އަޅުގަނޑުގެ ތާއިދު އޮތީ ބަރުލަމާނީއަށް ތާއިދު ކުރާނަމަ: ނަޝީދު

މިރޭ އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީ ގައުމީ މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ލިބޭނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ކެނޑިޑޭޓުންނަށްކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް އެމަނިކުފާނުގެ ތާއީދު ލިބިގެންދާނެކަމަށެވެ.

ރައީސް ނަޝީދާއި އެމަނިކުފާނާ އެއްކޮޅަށް އެމްޑީޕީގައި ތިއްބަވާ މެމްބަރުން އަންނަނީ އަބަދުވެސް ބަރުލަމާނީ ނިޒާމާ އެއްކޮޅަށް ވަކާލާތުކޮށް ވާހަކަދައްކަވަމުންނެވެ.

އެއާއެކު އެމްޑީޕީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލާ ޕެޓިޝަނަކަށް ސޮއި ހޯދުމުގެ މަސައްކަތް އިއްޔެ ފަށާފައެވެ.

އެގޮތުން ބޮންޑޭ "ސަން"އަށް ވިދާޅުވީ ޕެޓިޝަން ތައްޔާރު ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅެނީ ރައްޔިތުންކަމަށެވެ. އަދި "ރައްޔިތުން ބޭނުންނަމަ ވެރިކަން ބަދަލުކުރެވެން ޖެހޭނެ"ކަމަށެވެ.

ބޮންޑޭ ވިދާޅުވީ ރައްޔިތުން ވޯޓު ދީގެން މިހާރު ގެނެސްފަ އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ރައްޔިތުން އެންމެ އެދޭ ގޮތަށް ސަރުކާރު ނުހިންގޭ ކަމަށެވެ. އަދި މިވަގުތު ރާއްޖެއަށް އެންމެ ބޭނުންވަނީ ދުވަހުން ދުވަހަށް ސަރުކާރު ހިންގޭނެ ފަދަ ފުރިހަމަ ނިޒާމެއް ކަމަށާއި ރައްޔިތުންގެ 70 ޕަސެންޓަށްވުރެ ގިނަ މީހުން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށްފައިވާކަމަށް ބޮންޑޭ ވިދާޅުވިއެވެ.

comment ކޮމެންޓް