ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ހިޔާލަށް ރައީސްގެ މަރުހަބާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ޕެޓިޝަނެއްގައި ސޮއިކުރަންފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވާ ކަމެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބަރުލަމާނީ ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެެއް ނެގުމަށް ގޮވާލައި ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީގެ މެންބަރުންތަކެއް އިއްޔެ ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހުގެ ވިސްނުންފުޅަކީ ކޮބައިތޯ "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކު ވިދާޅުވީ ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ވިސްނުމަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ.

"އެއީ ކީ އަނެއްހެން މާ ބޮޑު ކަމެއް ނޫނޭ މި ދަންނަވަނީ ޕަބްލިކް ނުވަތަ އާންމުން އެކަމަކަށް ބޭނުންވާ ކަމެއްތޯ ބަލަން، ޕަބްލިކް ކޮންސާންއެއްތޯ. ރައީސް ވަނީ ވިދާޅުވެފަ މީގެ ކުރިންވެސް، އިތުރު ގޮތަކަށް އެކަމެއް ނުކުރަން [ވެރިކަމުގެ ނިޒާމު ބަދަލުކުރަން]، ދެން ޕެޓިޝަން އެ ފެށީ އެގޮތަށް ރައްޔިތުން އެދޭތޯ ބެލުމަށްކަމަށްތާ، އެހެންވީމަ ހަމަ އެ ޕެޓިޝަނަށް ވެލްކަމް ހަމަ، އާންމުންގެ ހިޔާލު ހޯދަން،" މަބްރޫކު ވިދާޅުވިއެވެ.

ނިޒާމު ބަދަލުކުރާނަމަ އެކަން ކުރާނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ސޯލިހު ކުރިންވެސް ވިދާޅުވެފައިވާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ ރައީސްގެ އެ ވިސްނުމަކަށް އެކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި ރައީސްގެ ހަމައެކަނި އަމާޒަކީ ވައުދުތައް ފުއްދުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާތަކަކީ އެމްޑީޕީގެ ތެރޭގައި އަބަދުވެސް ކުރިއަށްދާ މަޝްވަރާތަކެއް ކަމަށެވެ. އަދި ނިޒާމު ބަދަލުކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމަކީ މާބޮޑު ކަމެއް ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެއީ އެމްޑީޕީ ތެރޭގަ އަބަދުވެސް ކުރާ މަޝްވަރާއެއް އިނގޭތޯ ވެރިކަމުގެ ނިޒާމު ބަދަލުކުރަން،" މަބްރޫކު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް އެ ނިޒާމު ގެންނަން މަސައްކަތް ކުރަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން ނިޒާމު ބަދަލުކުރަން 2023 ގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަަމަށާއި، ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންވާކަމަށްވެސް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް، އެކަން ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެމަނިކުފާނުގެ ތާއީދު ލިބޭނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ކެނޑިޑޭޓުންނަށްކަމަށްވެސް މިއަދު ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަށް ވަފާތެރި ގިނަ މަޖިލިސް މެމްބަރުންތަކެއްވެސް ދަނީ ބަރުލަމާނީ ނިޒާމު ޕްރޮމޯޓްކޮށް ވާހަކަދައްކަވަމުންނެވެ.

comment ކޮމެންޓް