ރަންވީރު އާއި އާލިއާގެ އާ ފިލްމުގެ ޝޫޓިން ފަށައިފި

އާލިއާ އާއި ރަންވީރު---

ބޮލީވުޑްގެ ކުޅަދާނަ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންވީރު ސިންހް ލީޑު ރޯލުން ފެނިގެންދާ ފިލްމު ގެ ޝޫޓިން ފަށައިފިއެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ ނަމުން ނަން ދީފައިވާ މި ފިލްމުގެ ފަސްޓް ޝެޑިއުލްގެ ޝޫޓިން ފެށިއިރު މި ފިލްމުގައި ވެޓެރަން އެކްޓަރުން ކަމަށްވާ ދަރުމެންދުރާ، ޖަޔާ ބައްޗަން އާއި ޝަބާނާ އަޒްމީ ވެސް ހަރަކާތްތެރިވާނެއެވެ. އެހެންކަމުން މި ފިލްމުވެގެންދާނީ ވަރަށް ޚާއްސަ ފިލްމަކަށެވެ.

ފިލްމުގައި އާލިއާ ފެނިގެންދާނެ ގޮތް މިހާރު އާންމުކުރިއިރު ފަސްޓްލުކްގައި އޭނާ ފެނިގެންދަނީ ސާޅީ އެއް އަޅައިގެން ހުއްޓައެވެ.

އިޝިތާ މޮއިތާ، ޝަޝަންކް ޚައިތަން އަދި ސުމިތް ރޯއީގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކުރާ މި ފިލްމަކީ އަންނަ އަހަރު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. ދަރުމާ ޕްރޮޑަކްޝަން އިން ގެނެސްދޭ މި ފިލްމާ ގުޅޭގޮތުން ކަރަން ޖޯހަރު ބުނީ މި ފިލްމަކީ ހާއްސަ ފިލްމެއް ކަމަށާއި ފިލްމުގެ މަސައްކަތް ފެށުމުން ވަރަށް އުފާވާ ކަމަށެވެ.

ކަރަން މި ފިލްމު އިއުލާންކުރީ ރަންވީރުގެ އުފަންދުވަހުއެވެ. ރަންވީރު އާއި އާލިއާ ވަނީ މީގެ ކުރިން ވެސް އެކުގައި މަސައްކަތްކޮށްފައެވެ. އެއީ 2019 ވަނަ އަހަރު ގެނެސްދިން "ގަލީ ބޯއީ"ގައެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

comment ކޮމެންޓް