ސިޔާސީ ފިއްތުންތަކާއެކު އިސްމާއީލް ސަބްރީ، މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންފި

ސަބްރީ މަގާމުގެ ހުވާ ކުރެއްވުމަށްފަހު އޭނާގެ އޮފީހުގައި

ކުއާލަލަންޕޫރު (އޮގަސްޓް 21): މިދިޔަ ހަފްތާގައި ރޫޅިގެންދިޔަ މެލޭޝިއާގެ "އަމްނޯ" ކޯލިޝަނަށް ނިސްބަތްވާ އިސްމާއީލް ސަބްރީ ބިން ޔައުގޫބު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ގާނޫނީ ހުވައި ކުރައްވައިފިއެވެ.

ސަބްރީ ހުވާކުރެއްވީ މެލޭޝިޔާގެ ރަސްގެފާނު އަބްދުﷲ ރިއާޔަތުއްދީން ގެ ގަނޑުވަރުގައި އޭނާގެ ކުރިފުޅުމަތީގައެވެ. ސަބްރީ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މެލޭޝިއާގެ ކުރީގެ ބައެއް ބޮޑުވަޒީރުން ހިމެނޭގޮތަށް އެގައުމުގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. އުމުރުފުޅުން 61 އަހަރުގެ އިސްމާއީލް ސަބްރީއަކީ މެލޭޝިއާގެ ޕާލަމެންޓުގައި ނެގި ވޯޓަކުން ޕާލަމެންޓްގެ އަޣްލަބިއްޔަތުން ރުހުން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ސަބްރީއަށް ބޮޑިވަޒީރު ކަމުގެ ފަތްކޮޅު ރަސްގެފާނުގެ އަރުއްވަނީ

ސަބްރީގެ ސަރުކާރަށް ކުރިމަތިވާނެ އެންމެބޮޑު ގޮންޖެހުމަކީ ހަލަބޮލިވެ ގަޑުބަޑުވެފައިވާ މެލޭޝިޔާގައި ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމާއި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ އިތުރުން އޭނާ ނިސްބަތްވާ ކޯލިޝަންގައި ހިމެނޭ "އަމްނޯ" ޕާޓީއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުންގެ މައްޗަށް މެލޭޝިއާގެ ކޯޓުތަކުގައި ހިނގާ ކޮރަޕްޝަންގެ ދައުވާތަކުގެ މައްސަލަތަކެވެ. މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން އިސްތިއުފާ ދެއްވަން މަޖްބޫރުވީ އޭނާއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލި ގެންދިޔުމާ ގުޅިގެންނެވެ.

މުހްޔިއްދީނަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލިގެން ދިޔަ ސަބަބުތަކުގެ ތެރޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ނާކާމިޔާބުވުމާއި އޭނާ ނިސްބަތްވާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީކަމަށްވާ "ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން، (އަމްނޯ) އިސް ބައެއް މެންބަރުންނާ ދެކޮޅަށް މެލޭޝިއާގެ ކޯޓުތަކުގައި ކޮރަޕްޝަންގެ ދައުވާތަކެއް ހިނގަމުން ދާދިޔުން ހިމެނެއެވެ. ދައުވާ ރައްދުވާ "އަމްނޯ" ގެ އިސްވެރިންގެ ތެރޭގައި އެޕާޓީގެ ޒައީމް އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު ވެސް ހިމެނިވަޑައިގަންނަވައެވެ.

ހުވާކުރެއްވުމަށްޓަކައި ސަބްރީ މޮޓޮކޭޑްގައި މެލޭޝިއާގެ ޝާހީ ގަނޑުވަރަށް ވަޑައިގަންނަވަނީ

"އަމްނޯ" އަކީ އިސްތިއުފާ ދެއްވި ބޮޑުވަޒީރު މުހްޔިއްދީން ޔާސީންވެސް ނިސްބަތްވެ ވަޑައިގަންނަވާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީއެވެ. ސަބްރީ އަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ "އަމްނޯ" ގެ ތާއީދާއެކުގައެވެ. މުޙްޔިއްދީންގެ ޕާޓީ ކަމަށްވާ 'ޕެރުސާތު" އަކީވެސް "އަމްނޯ" ގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. ސަބްރީއަށް ބޮޑުވަޒީރުކަމުގައި ދެމިހުންނެވޭނީ "އަމްނޯ" ގެ ތާއީދާއެކުގައި ކަމަށްވާއިރު "އަމްނޯ" ގެ އިސް މެންބަރުންނާ ދެކޮޅަށް މެލޭޝިއާގެ ކޯޓުތަކުގައި ހިނގާ ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން "އަމްނޯ" ގެ ފިއްތުންތައް ސަބްރީގެ ސަރުކާރަށް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ.

މެލޭޝިޔާގައި އަލުން އާންމު އިންތިޚާބެއް ބޭއްވެންދެން ސަބްރީ އަށް ޕާލަމެންޓްގައި ތާއީދު ދިނުމަށް ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީންގެ "ބެރުސާތު" ޕާޓީން ކުރިމަތިކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ޚިޔާނާތުގެ ތުހުމަތުކުރެވޭ "އަމްނޯ" ގެ އެއްވެސް މެންބަރަކު ސަބްރީ ގެ ސަރުކާރުގެ ވަޒީރަކަށް ހަމަނުޖެއްސުން ހިމެނެއެވެ. ނަމަވެސް "އަމްނޯ" އިން ގެންދަނީ އެޕާޓީގެ އިސްފަރާތްތަކަށް ސަބްރީ ގެ ސަރުކާރުގެ އިސް މަގާމުތައް ދިނުމަށް ބާރުއަޅަމުންނެވެ. ސަބްރީގެ ސަރުކާރު ދެމެހެއްޓުމަށް ކޯލިޝަންގައި ހިމެނޭ މިދެޕާޓީގެ ތާއީދުވެސް ބޭނުންވާއިރު ސަބްރީ ވަނީ މިދެޕާޓީގެ ފިއްތުންތަކުގެ ތެރޭގައި "ތާށި" ވެ ވަޑައިގެންފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް