ރާއްޖެ އައި މީހެއްގެ އަތުން 83 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސް އިން މިއަދު އަތުލައިގެން މަސްތުވާތަކެތި--- ފޮޓޯ/ކަސްޓަމްސް

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެ ގައުމުގެ ރައްޔިތެއްގެ އަތުން 16.723 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނުކަމަށެވެ.

އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓްމްސް އިން ބުނެއެވެ.

އެމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 16.723 ކިލޯގުރާމް ހުރި ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 83,000,000.000 (އަށްޑިހަ ތިން މިލިއަން) ރުފިޔާއަށް އަރާ ކަަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލައިގައި ޝާމިލްވާ ފަރާތާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް