މަގޭ ހައްޤެއް - ފަހުބައި

"ހަލޯ...ސަޖޫ..."

އެއީ ރިއުމާންގެ އަޑެވެ. ސަޖަލް ފޯނު ކަންފަތާ ދުރުކޮށްލަން އުޅުނުވަގުތު ހުއްޓުންއެރީ ރިއުމާން ބުނެލި އެއްޗަކުންނެވެ.

"އަހަންނަށް އެނގޭ ސަޖޫ މީހަކާ އިންނަން ރަންކީކަން."

"އެހެންވީމަ ރިއުމާންއަށް އެނގެން ޖެހޭނެ މިހާރު އަހަރެން ރިއުމާން ދައްކާ އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުންނުވާނެކަން ވެސް...އަދި އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާނެކަންވެސް..." ސަޖަލް ނުރުހިފައި ބުނެލިއެވެ.

"އަހަރެން މި ގުޅީ ކޮންމެހެން ސަޖޫއަށް އުނދަގޫ ކުރާކަށް ނޫނޭ... ސަޖޫއަށް ނޭނގި އޮތްކަމެއް އަންގަދޭންވެގެން. އެކަމަށް މާފަށް އެދެންވެެގެން. އެވާހަކަ އަހަރެން ބުނަން ބޭނުންވަނީ ސަޖޫއާ ބައްދަލުކޮށްފަ. އެންމެ ފަހަރަކު އަހަންނާ ބައްދަލުކޮށްލަދީ... އޭގެފަހުން އަހަރެން ދުވަހަކުވެސް ސަޖޫއަކަށް ނުގުޅާނަން، އުނދަގުލެއްވެސް ނުކުރާނަން." ރިއުމާން ބުނެލިއެވެ. ސަޖަލް އޭނާ ރިއުމާންއާ ބައްދަލުކުރަން ބޭނުން ނުވާކަމުގައި ބުނުމާއެކު ރިއުމާން އަނެއްކާވެސް އެދުނީ ހަމަ އެންމެ ފަސް މިނިޓަށް އޭނާއާ ބައްދަލުކުރުމަށެވެ. އޭނާއަށް ސަޖަލްގެ ހުރިހާކަމެއް އެނގެނީ ކިހިނެއްތޯއާ ބެހޭގޮތުން ސަޖަލްގެ ހިތުގައިވި ހުރިހާ ސުވާލުތަކެއްގެ ޖަވާބު އޭނާ ސަޖަލްއަށް ދޭނެ ކަމުގައި ރިއުމާން ބުންޏެވެ. އެއީ ސަޖަލް އޭނާއާއި ރައްޓެހި ވީއްސުރެ މިއަދާ ހިސާބަށް ވެސް ސަޖަލްއަށް ނޭނގި އޮތް ހަގީގަތެއްކަމުގައި ރިއުމާން ބުންޏެވެ. އެންމެ ފަހުން ސަޖަލް ރިއުމާންއާ ބައްދަލުކުރަން އެއްބަސްވިއެވެ.

ރިއުމާން އާ ބައްދަލުކުރަން ސަޖަލްދިޔައީ އޭނާގެ ގެއާ މާ ދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓަކަށެވެ. އޭނާ އެތަނަށް ގޮސް ވަތްއިރު، ރިއުމާން އެތަނުގެ އެއްފަރާތުގައި ހުރި މޭޒެއްގެ ދޮށުގައި މަޑުކޮށްލައިގެން އިނެވެ.

"ރިއުމާން ދައްކަން ބޭނުންވާ ވާހަކައެއް ދައްކާ... މީގެ ފަހުން ރިއުމާން އެދިގެން ދުވަހަކުވެސް އަހަރެން ރިއުމާންއަކާ ބައްދަލެއް ނުކުރާނަން. މީ އެންމެ ފަހު ފަހަރު." ސަޖަލް ބުނެލިއެވެ. އޭނާ އޭރުވެސް އިނީ ހިތްހަމަ ނުޖެހިފައެވެ.

"އައި އެމް ސޮރީ.... އަހަރެން އަދިވެސް..." ރިއުމާން އެހާ ހިސާބަށް ބުނެފައި ހުއްޓައިލިއެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ސަޖޫ... އަހަރެން ސަޖޫއަށް ނޭނގި ވަރަށް ބޮޑުކަމެއް ކުރިން... ސަޖޫގެ ފޯނު ކުޑައިރުކޮޅަކަށް އަހަންނަށް ލިބިދާނެތަ؟" ރިއުމާން އަހައިލިއެވެ.

"ކީއްކުރަން އަހަރެންގެ ފޯނު؟." ސަޖަލް ސުވާލެއް ކޮށްލިއެވެ. ރިއުމާންގެ ސަބަބުން އޭނާއަށް ވެރިވެފައިވަނީ ހައިރާންކަމެކެވެ.

"ސަޖޫ... ސީ ދިސް..." ރިއުމާން އޭނާގެ ފޯނު ނަގާ ސަޖަލްއަށް އެއްޗެއް ދައްކައިލިއެވެ. އެއާއެކު ސަޖަލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

"ތީ ކޮން އިރަކުން ފަށައިގެން ރިއުމާން ކުރާކަމެއް؟" ސަޖަލްއަށް ބާރަށް ސުވާލުކޮށްލެވުނެވެ. އޭނާ ގާތަށް ރުޅި އަންނަގޮތްވިއެވެ.

"ސަޖޫ އަހަންނާ ރައްޓެހިވިއިރުންސުރެ ފަށައިގެން..." ރިއުމާން ކުޑަކޮށް އިސްޖަހައިލަމުން ބުނެލިއެވެ. ސަޖަލް އޭނާ ދެކެ އިންތިހާއަށް ރުޅި އަންނާނެކަން ރިއުމާންއަށް އެނގެއެވެ.

"ކޮން އިރަކުހޭ ރިއުމާން ތިކަން ތިގޮތަށް ކުރީ؟" ސަޖަލްއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.

"ހަނދާންވޭތަ އެއް ދުވަހަކު ސަޖޫގެ ފޯނު އަހަރެން އަތުލި ހަނދާން... އަހަރެމެންގެ ގޭގަ ހުރެފަ. އެ ދުވަހު..." ރިއުމާން ބުނެލިއެވެ.

"އަހަރެން ހިތަކަށްވެސް ނާރާ ރިއުމާން ތިފަދަ ކަމެއްކޮށްފާނެއެކޭ... " ސަޖަލް ބުނެލިއެވެ.

"އަހަރެން... އަހަރެން މިއައީ ސަޖޫ ކައިރިން މާފަށް އެދެންވެގެން..." ރިއުމާން ބުނެލިއެވެ.

"އަހަރެންގެ ހުރިހާކަމެއް ރިއުމާންއަށް އެނގެނީ މިހެންވެގެން ދޯ... އަހަރެންގެ ފޯނަށް އަންނަ މެސެޖާ އަހަރެން ދާހާ ތަނަކާ ރިއުމާންއަށް އެނގެނީ މިހެންވެގެންދޯ!" ސަޖަލްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރިއުމާން އެ ގޮތަށް ކަންތައް ކުރާނެކަމަކަށް ފަހަރެއްގައިވެސް އޭނާއަށް ހީކުރެވިފައެއް ނެތެވެ. އޭނާ އެންމެ ދެރަވެ ރުޅިއައީ މި ހުރިހާ ދުވަހުވެސް އޭނާ މީހަކަށް ކުރާ ހުރިހާ މެސެޖުތަކާ ކޯލްތަކެއްގެ އިތުރުން އޭނާ ދާހާތަނެއް ރިއުމާންއަށް އެނގޭކަން ހިތަށް އަރާފައެވެ. އިތުރަށް އެތަނުގައި މަޑުކުރާ ހިޔާލެއް ސަޖަލް ނުކުރިއެވެ. އޭނާ އެތަނުން ތެދުވެެގެން ހިނގައިގަތުމާއެކު، ރިއުމާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ އިސްޖަހައިލިއެވެ. ސަޖަލްއަށް ގޮވައިލަން އުޅެފައިވެސް އޭނާ މަޑުޖެހިލިއެވެ.

ސަޖަލް އެތަނުން ނިކުމެގެން އޭނާގެ ސައިކަލާ ދިމާލަށް ހިނގައިގަތްއިރުވެސް އޭނާގެ ރުޅިގަނޑު މައިތިރިއެއް ނުވިއެވެ. ގެއަށް ގޮސް ޒާމިންއަށް ގުޅާ ސަޖަލް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އިރުކޮޅަކުން ސަޖަލްއަށް ރިއުމާންގެ މެސެޖެއް އައެވެ. އޭނާއަށް މިހާރު ސަޖަލްގެ އެއްވެސް މެސެޖެއް ނުފެންނާނެކަމަށް ބުނެއެވެ. އޭނާ ދެން އިތުރަށް އެފަދަ ކަމެއް ނުކުރާނެކަމަށް ބުނެއެވެ. ޒާމިން ގާތު އެ ވާހަކަ ބުނުމުން ޒާމިން ބުނީ ސަޖަލްގެ ފޯނު ބަލާފަ މާދަން އެކަން ޔަގީން ކުރާނީކަމުގައެވެ.

*****

ރިއުމާން އެނދުގައި އޮށޯވެލައިގެން އޮއްވާ އޭނާއަށް އަޒްހާގެ މެސެޖެއް ލިބުނެވެ. މެސެޖުގައި އޮތީ ރިއުމާންގެ ހާލު އަހާފައެވެ. އެ މެސެޖު ހުޅުވައިލާ ރިއުމާން ޖަވާބުދިނެވެ. އަޒްހާގެ ފަރާތުން އޭނާ އުންމީދު ކުރާ ޖަވާބު އަދިވެސް ނުލިބޭތީ އޭނާ ހުރީ ހިސާބަކަށް ކަންބޮޑުވެފައެވެ.

"މާން... ދި އާންސަރ އިޒް.... ޔެސް..." އަޒްހާގެ ދެވަނަ މެސެޖާއެކު ރިއުމާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް އަޒްހާގެ ނަންބަރަށް ގުޅައިލެވުނެވެ.

"އަޒޫ ވިސްނާފަތަ ތި ޖަވާބެއް ދިނީ؟" ރިއުމާން ސުވާލުކޮށްލިއެވެ.

"އާނ... އައި އެމް ސޮރީ މިހުރިހާ ދުވަހު ރިއުމާން އިގްނޯ ކުރެވުނީމަ." އަޒްހާ ބުނެލިއެވެ. ރިއުމާން އަޒްހާއަށް ޝުކުރު އަދާކުރިއެވެ. އޭނާ އަޒްހާއަށް ވައުދުވިއެވެ. ލޯބިވެރިންގެ ލިސްޓަށް އެރޭ އަޒްހާއާއި ރިއުމާންގެ ނަންވެސް އިތުރުވެގެން ދިޔައެވެ. ދެމީހުން އެތަކެއް އިރަކު ވާހަކަ ދައްކަން ތިއްބެވެ.

*****

ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފަހުން ޒާމިންއާ ސަޖަލްއާ ދެމީހުންގެ ކައިވެނީގެ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ކައިވެނި އަދި ކައިވެނީގެ ސައި އޮތީ ޒާމިންމެންގެ ގޭގައެވެ. ދައުވަތު ދެވުނީ ގާތް ރަޙްމަތްތެރިންނާއި އާއިލާގެ މީހުންނަށެވެ. ޖަލީލާއާއި އޭނާގެ ފިރިމީހާގެ އިތުރުން އޭނާގެ ކުދިންވެސް އެ އުފަލުގައި ބައިވެރިވާން އެގެއަށް އައެވެ.

ކައިވެނިކުރެވޭ ވަގުތު ކުޑަތަންވަމުންދިޔަވަރަކަށް ރީމާއާއެކު އޭނާގެ ކޮޓަރީގައި ހުރި ގޮނޑީގައި އިން ސަޖަލްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ.

"ދޮންތާ... އައި އެމް ސޯ ނާވަސް. " ސަޖަލް އޭނާގެ ދެއަތް ދެއަތާ މޮޑެން ފެށިއެވެ. އެއާއެކު ރީމާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ބަލަ ތިއީ ކޮންމެ އަންހެން ކުއްޖަކަށްވެސް ވާ ގޮތެކޭ. ދޮންތައަށް ވެސް ހަަމަ ތި އިހުސާސްތައް ކުރެވުނު. އެއީ އަންހެން ކުއްޖެއްގެ ޙަޔާތުގައި އަންހެން ކުއްޖަކަށް ކުރެވޭނެ އެންމެ ހާއްސަ އެއް އިހުސާސް!" ރީމާ ބުނެލިއެވެ. އޭނާގެ ހަނދާނަށް އޭނާގެ އަލަތު ކައިވެނީގެ އިހުސާސްތައް ވެރިވިއެވެ.

ސަޖަލް ލާފައިހުރީ ގަދަ ފެހިކުލައިގެ ދިގު ހެދުމެކެވެ. ހެދުމުގެ މޭމަތި ހުދު މިތާތަތަކުން ފަޅުފިލުވައިލަދީފައިވާއިރު އަތުގެ އުޅަބޮށިން ތިރިވެސް ވަނީ ހަަމަ އެފަދަ އެސްތަކަކުން ވަކި ބައްޓަމަކަށް ޒީނަތްތެރިކުރެވިފައެވެ. ހެދުމުގެ މޭމަތިން ތިރިއަށް ދެމިފައިވާ ފޮތިގަނޑުގައި ރޫޖައްސާލާފައި ދެތިން ލޭޔަރަށް ހަދާލާފައިވާއިރު ހިތްގައިމުގޮތެއް ހުއްޓެވެ. ހެދުމާ ގުޅުވާލައިގެން ކަންފަތުގައި އެއްޗެއް އެލުވާލާފައިވާއިރު ކޮށްފައިވާ މޭކަޕްގެ ސަބަބުން ސަޖަލްގެ ރީތިކަން ދެގުނަކޮށްދީފައިވެއެވެ. އިސްތަށިގަނޑު ދޫކޮށްލާފައިވާއިރުވެސް އެހާ ރީއްޗެވެ.

ދެމީހުން އެތަނުގައި ތިއްބާ ޒާމިން އައިސް އެތެރެއަށް ވަނެވެ. ސަޖަލް ޒާމިންއަށް ބަލައިލިއެވެ. އެއާއެކު ރީމާ އެތަނުން ނުކުންނަން ހިނގައިގަތެވެ. ޒާމިން ފެނިފައި ސަޖަލްއަށް ވެސް އެމޫނާ ނަޒަރު ވަކިކޮށްލަން ނޭނގިފައި ހުރެވުނެވެ. ޒާމިން ލާފައިހުރި ގަދަ ފެހިކުލައިގެ ސޫޓް އޭނާއާ ނުހަނު ގުޅެއެވެ. ބަލާބެލުމަށް ޝަޙްސިއްޔަތު ވަރުގަދަވެފައި ފިރިހެންވަންތައެވެ. ތުނިކޮށްފަޅަން ފަށާފައިވާ ތުނބުޅީގެ އިތުރުން އިސްތަށިގަނޑު ސްޓައިލްކޮށްލާފައިވާ ގޮތް ވެސް އެމޫނާ ނުހަނު ގުޅެއެވެ.

"ފައިނަލީ..." އެހެން ބުނެފައި، ޒާމިން ސަޖަލްގެ ގާތަށް އައިސް ހުއްޓުމާއެކު، ސަޖަލް ކޮޅަށް ތެދުވެލިއެވެ. ޒާމިން މަޑުމަޑުން ސަޖަލްގެ އަތުގައި ހިފައިލިއެވެ. އެއަށްފަހު އެއަތަށް ބޮސް ދިނެވެ. ސަޖަލްގެ ތުންފަތަށް ލަދުވެތި އެހެންނަމަވެސް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ. ދެ މީހުން ދެ މީހުންގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ތިއްބައި ސިހުން ގެނުވީ މީހަކު ކަރުކެހިލި އަޑަށެވެ. ސިހިފައި ދެމީހުންނަށް ވެސް އެނބުރިލެވުނެވެ. އޭރު ރީމާ އެ ދެމީހުންނަށް ބަލަހައްޓައިގެން ހެވިފައި ހުއްޓެވެ.

"މިހާރު ގާޒީ އަންނާނެ. އާދޭ އަވަހަށް." އޭނާ އެހެން ބުނެފައި ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހީލަމުން ބޭރަށް ނުކުތެވެ.

ގާޒީ އައުމާއެކު ކައިވެނި ކުރެވުނެވެ. ވަލީ ދިނީ ގާޒީއެވެ. ޒާމިންގެ ދުލުން އަނބި ގަބޫލުކޮށްފީމޭ ބުނެލި ވަގުތު، ސަޖަލްއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. އޭނާގެ ހިތުގެ ތެޅުން އިންތިހާ ބާރުވިއެވެ. އަތްފައި ފިނިވެ މީހާއަށް އުފާވެރިކަން އިހުސާސްކުރެވުނެވެ. ހަމަ އެހިނދު އޭނާ އެންމެ ހިތްދަތިވީ ލޯބިވާ ބައްޕަގެ ހަނދާންވެފައެވެ. އެއާއެކު ދެލޯ ފެންކަޅިވާގޮތްވިއެވެ.

ސަޖަލްގެ އެކަނިވެރިކަން ފިލުވައިދިނީ ސަޖަލްއަށް ހިތްވަރު ދިނީ ޒާމިންއެވެ. ކައިވެނިކޮށް ނިމިގެން އާއިލާގެ މީހުންނާ ރަހުމަތްތެރިންނާއެކު ފޮޓޯނެގުމާއެކު ކެއުން ކުރިއަށް ގެންދެވުނެވެ. ހަފްލާ ނިންމާލުމަށްފަހު، ޒާމިންއާ ސަޖަލްއާ ދެމީހުން ސަޖަލް އުޅޭ އެޕާޓްމެންޓަށް ދާން ނައްޓައިލީ ކާރެއްގައެވެ. އެ ދެމީހުން ނިންމާފައިވަނީ ކައިވެންޏަށްފަހު، އެ އެޕާޓްމެންޓުގައި ވަކިން އުޅުމަށެވެ. އެކަމަށް ޒާމިންގެ މަންމަމެން ވެސް ފުރިހަމަ އެއްބާރުލުން ދިނެވެ.

ގެއަށް ގޮސް ވަދެފައި ޒާމިން ސަޖަލްގެ އަތުގައި ހިފާލިއެވެ. އޭނާ ސަޖަލްގެ ނިތުގައި ބޮސް ދެމުން ލޯބިވާކަމުގައި ބުނެލިއެވެ. ދެހިތުގެ ތެޅުން ވެސް އަވަސްވެގެން ދިޔައެވެ. ޒާމިންގެ މޭގައި ސަޖަލްގެ ފިނި އަތްތިލަ ޖެހިފައިވީއިރު، އެ ދެމެދުގައިވަނީ ހަނި ދާއިރާއެވެ. އެކަކުގެ ހޫނު ނޭވާ އަނެކަކަށް އިހުސާސްކުރެވޭހާ ކައިރިއެވެ. ދެހިތުގެ ތެޅުންވެސް އެކަކު އަނެކަކަށް އިހުސާސްކުރެވޭހާ އެ ދާއިރާ ހަންޏެވެ. ދެ ހިތްވެސް ބުނަމުންދިޔައީ އެއްވާހަކަތަކެކެވެ. ދެލޮލުގައިވެސް ވަނީ މަސްތީ ޖަޒުބާތެކެވެ. އެކަކު އަނެކަކުގެ ގައިގައި ދެމީހުންވެސް ބައްދައިލީ ދުވަހަކުވެސް ވަކިނުވާނަމޭ ބުނާފަދައަކުންނެވެ. ދެމަފިރިން އެކުގައި ލޯބީގެ އާލަމަށް ގެނބިގެންދިޔައީ އެތަކެއް އަހުދުތަކާއި ވައުދުތަކެއް ވަމުންނެވެ.

ތިން އަހަރު ފަސް

***************

ހަވީރުގެ ވަގުތުކަމުން ޕާކުތެރެވެސް ވަނީ ހަލަބޮލިވެފައެވެ. ތުއްތުކުދިންނާ ކުޑަކުދިންގެ އާއިލާތައް އެކުދިން ގޮވައިގެން ޕާކުތެރޭގައި ހަރަކާތްތެރިވަމުން ދިޔައިރު، ތަނަށް ދިރުން ލިބިފައިވެއެވެ. ހުނުމުގެ އަޑާއި ސަކަރާތުގެ އަޑުން މުޅިތަން ވަނީ ގުގުމާލާފައެވެ. ތަނުގައި ހޭލަމޭލަވަމުން ދިޔަ އެންމެންގެ ތެރެއިން އެތަނަށް ވަތް ޒާމިންގެ ނަޒަރު ގޮސް ހުއްޓުނީ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި އޭނާގެ ލޯބިވާ އަނބިމީހާ ސަޖަލްއަށެވެ. އޭރު ސަޖަލްގެ ކައިރީގައި އޭނާއާއި ސަޖަލްގެ ލޯބީގެ ނިޝާން ކަމުގައިވާ ތުއްތު ދަރިފުޅު ޒޫދުވެސް ހުއްޓެވެ. ސަޖަލްއަށް ޒާމިން ފެނުމާއެކު، އޭނާ އަތުން ހަނާ އަޅައިލިއެވެ. އޭނާ އެއައި ގޮތަށް އައިސް ޒޫދު އުރައިލިއެވެ. ޒޫދު ވެސް ހީގަނެފައި ޒާމިންގެ ގައިގައި ބައްދައިލިއެވެ. އެތަންފެނި ސަޖަލްއަށް ހިނިތުންވެވުނެވެ.

ތުއްތު ދަރިފުޅު ތިރީގައި ބަހައްޓަމުން ދެ އަތުގައި ހިފާލަމުން ޒާމިން ކުރިއަށް ހިނގަން ފެށިއިރު، ސަޖަލްވެސް ހިނިތުންވެލަމުން އެ ދެމީހުންނާ އެއްވަރަށް ހިނގަމުން ދިޔައެވެ. ޒޫދުގެ އަތުން ދޫކޮށްލުމުން ޒޫދު ކުރިއަށް ހިނގަން ފެށިއެވެ. ކުއްލިއަކަށް އަރި އަޅައިލާ ޒޫދު ވެއްޓުމާއެކު، ކުޑަކޮށް ރޮވެން ފެށުނެވެ. ސަޖަލް ދަރިފުޅަށް ގޮވައިލަމުން އެ ދިމާލަށް ހިނގައިގަތެވެ. ޒާމިންވެސްމެއެވެ.

އެމީހުންނަށް ސިހުން ލިބުނީ އިތުުރު ފިރިހެނަކު ޒޫދު ނެގުމުންނެވެ. އެމީހުން އައިސް ޝުކުރު އަދާކުރި އަޑުއިވިފައި އެމީހަކު ފަހަތަށް އެނބުރިލިއެވެ. އެއާއެކު ރިއުމާން ފެނިގެން ސަޖަލްއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އޭނާއަށް ރިއުމާންގެ ނަން ކިޔައިލެވުނެވެ. ޒާމިން ވެސް ސަޖަލްއަށް ބަލައިލިއެވެ.

"ކިހިނެއް ސަޖޫ؟" ރިއުމާން ސުވާލުކޮށްލިއެވެ. އޭނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ.

"ރަނގަޅު!" ޒާމިންއަށް ބަލައިލަމުން ސަޖަލް ބުނެލިއެވެ.

"މީ އަހަރެންގެ ވައިފް އަޒްހާ." އޭނާގެ އެއްފަރާތުގައި ހުރި އަންހެން ކުއްޖާ ދައްކައިލަމުން ރިއުމާން އެކުއްޖާ ސަޖަލްމެންނަށް ތައާރަފްކޮށްދިނެވެ. ސަޖަލްގެ ނަޒަރު ހުއްޓުނީ އެ އަންހެން ކުއްޖާގެ ބޮޑުވެފައިވާ ބަނޑަށެވެ.

"މީ ދަރިފުޅުތަ؟" ރިއުމާން އަހައިލިއެވެ.

"އާނ. ދަރިފުޅު. އޭގެ ފަހުން އަދި ކިރިޔާ މި ފެނުނީ. އުފާވެއްޖެ މެރީކުރިކަން އެނގުނީމަ." ސަޖަލް ބުނެލިއެވެ.

"އަހަރެމެން މެރީކޮށްގެން އުޅުނީ ބޭރުގައޭ... އެހެންވީމަ ނުފެންނާނެއެއްނު." ރިއުމާން ބުނެލިއެވެ.

ސަޖަލް އަދިވެސް އެއްފަހަރު ޝުކުރު އަދާކޮށްފައި ދަރިފުޅުގެ އަތުގައި ހިފަހައްޓައިލިއެވެ. ސަޖަލްމެން ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު، ރިއުމާން އަޒްހާގެ އުނަގަނޑުގައި އަތް ޖައްސައިލިއެވެ.

"ހިނގާ އިށީންނަން ދާން..." އޭނަ އެދުނެވެ. ދަމުން ދަމުން އަދިވެސް އެއްފަހަރު އޭނާ ސަޖަލްމެން ދިޔަ ދިމާލަށް ބަލައިލިއެވެ. އަދި އަނެއްކާވެސް އަޒްހާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. ސަޖަލްއަކީ އޭނާގެ މާޒީއެވެ. އަޒްހާއަކީ އޭނާގެ މުސްތަގުބަލެވެ. އަޒްހާއާއި އަޒްހާގެ ބަނޑުގައި އެވާ ދަރިފުޅު ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. އޭނާގެ މިހާރުގެ އަޒުމަކީ އެ ދަރިފުޅު ދުނިޔެއަށް އައުމަށްފަހު، ބައްޕައެއްގެ ހިމާޔަތާ ލޯބި އެންމެ ފުރިހަމަ ގޮތުގައި އެ ދަރިފުޅަށް ފޯރުކޮށްދިނުމެވެ. އޭނާގެ ހަޔާތަށް އެޅުނު ފަދަ ހިޔަންޏެއް އޭނާގެ އެ ދަރިފުޅުގެ ހަޔާތަށް އެޅުނު ނުދިނުމެވެ. މައިންބަފައިން ވަކިވުމާއި އެ މީހުންގެ ފަރާތުން ފެންނަ ނޭދެވޭ ބައެއް އަމަލުތަކުގެ ސަބަބުން ނަފްސާނީ ގޮތުން ދަރިފުޅަށް ކުރާނޭ އަސަރު އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އޭނާއެވެ. އަދިވެސް އޭނާ ދަނީ އެކަމަށް ފަރުވާކުރަމުންނެވެ. އޭރު އޭނާއަށް ސަޖަލްއަށް އިތުބާރު ނުކުރެވުނީ އޭނާއަށް އަމިއްލަ މަންމަގެ ފަރާތުން ފެނުނު އަމަލުތަކުގެ ސަބަބުން ކަމަށް ވީނަމަވެސް، މިއަދު ނަފްސާނީ ބަލި ބޮޑުތަނުން ރަނގަޅުވުމުގެ އެއް ސިއްރަކީވެސް އޭނާގެ އަންހެނުން އަޒްހާއެވެ. އޭނާ އަކީ ފިރިހެނަކަށް ވީތީއާއެކު، އޭނާ ކުރިން ފަރުވާކުރަން ލަދުވެސް ގަތެވެ. އެހެންނަމަވެސް، އެކަން ސިއްރު ކުރުމަކީ ހައްލެއް ނޫންކަމަށް ބުނެ އޭނާއަށް އެއްބާރުލުން ދިނީ އަޒްހާއެވެ. އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންވެސް ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެދާނޭކަމަށް އޭނާއަށް ގަބޫލުކުރެވުނީ އަޒްހާ އޭނާގެ ހަޔާތަށް އައިސް އޭނާއަށް ދިން އެއްބާރުލުމުގެ ސަބަބުންނެވެ. އަދި އެކަމުން އަރައިގަންނަން އޭނާގެ އެންމެ ބޮޑު ހިތްވަރަކީ އަޒްހާއެވެ. މިއަދު އޭނާގެ އުންމީދަކީ އެ ދަރިފުޅު ދުނިޔެއަށް އައުމަށްފަހު ހެޔޮ ގޮތުގައި ބަލާ ބޮޑުކުރުމެވެ.

މިދިޔަ ތިން އަހަރުތެރޭގައި ރިއުމާންގެ ހަޔާތުގައިވެސް ގިނަ ކަންތައްތަކެއް ބަދަލުވިއެވެ. މަންމަ މިދުނިޔެއާ އަލްވަދާއު ކީ ކުއްލިއަކަށެވެ. ރިއުމާން އެންމެ ފަހުން ވާހަކަ ދެއްކި ދުވަހު މަންމަ މާފަށް އެދުމުން މާފު ނުކުރެވުނީތީ އޭނާ އިންތިހާ ދެރަވެ ހިތާމަކުރިއެވެ. އެހެންނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫންކަން އޭނާއަށް ވެސް އެނގެއެވެ. ބައްޕައަށް ހެޔޮހިތުން ރިއުމާން މާފުކުރީ ވެސް އެހެންވެއެވެ. އޭގެފަހުން ބައްޕައާއެކު އޮތް ގުޅުން ވެސް ރަނގަޅުވިއެވެ. ބައްޕަ އެގެއަށް އައުމަށް އެދުނުނަމަވެސް، ރިއުމާން ބޭނުންވީ ވަކިން އުޅެންކަމަށް ވުމުން އޭރުއްސުރެ އޭނާ އުޅެމުން އަންނަނީ އޭނާގެ އަންހެނުންނާ އެކު ވަކިންނެވެ.

"ފެންފުޅިއެއް ބޭނުންތަ؟" އަޒްހާ ގޮނޑީގައި ބައިންދަމުން ރިއުމާން ސުވާލުކޮށްލިއެވެ. އަޒްހާ ބޯ ޖަހައިލުމާއެކު އޭނާ ފެންފުޅިއެއް ގަންނަންވެގެން ހިނގައިގަތެވެ.

*****

ރޭގަނޑު ދަރިފުޅު ނިދުމުން ސަޖަލްވެސް ފާހާނާއަށް ވަދެ ތާޒާ ވެލައިގެން ނުކުތެވެ. އޭރު ޒާމިން ކޮޓަރީގައި ހުއްޓެވެ. އޭނާ ސަޖަލްއާ ކައިރިއަށް ޖެހިލިއެވެ. އެއަށްފަހު ސަޖަލްގެ އަތުގައި ހިފާލުމަށްފަހު އޭނާއާ ކައިރިއަށް ދަމައިލިއެވެ. ސަޖަލްވެސް ދެކޮޅެއް ނުހަދައެވެ.

"މިހާރު ތީ ހަމައެކަނި އަހަރެންގެ ހައްގެއް..." ސަޖަލްގެ ކަންފަތް ދޮށަށް ގުދުވެލުމަށްފަހު، ޒާމިން އެހެން ބުނެލުމުން ސަޖަލްއަށް ލުއިކޮށް ހީލެވުނު ނަމަވެސް، އޭނާއަށް މާޒީގެ ހަނދާނެއްވެސް އައެވެ. އެހެންނަމަވެސް އެކަމަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދީ ވާހަކަ ދެއްކިއެވެ.

"އަހަންނަށް އެނގެޔޭ މީ މިހާރު ޒިމްގެ ހައްގެއްކަން. މިއަދު އަހަރެން ރިއުމާންއާ ވާހަކަ ދެއްކީމަ ޖެލަސްވީތަ؟" އޭނަ އަހައިލިއެވެ. އަދިި ލުއިކޮށް ހީލިއެވެ.

"އަހަރެން ކީއްކުރަން ޖެލަސްވާންވީ... އަހަންނަށް އެނގޭ ވިއްޔަ ދެން އަހަރެން ދޫކޮށްލާފަ ނުދާނެކަން.." ޒާމިން ބުނެލިއެވެ. އެއަށްފަހު އޭނާ ސަޖަލްގެ ނިތުގައި ބޮސް ދިނެވެ. ދެމަފިރިންގެ އުންމީދަކީ އުމުރުދުވަހު އެކުގައިވުމެވެ. ޙަޔާތުގައި ދިމާވާ ހުރިހާކަމެއްގައި ދެމަފިރިން އެކުގައި ހިއްސާވުމެވެ. ލިބޭ ކޮންމެ ހިތާމައަކާއި އުފާވެރިކަމަކާއި ދެމަފިރިން އެކުގައި ކުރިމަތިލުމެވެ.

(ނިމުނީ)

ނޯޓް: ٱلْحَمْدُ لِلَّٰهِ. ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤް ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން. ވާހަކަ ފެށިގެން ނިމެންދެން ވިދާޅުވި ހުރިހާ ކިޔުންތެރިންނަށްވެސް ވަރަށް ބޮޑަށް ޝުކުރުދަންވަން. ވާހަކަ ކުރިއަށް ގެންދެވުނީ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި ތަރުހީބާއި އެއްބާރުލުމުގެ ސަބަބުންކަން އުފަލާއިއެކު ފާހަގަކޮށްލަން. ހަމައެއާއެކު ވާހަކަ ފެށިގެން ނިމެންދެން ކޮމެންޓްކޮށްލި ހުރިހާ ކިޔުންތެރިންނަށްވެސް ހިތުގެ އިޚްލާސްތެރި ޝުކުރުރައްދުކުރަން. މި ވާހަކައަކީވެސް އިބްރަތްތެރި ތިޔަކިޔުންތެރިންނަށް ކަމުދިޔަ ވާހަކައަކަށް ވީކަމަށް އުންމީދުކުރަން.

ޝުކުރިއްޔާ!

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު