ޗެތުރީގެ ކުރީގެ ކުޅުން ނުފެނޭ: އޮސްކާ

އޮގަސްޓް 15، 2021: އޭއެފްސީ ކަޕް ޕްލޭ އޮފް މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އީގަލްސް 1-0 ބަލިކޮށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕުގެ ފަހު ޖާގަ ހޯދީ ބެންގަލޫރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ ގައުމީ ޓީމު އަދި ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތުރީގެ ކުރީގެ ކުޅުން އޭނާއަށް ނުދެއްކޭ ކަމަށް ބަޝުންދަރަ ކިންގްސްގެ ކޯޗު އޮސްކާ ބުރުޒޯން ބުނެފިއެވެ.

ނިއު ރޭޑިއަންޓުގައި އޮސްކާ މަސައްކަތްކުރި އިރު ކުޅުނު ބެންގަލޫރު ޓީމަކީ އޭރު އިންޑިއާގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށާއި ނަމަވެސް މިހާރުގެ ބެންގަލޫރު ޓީމަކީ އެކްލަބުން ބިނާ ކުރަމުން އަންނަ ޓީމެއް ކަމަށް އޮސްކާ ބުންޏެވެ.

"މިދިޔަ ސީޒަނުގައި އިންޑިއަން ސުޕަ ލީގުގައި ބެންގަލޫރު ފެއިލްވީ. މިއަހަރު އެޓީމަށް ވަނީ ޔޫރަޕުގެ މޮޅު ކޯޗެއް ގުޅިފަ. އޭނާ މަސައްކަތް ކުރަނީ އާ ސްޓައިލަކަށް ކުޅުން ބިނާ ކުރަން،" އޮސްކާ ބުންޏެވެ.

މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބަޝުންދަރަ ޓީމުގެ ކެޕްޓަން ޓޮޕޫ ބަރްމާން ބުނީ ޗެތުރީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއަށް އަބަދުވެސް ސަމާލުވާނެ ކަމަށެވެ.

އެންމެ ފަހުން ބަންގްލަދޭޝްގެ ގައުމީ ޓީމާ އިންޑިއާ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗުގައި ޗެތުރީ ދެގޯލް ޖަހާފައި ވުމުން ބަޝުންދަރައިން ޗެތުރީ ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭނެތޯ އެޓީމުގެ ކޯޗު އޮސްކާ ބްރުޒޯން އާ ސުވާލުކުރުމުން އޭނާ ބުނީ ޗެތުރީއާއެކު ކުރިން މުމްބާއީ އެފްސީގައި މަސައްކަތް ކޮށްފައިވާ ކަމަށާއި ޗެތުރީގެ ކުޅުން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"އޭނާ އަކީ ވަރަށް މޮޅުވާން ބޭނުންވާ ކުޅުންތެރިއެއް. އެކަމަކު ފާއިތުވެދިޔަ ދެއަހަރަށް ބަލާއިރު ސުނިލްގެ ފަރާތުން ފެނުނީ އެންމެ އެދެވޭ ކުޅުމެއް ނޫން. އޭރިއާ ތެރޭގައި ނުރައްކާ ބޮޑު ކުޅުންތެރިއެއް ޗެތުރީ އަކީ އޭނާގެ ތަޖުރިބާ ބެންގަލޫރު ޓީމަށް ވަރަށް މުހިންމު ވާނެ." އޮސްކާ ބުންޏެވެ.

މެޗަށް ނިކުންނައިރު ބެންގަލޫރު ޓީމަށް ތިން ޕޮއިންޓް ވަރަށް މުހިންމު ކަމަށާއި އެޓީމުން ތިން ޕޮއިންޓު ހޯދުމަށް އިތުރު ހިތްވަރެއް ލައިގެން ކުޅޭނެ ކަމަށް އޮސްކާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޮސްކާ ބުނީ ދިވެހި ފުޓުބޯޅަ އާއި އިންޑިއާ ފުޓުބޯޅަ އަދި ބަންގްލަދޭޝްގެ ފުޓުބޯޅައިގެ ލެވެލް ދާދި އެއްވަރު ކަމަށެވެ.

އޮސްކާ ބުނީ ދިވެހި ފުޓުބޯޅަ ބިނާވެފައި އޮންނަނީ ކުޅުންތެރިންގެ ޓެކްނިކަލް ފެންވަރަށް ކަމަށާއި ނަމަވެސް ބަންގްލަދޭޝް އަދި އިންޑިއާގައި ފުޓުބޯޅަ ބިނާވެފައި އޮންނަނީ ފިޒިކަލް ކުޅުމަކަށް ކަމަށެވެ.

comment ކޮމެންޓް