އާސެނަލްއަށް ބައްޔަކަށްފަހު ބައްޔެއް، ސީޒަންގެ ފެށުން މުޅިން ގޯސް!

އާސެނަލް ކޮޅަށް ގޯލު ޖެހުމަށްފަހު ޖޭމްސް އުފާފާޅު ކުރަނީ: އެ މެޗުން ޗެލްސީ މޮޅުވީ 0-2 ގެ ނަތީޖާއަކުން --- ފޮޓޯ/ގެޓީ އިމޭޖެސް

އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ވެސް ބަލިވެފައި އޮތް އާސެނަލް، ޗެލްސީ އަތުން ވެސް ބަލިވެ ސީޒަނުގެ ފެށުން އިންތިހާއަށް ގޯސްވެއްޖެއެވެ.

އާސެނަލުގެ އެމިރޭޓްސް ސްޓޭޑިއަމުގައި ރޭ ކުޅުނު ލަންޑަން ޑާބީ މެޗުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ލީގުގެ ފުރަތަމަ މެޗުގައި މި ސީޒަނަށް އަލަށް ކޮލިފައިވި ބްރެންޓްފޯޑް އަތުން ވެސް 0-2 އިން ލިބުނު ބައްޔާއެކު މިއީ އާސެނަލުގެ ތާރީހުގައި ވެސް ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވި ތިންވަނަ ފަހަރެވެ. އެންމެ ފަހުން އެ ޓީމު ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވެފައިވަނީ 2018-2019 ވަނަ ސީޒަނުގައެވެ.

މެޗުގައި ޗެލްސީން ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ރީސް ޖޭމްސް ދިން ބޯޅައަކުން ރޮމެލޫ ލުކާކޫ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި މެޗުގައި ލުކާކޫ ލަނޑު ޖެހިއިރު، މިއީ އަލުން އަނބުރާ ޗެލްސީއަށް ބަދަލުވުމަށްފަހު ލުކާކޫ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

މިދިޔަ ސީޒަންގައި އިންޓަ މިިލާނަށް ސެރީ އާގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ލުކާކޫ އަލުން ޗެލްސީ އަށް ގެންދަން އެ ޓީމުން ވަނީ 132 މިލިއަން ޑޮލަރު ހޭދަ ކޮށްފަ އެވެ. އެއާއެކު ލުކާކޫ ވެފައިވަނީ ޗެލްސީގެ ތާރީހުގައި އެ ޓީމުން އެންމެ އަގުބޮޑުކޮށް ގެނައި ކުޅުންތެރިޔާއަށެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ސައުތެމްޓަނާއި ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ސައުތެމްޓަނުގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. ސައުތެމްޓަނުން ލީޑު ނެގި ލަނޑަކީ މެޗުގެ 30 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ފްރެޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޕައުލް ޕޮގްބާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑެވެ.

ރޭގެ މެޗުތަކުގެ ނަތީޖާތަކާ އެކު މިހާތަނަށް ހަތަރު ޓީމަކުން ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައެވެ. އެއީ ޗެލްސީ، ލިވަޕޫލް އަދި ބްރައިޓޮންގެ އިތުރުން ޓޮޓެންހަމްއެވެ. އަދި އެހެންމެ ތިން ކުލަބަކުން ހަތަރު ޕޮއިންޓް ވަނީ ހޯދައިފަ އެވެ. އެއީ ޔުނައިޓެޑާއި އެވަޓަން އަދި ބްރެންޓްފޯޑްއެވެ.

comment ކޮމެންޓް