ފޭކް ބުކިންގެ މައްސަލަތަކެއް ދަނީ ބަލަމުން: ފުލުހުން

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޭކް ބުކިންއާ ގުޅޭ މައްސަލަތަކެއް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޭކް ބުކިން އާ ގުޅޭ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. އަދި މިހާރު އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަކަމަށެވެ.

"ފޭކް ބުކިން އާ ބެހޭ މައްސަލަތަކެއް ހުށަހެޅިފައިވަނީ. އަންނަނީ ތަހުގީގުކުރެވެމުން. ތަހުގީގު ކުރިޔަށް ދާ މިންވަރަކުން އިތުރު މައުލޫމާތު ހާމަކުރެވޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

ފޭކް ބުކިންގައި ފަތުރުވެރިން ރާއްޖެ ގެންނަ މައްސަލަ މިފަހުން ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ.

އެގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ރޭ މަގުމަތިވި ފަތުރުވެރިންގެ މައްސަލައާއެކު ފޭކް ބުކިންގެ މައްސަލަ ވަނީ އިދާރާތަކުގެ ސަމާލުކަމަށްވެސް އައިސްފައެވެ.

އެއާއެކު އެ މައްސަލައާ ގުޅުން ހުރި ބަޔަކު އެރޭ ވަނީ ހައްޔަރުވެސް ކޮށްފައެވެ.

މީގެ އިތުރުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ބިދޭސީން ގެނެސް ކަރަންޓީނުވުމަށް އަންނަކަމުގެ އަޑުތައްވެސް ވަރަށް ބޮޑަށް ވަނީ ގަދަވެފައެވެ.

ނަމަވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ލިބިފައިނުވާކަމަށް އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވަނީ ވިދާޅުވެފައެވެ.

https://sun.mv/155701

އެެއާއެކު ފޭކު ބުކިން ހައްދައިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ މައްސަލަ ހައްލު ކުރަން ކަމާ ބެހޭ ނިޒާމާއި ސިޔާސަތުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

https://sun.mv/155729

ފޭކް ބުކިންގެ މައްސަލަ ފެންމަތިވުމާ ގުޅިގެން، ފަތުރުވެރިން ތިބޭ ތަންތަން ބަލައި ޗެކް ކުރުމަށް ފުލުހުން ވަނީ ހާއްސަ އިންސްޕެކްޝަންތަކެއް ފަށާފައެވެ.

comment ކޮމެންޓް