ކުޑަކުއްޖާގެ އާއިލާއިން ތިބީ އިންސާފުގެ އިންތިޒާރުގައި، އެއްވެސް އުއްމީދެއް ނެތް!

ހެޔޮލަފާ ސޯލިހު ދަރިންނަކީ އިންސާނާއަށް މި ދުނިޔެމަތީގައި ލިބޭނެ އެންމެ އަގުބޮޑު އެއް ނިއުމަތެވެ. ދެލޮލުގެ ނޫރުފަދައިން ގެންގުޅެމުން އަންނަ ދަރިންނަކީ މާތް ﷲ އަޅުގަނޑުމެނަށް ދެއްވާފައިވާ އެންމެ އަގުބޮޑު ޖައުހަރެކެވެ.

ރޭގަނޑުގެ އަރާމު ނިދިން މަހްރޫމުވެ، ތަނެއްގައި ބުރަކަށި ޖައްސައިނުލާ ހަޔާތުގެ ވަގުތުތައް އެ ހޭދަކޮށްލަނީ އެއްވެސް ވަރުބަލިކަމެއް ލޮޑުކަމެއް ނެތިއެވެ. ފޫހިކަމެއް، ކަންނެތް ކަމެއް ނެތި ހިނިތުންވެ ހުރެއެވެ. މިފަދަ ބުރަ މަސައްކަތުން ބޮޑުކުރާ ދަރިފުޅާމެދު މައިންބަފައިން ލައްކަ ގިނަ އުއްމީދު ކުރާނެއެވެ. ލައްކަ ގިނަ ހުވަފެންތައް ދެކޭނެއެވެ.

އެ ދަރިފުޅު ހެޔޮ ސިއްހަތުގައި ހުރެ ޅަދޮޅުކަންމަތީ ހެދިބޮޑުވާތަން ދެކުމުގެ އުއްމީދެވެ. އިސްލާމީ ތަރުބިއްޔަތުން ޖަރީ ވެފައިހުރި ހެޔޮލަފާ، ސޯލިހު ދަރިއަކު ބޮޑު ކުރުމުގެ ފޮނި އުއްމީދެވެ.

މިފަދަ ބުރައާއި ކެކުޅުމުގެ ތެރޭގައި ޖާނާއި މާލު ގުރުބާން ކޮށްގެން ބޮޑުކުރާ ދަރިފުޅަށް މީހެއްގެ ފަރާތުން ޖިންސީ ގޯނާއެއް ނުވަތަ އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭތަން ލޮލުން ދުށުމަކީ އެ މައެއްގެ ހިތަށް ބަރުދާސްތު ކުރަން ދަތި، އުނދަގޫ އިހްސާސް ތަކެއް ކުރިމަތި ކުރުވާނެ ކަމެކެވެ.

އުތުރުގެ ރަށަކަށް އުފަން މަންމައަކާއި ބައްޕައަކު އެގެންދަނީ ދެލޯ ފަދައިން ބަލައި ބޮޑުކުރަމުން އައި ލޭފަވެތި ތުއްތު ދަރިފުޅަށް ލިބުނު ޖިސްމާނީ އަނިޔާ ތަކެއްގެ ސަބަބުން ހިތްދަތި ދުވަސް ތަކެއް ގުނަމުންނެވެ. އެ ދަރިފުޅުގެ މުސްތަގުބަލަށް އެޅުނު ކަޅު ވިލާގަނޑުގެ އަނިދިރިކަމުން، އަލިކަމުގެ ތެރެއަށް ނުކުމެ ހިތްހަމަޖެހުމުގެ ނޭވާއެއް ލާނެ ހިތްވަރު ނެތި ގޮތް ހުސްވެފައެވެ.

އުމުރުން 14 އަހަރުގެ މަރިޔަމް ރިޝްފާ (އަސްލު ނަމެއް ނޫން)ގެ މަންމަ "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާގެ ލޯބިވާ އަންހެން ދަރިފުޅަށް، ވަނީ ކިޔަވައިދޭ މުދައްރިސްގެ ފަރާތުން ޖިންސީ ގޯނާގެ ހަމަލާ ތަކެއް އަމާޒު ވެފައެވެ.

ރިޝްފާގެ މަންމަ ބުނިގޮތުގައި ދެލޮލުގެ ނޫރުފަދައިން ލޯބިވާ ދަރިފުޅުގެ ޝިކާޔަތު އަޑުއަހާނެ ކަންފަތެއް ފާއިތުވީ ތިންމަސް ތެރޭގައިވެސް މި ގައުމުން ނުފެނުނެވެ. އެހެންވެ އާއިލާ މިވަގުތު ވަނީ ފުން ހިތާމައެއްގެ ތެރެއަށް ޣަރަގުވެފައެވެ.

"ދަރިފުޅު ބުނީ މީޓިން ނިންމާފަ މަޑުކޮށްލުމަށް ޓީޗަރު ބުނުމުން މަޑުކޮށްލައިގެން ހުރީ ކަމަށް. ދެން ހުރިހާ ކުދިން ގެއަށް ދިޔައީމަ ޓީޗަރު ބުނެފިޔޯ ސައިކަލަށް އަރާށޭ. ދެން ގެންގޮސް ވެއްދީ ބޯޅަދަނޑު ކައިރީ ހުންނަ ތިންބުރި ގެއަކަށް ކަމަށް ބުނި. ދަރިފުޅު ބުނީ އެތަނަށް ވެއްދިއިރު ހުރީ ފުލުސް މީހަކާ މުއީނު ސޯ އާއި ދެމީހުންނޯ. ދެން ގެންގޮސް ވެއްދީ ކޮޓަރިއަކަށް ކަމަށް ބުނީ. އެތަނަށް ވެއްދިއިރު ކަޅުކުލައިގެ މާސްކު ތަކެއް އަޅައިގެން ތިބި އިތުރު ބަޔަކު ވެސް އެތެރޭގަ ތިއްބޯ. ކިތައް މީހުން ކަމެއް ނޭނގެޔޯ،" ރިޝްފާގެ މަންމަ ކިޔައިދިނެއެވެ.

ސްކޫލްގެ ޓީޗަރަކު، ދަރިވަރަކާ ބެހުނު ކަމަށް ބުނެ މުޒާހަރާ ކުރަނީ --

ރިޝްފާގެ މަންމަ ބުނިގޮތުގައި މުދައްރިސް، އޭނާގެ ދަރިފުޅު އެހެން ގެއަކަށް ގެންގޮސްގެން ޖިންސީ އަނިޔާދީ، ބަދުއަޚްލާގީ އަމަލުތަކެއް ހިންގީ މަސްތުވާ އެއްޗެއް ބޯންދީގެންނެވެ. މިހާރު ކަންތައް ވާގޮތުން ދަރިފުޅަށް ލިބުނު އަނިޔާއަށް އިންސާފު ލިބޭނެ ކަމުގެ ކުޑަވެސް އުއްމީދެއް ނެތް ކަމަށް މަންމަ ދެކެއެވެ.

"ދަރިފުޅު ބުނީ ކޮޓަރިއަށް ވައްދާފަ ދިނީ ޖޫސް ތައްޓެކޯ. އެ ޖޫސްތަށި ނުބޯން އުޅުނީމަ ފުލުސް މީހާ ބިރުދައްކަން ވެގެން ބުނިއްޔޯ ނުބޮއެފިއްޔާ ހަމަ ވަގުތުން ޕެޓްރޯލް އަޅާ ރޯކޮށްލާނަމޭ. ދެން ވަޅިއެއް ދައްކާފަ ބުނިއްޔޯ މަންމަ ގަޔަށް ވަޅިވެސް ހަރާނަމޭ،" މަންމަ ކިޔައިދިނެވެ.

"ދެން ގަދަކަމުން ޖޫސްތަށި ބޯން ދީފަ ދެ ފަޔާ ދެ އަތް ބެޑުޝީޓަކުން އެއްސިއްޔޯ. ދެން ބުނީ ޖޫސްތަށި ބޯންދިނީމަ އިރުކޮޅަކުން ނޭނގުނޯ ވީގޮތެއް. ކުރިކަމެއްވެސް ނޭނގެއޭ ބުނީ"

ރިޝްފާގެ މަންމަ ބުނީ ކުޑަކުއްޖަކާ ބެހުނުކަމުގެ އެފަދަ ބޮޑު މައްސަލައެއްގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައިހުރި ޓީޗަރަކު ތަހުގީގު ނުނިމެނީސް ދޫވެގެން މިނިވަން ކަމާއެކު މީސްތަކުންގެ ތެރޭގައި އުޅުމުގެ ފުރުސަތު ދިނުމުން ރަށުގެ އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ.

ކުއްޖާއަށް ނަފުސާނީ ގޮތުން އަސަރު ތަކެއް ކޮށްފައިވޭ!

ރިޝްފާގެ މަންމަ ބުނިގޮތުގައި ދަރިފުޅަށް ވަނީ ނަފުސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ފިރިހެނަކު ފެނުނަސް ބިރުން މޫނުގައި ދެއަތް އަޅައި ފިލަން މަސައްކަތް ކުރާ ކަމަށް މަންމަ ކިޔައިދިނެވެ. މަންމަ ކިޔައިދިން ގޮތުގައި ގިނަ ވަގުތު އެ ކުއްޖާ އިންނަނީ އެއްވެސް މީހަކާ ވާހަކަ ނުދައްކައި ކަނަކަށް ވަދެ ހުއްޓުން އަރާފައެވެ.

"ދަރިފުޅު އަބަދު ގަބުވެފަ ހުންނަން ފެށީމަ އަޅުގަނޑު ސުވާލުކުރީ ދަރިފުޅާއޭ މީހަކު ބެހުނީތޯ. އެހީމަވެސް ވާހަކައެއް ނުދައްކާ. ހަމަ ހުންނަނީ. އަޅުގަނޑު ދެން ސުވާލުކުރީ ސުކޫލުން ކުއްޖަކު ބެހުނީތޯ. އެހީމަ ބޮލުން މި ބުނަނީ ނޫނެކޭ. ދެން އަޅުގަނޑު އެހީ ޓީޗަރެއް ބެހުނީތޯ. ބުނީމަ އިރުކޮޅަކު ވިސްނަން އިނދެފަ އަނެއްކާވެސް ބޮލުން ބުނަނީ އާނއެކޭ" ރިޝްފާގެ މަންމަ ކިޔައިދިނެވެ.

"ދެން މޭމަތީގަ އަތްލާފަ އަޅުގަނޑު ސުވާލުކުރީ މިތަނުގަ އަތްލިތޯ. އިރުކޮޅަކު ހިމޭނުން އޮވެފަ ބޮލުން ބުނީ އާނއެކޭ އަތްލިއޭ. ދެން ކުރިމަތި ފަރާތުގަ އަތްލާފަ އަޅުގަނޑު އެހީ މިތަނުގަ އަތްލިތޯ. އަނެއްކާވެސް ބޮލުން ބުނީ އާނއެކޭ."

ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ކުއްޖާގެ އާއިލާއިން ހިއްސާކުރި މައުލޫމާތަށް ބަލައިފިނަމަ މައްސަލައިގެ ސީރިއަސްކަން އިންތިހާއަށް މައްޗެވެ. މި މައްސަލައަކީ ދޫކޮށްލައިގެން އަޅާނުލާ ހަނު ތިބެވޭ ވަރަށްވުރެ މާ ސީރިއަސް މައްސަލައެއްކަން އެނގެއެވެ.

މުދައްރިސަށް ކުރިންވެސް ތުހުމަތުތަކެއް!

އެ ޓީޗަރަށް މީގެކުރިން ވެސް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާކަން އެރަށުގެ އެކި މީހުންނާ ވާހަކަ ދައްކާލުމުން އެނގުނެވެ.

އެރަށު މީހަކު ކިޔައިދިން ގޮތުގައި މަތީ ގްރޭޑް ތަކުގެ ކުދިން ގޮވައިގެން ފަޅު ރަށަކަށް ދަތުރުގޮސް އެ ކުދިންނާ ބެހުނު ވާހަކަ އެކުދިންގެ ދުލުން މިހާރުވެސް މީހުންނަށް ކިޔައިދެއެވެ.

"ސުކޫލުގެ ބޮޑެއްޗަށް ތިބި ކުދިން ފަޅު ރަށްރަށަށް ގެންގޮސް އުޅުނު ގޮތްތަކުގެ ވާހަކަ ރަށުތެރޭ ދެކެވޭ. ބޮޑެތި ގްރޭޑް ތަކުގެ ކުދިން ފަޅުރަށްރަށް ގެންގޮސް މި ހަދާ ގޮތަކީ އިސްކޮޅު ނުކާ ހިސާބަށް ދޫކޮށްލަނީ. ދެން ނޭވާ ހާސްވާން ފެށީމަ ބިރުން ތެޅިގަނެފަ ޓީޗަރުގެ ކޮނޑުގަ އެލިގަންނާނެ ނޯންތޯ. ދެން އޭރު ގްރޭޑް 10 އެއްގަ ތިބި ކުދިން މިހާރު އެތިބީ ސުކޫލު ނިމިފަ. އެކުދިން އެބަބުނޭ ސޯ އެމީހުންނާވެސް ބެހުނު ކަމަށް. އެހެންވީމަ މިކަންވެސް ނުކުރާނެ ކަމަކަށް ގަބޫލެއް ނުކުރާނަމޭ،" އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

ކަންހިގަމުންދާ ގޮތަށް ބަލާއިރު، އެ މައްސަލައިގެ ތަހުގީގަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ.

އެކަމުގެ ހެއްކަކީ އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މުދައްރިސް އެންމެ ފަހަރަކު ވެސް ތަހްގީގަށް ހާޒިކޮށްފައިނުވުން ކަމަށް އާއިލާ އިން ބުނެއެވެ.

މިހާތަނަށް އެކަށީގެންވާ މިންވަރަށް ހެކި ހޯދިފައި ނެތް ކަމަށް ފުލުހުން ބުނާތީ އާއިލާގެ މެމްބަރުން ތިބީ ހައިރާންވެ، އަންތަރީސްވެފައެވެ.

އެ މައްސަލަ ފެންމަތިވުމާއެކު ޖިންސީ ގޯނާ ކުރި ޓީޗަރު ސަސްޕެންޑުކުރިއެވެ. ނަމަވެސް މިހާރު ވަނީ އޭނާގެ ސަސްޕެންޝަން އުވާލާފައެވެ. މިހާރު އެ ޓީޗަރު ދަނީ ސްކޫލް ކުދިންނަށް ކިޔަވައިދެމުންނެވެ. އެފަދަ ބޮޑު ތުހުމަތެއް ކުރެވިފައިވާ ޓީޗަރަކު ސުކޫލަށް ނުކުމެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ކަންކަމުގައި މަސްއޫލުވެގެން އުޅެން ފެށުމަކީ އެތައް ބެލެނިވެރިންނެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

"މިއީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާކަމެއް. މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. ސްކޫލަށް ދަރިވަރުން ފޮނުވަން ވެސް ބެލެނިވެރިން މިހާރު ބިރުގަނޭ،" އެ ރަށު ސްކޫލްގެ ބެލެނިވެރިޔަކު ކިޔައިދިނެވެ.

އިންސާފަށް އެދިއެދި އާދޭސްކުރަން ތިބި އެކުއްޖާގެ އާއިލާ އިން ތިބީ ދަރިފުޅަށް އިންސާފު ނުލިބިއްޖެނަމަ، މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން ވެސް ތައްޔާރަށެވެ.

ކުއްޖާއަށް އިންސާފު ނުލިބޭހާ ހިނދަކު އާއިލާއިން ތިބީ ކުރަމުން އަންނަ މަސައްކަތް ހުއްޓާލާގޮތަކަށް ނޫނެވެ.

"މައްސަލަ ކޮޅެއްގައި ނުޖެހޭހާ ހިނދަކު، ދެއަތް އުރާލައިގެން މަޑަކުން އަޅުގަނޑުމެން ނުތިބޭނަން،" ކުއްޖާގެ މަންމަ ބުންޏެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ ބޮޑެތި މައްސަލަ ތަކުގައި ކޮންމެ މީހަކު ޝާމިލްވިޔަސް އެމީހަކަށް ހައްގުވާ އަދަބު ލިބެން ޖެހޭނެއެވެ. ލޮލަކަށް، ބޮލަކަށް، ހަސަބަކަށް، ނަސަބަކަށް ބެލުމެއް ނެތި އިންސާފު ގާއިމު ކުރެވެން ޖެހޭނެއެވެ.

comment ކޮމެންޓް