މަހިބަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

މަހިބަދޫގައި ކަލެކްޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއަޔާތުގެ ތެރެއިން -- ފޮޓޯ/މީރާ

އދ. މަހިބަދުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރެޓީ (މީރާ) ގެ ކަލެކްޝަން ސެންޓަރެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު މަހިބަދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، މި ކަލެކްޝަން ސެންޓަރު ހުޅުވައިދެއްވީ އދ. އަތޮޅު ކައުންސިލުގެ ރައީސް، އަލީ ނަސީރެވެ.

މަހިބަދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކޮށްފައިވާ މުހިއްމު މަސައްކަތެއްކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެކަމަށް މީރާއިން ބުންޏެވެ.

އޭގެތެރޭގައި، މީރާގައި ރަޖިސްޓަރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެކަމަށް މީރާއިން ބުންޏެވެ.

މިހާތަނަށް މީރާއިން ވަނީ ރާއްޖޭގެ 18 އަތޮޅެއްގައި އެ އޮތޯރެޓީގެ 19 އޮފީސް ގާއިމްކޮށްފައެވެ.

އަދި އެ އޮފީސްތައް މެދުވެރިކޮށް މީރާއިން ދަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ޓެކްސް ދައްކާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދެން ފަށާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް