ބަޝުންދަރަ އާއި ބެންގަލޫރުގެ ކުރިމަތިލުން ނިމިގެންދިޔައީ އެއްވަރުވެގެން

ބެންގަލޫރޫ އާ ބަޝުންދަރަ ކިންގްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރަ ކިންގްސް އަދި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިމެޗަކީ ބަޝުންދަރަ ކިންގްސް އަދި ބެންގަލޫރު އެފްސީގެ ފުރަތަމަ ކުރިމަތިލުމެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާގެ މައްޗަށް 2-0 ކުރި ހޯދި ބަޝުންދަރަ އަކީ އޭއެފްސީ ކަޕުގެ ތާރީހުގައިވެސް ކުޅުނު ފުރަތަމަ މެޗުން މޮޅުވި ހަމައެކަނި ބަންގްލަދޭޝް ޓީމެވެ.

ގްރޫޕުގެ ފުރަތަމަ މެޗުގައި ބެންގަލޫރު ވަނީ އިންޑިއަން ސުޕަ ލީގުގެ ވާދަވެރި ކުލަބު އޭޓީކޭ މޯހަން ބަގާން އަތުން 2-0 ބަލިވެފައެވެ.

ބެންގަލޫރު ވަނީ އޭއެފްސީ ކަޕު ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ. އޭއެފްސީ ކަޕުގައި ޖެހިޖެހިގެން ހަތަރު މެޗުން ބެންގަލޫރު މީގެ ކުރިން ބަލިވެފައިވަނީ އެންމެ ފަހަރަކުއެވެ. ނަމަވެސް މިއަދުގެ މެޗުން އެއްވަރު ވުމާއެކު މިރެކޯޑް އަލުން އިޔާދެވެގެން ނުދެއެވެ.

ބެންގަލޫރު ޓީމުން ވަނީ އިންޑިއާގެ ޒުވާން ފޯވާޑް ބިދްޔަޝަގަރް ސިންގު ފުރަތަމަ 11ގައި ހިމަނާފައެވެ. ބިދްޔަޝަގަރް އަކީ ފާއިތުވެދިޔަ، އައި ލީގު ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

އައި ލީގުގައި ކުޅުނު 15 މެޗުން ޖެހި 12 ލަނޑާއެކު ބިދްޔަޝަގަރް ވެފައި ވަނީ ސުނިލް ޗެތުރީ، ބައިޗުން ބުޓިއާ އަދި ރަމަން ވިޖަޔަންއަށް ފަހު، އައި ލީގު ސީޒަނެއްގައި ލަނޑު ލިސްޓުގެ އެއްވަނަ ހޯދި އިންޑިއާގެ ހަތަރު ވަނަ ކުޅުންތެރިޔާއަށް ވެފައެވެ. އޭނާ އާ މެދު އިންޑިއާގެ ގިނަ ކޯޗުން އަދި ފުޓުބޯޅައިގެ މާހިރުން ކުރާ އުންމީދު ބޮޑެވެ.

މެޗުގެ ފުރަތަމަ 15 މިނިޓުގައި ބެންގަލޫރު ޓީމުން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނެވެ. ނަމަވެސް ބަޝުންދަރަ ޓީމުގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވިއެވެ.

ކެޕްޝަން.. ބަޝުންދަރަ ޓީމުގެ އިރާން ޑިފެންޑަރު ހާލިދް ބޮލުން ބޯޅަ ފޮނުވާލަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބެންގަލޫރާ ހިލާފަށް ބަޝުންދަރަ ޓީމުން އައީ ކައުންޓާ އެޓޭކުގައި ބެންގަލޫރުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ކައުންޓާ އެޓޭކުތަކުގައި އެޓީމުގެ ބްރެޒިލް މިޑްފިލްޑަރު ފެނާންޑޭޒް، ވިންގާ ރޮބްސަން އަދި ފޯވާޑް ރައުލް ބެސޭރާގެ ދައުރު ބޮޑެވެ.

މެޗުގެ 32 ވަނަ މިނިޓުގައި ބަޝުންދަރަ ޓީމުގެ ފެނާންޑޭޒް ވަނީ އޭރިއާ ބޭރުން ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އެބޯޅަ ބެންގަލޫރު ޓީމުގެ ކީޕަރު ގުޕްރީތު ސިންގު ވަނާ މަތަކޮށްފައެވެ.

މެޗުގެ 54 ވަނަ މިނިޓުގައި ބަޝުންދަރައަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެޓީމުގެ ބްރެޒިލް ވިންގާ ރޮބްސަން އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ބެންގަލޫރު ކުޅުންތެރިން ސަލާމަތް ކުރީ ގޯލުގެ ރޮނގު މަތިންނެވެ.

މެޗުގެ 72 ވަނަ މިނިޓުގައި ބެންގަލޫރުއިން ލަނޑެެއް ޖެހަން ރަނގަޅު ފުރުސަތެެއް ތަނަވަސް ކުރިއެވެ. ނަމަވެސް ކެޕްޓަން ސުނިލް ޗެތުރީ ފޮނުވާލި ހަމަލާ ބަޝުންދަރަ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ޗެތުރީ ފޮނުވާލި ހަމަލާއިން ލިބުނު ކޯނަރުން ބެންގަލޫރުގެ އަލަން ކޮސްޓާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެބޯޅަ ދަނޑީގައި ޖެހިފައި ގޯލު ރޮނގު ހުރަސްކުރި ކަމަށް ބުނެ ބެންގަލޫރު ޓީމުގެ ގިނަ ކުޅުންތެރިން އެޕީލްކުރިއެވެ.

މެޗުގެ 82 ވަނަ މިނިޓުގައި ޗެތުރީ ފަހަތަށް ކަނޑާލި ބޯޅަ ބަޝުންދަރަ އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލީ ޖައެޝް ރޭންއެވެ. ރޭން ފޮނުވާލި ހަމަލާ ބަޝުންދަރަ ޓީމުގެ ކީޕަރު އަނީސުރު ރަހްމާން ވަނީ މަތަކޮށްފައެވެ.

83 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން ސުނިލް ޗެތުރީ ވަދެ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

އޭގެ ދެމިނިޓު ފަހުން ބަންގަލޫރުގެ ޒުވާން ވިންގާ ލިއޯން އޮގަސްޓިން އޭރިއާ ތެރެއިން ބަޝުންދަރަ ޓީމުގެ ކުޅުންތެރިއެއް ކާރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ އަމާޒުވި ސީދާ ކީޕަރު އަނީސުރު ރަހްމާން އާ ދިމާލަށެވެ.

މެޗުގެ ފަހު ވަގުތުގައި ބެންގަލޫރު ޓީމުން ވަނީ ބަޝުންދަރަ ޓީމުގެ ގޯލަށް ނުރައްކާކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ބަޝުންދަރަ ޓީމުގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލެވޭ ގޮތެއް ނުވިއެވެ.

މިމެޗުގެ ނަތީޖާއާއެކު ބަޝުންދަރަ ވަނީ ހަތަރު ޕޮއިންޓު ހަމަކޮށްފައެވެ. ބެންގަލޫރު ޓީމަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕުގެ ތިން ވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އަދި އޭޓީކޭ މޯހަން ބަގާންއެވެ.

comment ކޮމެންޓް