ފެއިލްވުމުގެ ސަބަބުން އޮޔާ ދިޔުމަށް ފަހުއެވެ.

ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާފަދަ އެއްވެސް އެއްޗެއް އެ ބޯޓުން ކަނޑަށް އެޅިފައި ނުވާކަން ޓްރާންސްޕޯޓް އޮތޯރިޓީން ފާހަގަކުރިއެވެ.

އަދި އެ ބޯޓު ދުއްވަން ބޭނުން ކުރަން ރައްކާކޮށްފައި ހުރި ތެޔޮ ކަނޑަށް ބޭރު ނުވާނެ ގޮތަކަށް ބޯޓުގެ ކަންކަން ހަމަޖެއްސުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އުޅަނދުގެ ވެރި ފަރާތަށް އަންގާފައެވެ.

އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި އެ އުޅަނދުގެ ލޯކަލް އޭޖެންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތުގެ އިތުރުން ކޯސްޓްގާޑާއި އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާއި މޯލްޑިވްސް އިމިގްރޭޝަނާއި ޕޯޓް ހެލްތުން ދަނީ ބައިވެރިވަމުންނެވެ.

comment ކޮމެންޓް