މަޑިވަރު ފަޅުން ވެލިނަގާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން: ގޭދޮށު މަސްފެކްޓަރީ ގަރާރު ހުށަހެޅުއްވީ އޭނާ -- ފޮޓޯ/ މަޖިލިސް

އއ. ރަސްދޫ މަޑިވަރު ފަޅު، ނެތި ފަނާވެ ގޮސްދާނެ ގޮތަށް އެ ފަޅުގައި އޮންނަ ވެލިގަނޑު ރިސޯޓުން ވެލި ނަގަމުންދާތީ އެކަން ހުއްޓުވުމަށް ސަރުކާރުގެ ފަރާތްތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.

އއ. ވެލިފިނޮޅު އިތުރަށް ތަރައްގީކުރުމާއި، ވެލިގަނޑު ރިސޯޓު ގިރުން ކޮންޓްރޯލުކުރުމާ ބެހޭ މި މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ޝިޔާން ވިދާޅުވީ، ރަސްދޫ މަޑިވަރު ސަރަހައްދަކީ ގިނަ ބާވަތެއްގެ ކަނޑުގެ ދިރުން ލިބިފައިވާތީ އީޕީއޭއިން 2018 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަން ފަށާފައިވާ ސަރަހައްދެއް ކަމަށެވެ. އެގޮތުން އެ ސަރަހައްދު ހިމާޔަތްކޮށް، މެނޭޖްމެންޓު ޕްލޭނެއްގެ ދަށުން އެ ސަރަހައްދު ބެލެހެއްޓުން ރަސްދޫ ކައުންސިލާ ހަވާލުކުރުމަށް އީޕީއޭއިން ނިންމާފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރު ރަސްދޫ ކައުންސިލަށް އެކަން އަންގާފައިވާ ކަމަށް ޝިޔާން ވިދާޅުވިއެވެ.

މަޑިވަރު ސަރަހައްދަކީ ރަސްދޫއާއި އެ ސަރަހައްދުގެ ގިނަ އާންމު ރައްޔިތުން ގެދޮރު އެޅުމާއި އެނޫންވެސް އެކިއެކި ބޭނުންތަކަށް ޒަމާނުއްސުރެ ވެލިނަގަމުންދިޔަ ސަރަހައްދެއް ނަމަވެސް، އެ ސަރަހައްދު ހިމާޔަތްކުރުުމުގެ ސަބަބުން އީޕީއޭއިން އެކަން މަނާކޮށްފައިވާކަން ޝިޔާން ފާހަގަކުރެއްވިއެވެ.

"ހިމާޔަތްކުރެވިފައިވާ މި ސަރަހައްދާއި (މަޑިވަރު ފަޅާ) ކައިރިން ފަސް ނަގައި ވެލިފިނޮޅުގެ ނަމުގައި ރަށެއް ހެދުމުގެ މަސައްކަތް ކްރައުން ކޮމްޕެނީގެ ފަރާތުން މިހާރު ވަނީ ފެށިފައެވެ. އެ ރަށް ހިއްކުމަށް ވެލިނަގަމުން ގެންދަނީ މީގެ ކުރިން އީޕީއޭގެ ފަރާތުން އާންމު ރައްޔިތުންނަށް ހިމާޔަތްކޮށްފައިވާތީ ވެލިނެގުން މަނާކޮށްފައިވާ ސަރަހައްދަކުންނެވެ،" ޝިޔާން ވިދާޅުވިއެވެ.

ވެލިގަނޑު ރިސޯޓުން ވެލިނެގުން ކުރިއަށްގެންދާއިރު އަތޮޅު ކައުންސިލާއި، އެ ސަރަަހައްދުގެ އެއްވެސް ރަށަކާ މަޝްވަރާކޮށްފައި ނުވާ ކަމަށާއި، އެ ކަމަކީ އީޕީއޭއިން ހުއްދަ ލިބިގެން ކުރާ ކަމެއްކަންވެސް އަތޮޅު ކައުންސިލާއި ސަރަހައްދުގެ އެއްވެސް ރަށަކަށް ސާފުނުވާ ކަަމަށް ޝިޔާން ވިދާޅުވިއެވެ.

އޭގެ އިތުރުން، އީއައިއޭ ކޮންސަލްޓެންސީ ތައްޔާރުކުރި އިރު، އީއައިއޭގައި ހިމަނަންޖެހޭ ތިމާވެއްޓަށް އަސަރުކުރާނެ ގިނަ ކަންކަން ނުހިމަނާވާކަން އީއައިއޭ ރިޕޯޓުން ފާހަގަކުރެވިފައިވާތީ ޝިޔާން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓޫރިޒަމްއާ ބެހޭ ގާނޫނާއި ގަވާއިދުން އެނގެން އޮންނަ ގޮތުން ޓޫރިސްޓު ރިސޯޓުތަކުގެ ޑެވެލޮޕްމަންޓު ކުރިއަށް ގެންދެވޭނީ ރަށުގެ ހޭޅިފަށުން ފެށިގެން 500 މީޓަރު އެތެރޭގައެވެ.

"ނަމަވެސް ވެލި ފިނޮޅުގެ ނަމުގައި ވެލިގަނޑު ރިސޯޓުން ބޮޑުކުރަމުން މިދާ ފަސްގަނޑު މިހާރު ތަރައްގީކުރަމުން އެދަނީ އެބޭފުޅުންގެ ބައުންޑަރީން ބޭރުންކަމަށް ދާއިރާގެ ރައްޔިތުން ގަބޫލުކުރެއެވެ. އަދި އެކަމުގެ ސަބަބުން ޝަކުވާ އަންނަނީ ލިބެމުންނެވެ." ޝިޔާން ވިދާޅުވިއެވެ.

ޝިޔާން އިތުރަށް ވިދާޅުވީ ވެލިފިނޮޅު ބޮޑުކުރުމަށް ވެލިނެގުމަށް އަދި ހިލަ ބާޖެއް ކައިރި ކުރުމަށް ވަގުތީ ވެލިބެޑެއް ޖެހުމުގެ ސަބަބުން، އޭގެ ސެގްމެންޓޭޝަން ފެތުރި ސަރަހައްދުގެ މުރަކަތަކުގެ ދިރުމަށް އަސަރުކޮށްފައިވާ ކަމަށާއި، އެ ސަރަހައްދުގެ ކަހަނބު ޕޮއިންޓާއި ހެމާހެޑް ޝާކް ޕޮއިންޓު ކިލަނބުވެ ނުފެންނާތީ އެކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

އެކި ފަހަރު މަތިން ވެލިގަނޑު ރިސޯޓުގެ މުވައްޒަފުން، ހިމާޔަތްކުރެވިފައިވާ މަޑިވަރު ސަރަހައްދާއި ކައިރިން ފަސް ނަގައި ހިއްކުމުގެ ސަބަބުން ޒަމާނުއްސުރެ އެ ސަރަހައްދުގަ އޮންނަ ކަނޑީ ފިނޮޅު މިހާނު ނެތިފަނާވެ ގޮސްފައިވާކަމަށް ޝިޔާން ވިދާޅުވިއެވެ.

"އީޕީއޭއިން ހިމާޔަތްކުރެވިފައިވާ ސަރަހައްދަކާއި ކައިރިން އެފަދަ ގޮތަކަށް ތިމާވެއްޓަށް ނުރަނގަޅު ނުހަނު ގެއްލުންވާގޮތަށް އަމަލުކޮށްފައިވާތީ، އެކަމަކީ މުޅި ސަރަހައްދުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަކަށް ފެންނާތީއާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދެއް ނެތިގޮސްދާނެ ކަމުގެ ބިރާއި، ކޮޅެއް މެދެއް ނެތް ގޮތަށް ރިސޯޓުތަކުން ބައުންޑަރީ ހިތުހުރި ގޮތަކަށް ބޮޑުކުރާ ބޮޑުކުރުން ހުއްޓުވުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވާލައި މިކަމަަށް ދާއިމީ ހައްލު ހޯދައިދިނުމަށް މައްސަލަ ހުށަހަޅަން،" ކަމަށް ޝިޔާން ވިދާޅުވިއެވެ.

ވޯޓުގައި ބައިވެރިވި 31 މެންބަރުންގެ ވޯޓުން މި މައްސަލަ ވަނީ މަޖިލީހަށް ބަލައިގަނެފައެވެ.

comment ކޮމެންޓް