ރައީސް ސޯލިހުވެސް ބޮޑަށް ތާއިދުކުރައްވާނީ ބަރުލަމާނީއަށް: ވައްޑޭ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) -- ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ބޮޑަށް ތާއީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށްކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ނިޒާމު ބަދަލުކުރަން ގޮވާލާ ތައްޔާރުކުރާ ޕެޓިޝަނާއި ގުޅިގެން ވާހަކަދައްކަވަމުން ވައްޑޭ "ސަން"އަށް ވިދާޅުވީ ރައީސް ސޯލިހުވެސް ހަގީގަތުގައި ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށްކަމަށް އޭނާ ގަބޫލްކުރައްވާކަމަށެވެ.

"ރައީސް ވިދާޅެއްނުވޭ ބަރުލަމާނީ ނިޒާމެއް ނެތެކޭ. ރައީސް އެގޮތަކަށް އެއްފަހަރުވެސް ވިދާޅެއްނުވޭ. އަޅުގަނޑު ދަންނަވާނީ ރައީސް ސޯލިހުވެސް ބޮޑަށް ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ކަމަށޭ. މީގެ ކުރިން އޮތް އެމްޑީޕީގެ ނިޒާމު ވޯޓުގައިވެސް ބަރުލަމާނީ ނިޒާމު ގެންނަން ރައީސް ތާއީދުކުރެއްވި،" ވައްޑޭ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ރައީސް މަސައްކަތްކުރައްވަނީ ސަރުކާރާއެކު އޮތް ކޯލިޝަންގެ މެމްބަރުންތަކެއް އެކުގައި ގޮވައިގެން އުޅުމަށްކަމަށް ވައްޑޭ ވިދާޅުވިއެވެ. އަދި އެހެން ކަންކަން ވުމުގެ ސަބަބުން މިހާރު މިއޮތް ރިޔާސީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ދިނުމާއި ސަރުކާރު ހިންގުމުގައި ބޮޑު ލަސްތަކެއް ދިމާވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެ އަށް އޮތް އެންމެ ރަނގަޅު ނިޒާމުކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން މި ނިޒާމު ގެންނަން ކުރަމުން އަންނަ މަސައްކަތަށް ފުރިހަމަ ތާއީދު އޮތްކަމަށެވެ.

ހަމައެއާއެކު ރާއްޖޭގެ މަޖިލީހުގައިވެސް ގިނަ ކަންކަން ހިނގަމުން އަންނަނީ ބަރުލަމާނީ ނިޒާމެއްގައި ކަންކަން ހިނގަމުން އަންނަ އުސޫލުން ކަމަށް ވައްޑޭ ވިދާޅުވިއެވެ.

"އެމްޑީޕީގެ މެނިފެސްޓޯގައިވެސް އޮތް ކަމެއް މިއީ. އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކުރަން މި ނިޒާމަށް. އެއިރުން ސަރުކާރު ހިންގުމުގައި އޮންނަ ދެ ފަށަލަ އެއް ފަށަލައަކަށް އެބަ ކުޑަވެގެންދޭ. ކަންކަން ކުރަން ފަސޭހަ ވެގެންދޭ. ބަރުލަމާނީ ނިޒާމަކަށް ބަދަލުވާއިރު ބަދަލުކުރަންވާނީ މުޅި ނިޒާމު އެއްކޮށް،" ވައްޑޭ ވިދާޅުވިއެވެ.

https://sun.mv/155824

ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތް ފެށިފައިވާއިރު އެމްޑީޕީ ގައުމީ މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ލިބޭނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ކެނޑިޑޭޓުންނަށްކަމަށްވެސް މިއަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދާއި އެމަނިކުފާނާ އެއްކޮޅަށް އެމްޑީޕީގައި ތިއްބަވާ މެމްބަރުން އަންނަނީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ވަކާލާތުކޮށް ވާހަކަދައްކަވަމުންނެވެ.

comment ކޮމެންޓް