އާރުޑީސީގެ އޮފީސް ފުރާޅުމައްޗަށް އަރާ ހުރި މީހަކު ހައްޔަރުކޮށްފި

އާރުޑީސީ ފުރާޅުމައްޗަށް އަރާ ހުރި މީހާ ހައްޔަރަށް ގެންދަނީ --

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އޮފީހުގެ ފުރާޅުމައްޗަށް އަރާ ހުރި މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އާރުޑީސީ އޮފީހުގެ ފުރާޅުމައްޗަށް މީހަކު އަރާ ހުރި ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އެ މީހާއަކީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން އެ މީހާ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

އެ ވީޑިއޯއިން ފެންނަ މީހާ ރޭ ފުރާޅުމައްޗަށް އަރައިގެން އުޅުމަށްފަހު ދެވުނީ ލައިގެންހުރި ޖިންސާ ޓީޝާޓް ބާއްވާފައި ކަމަށް ބުނާ އަޑު އިވެއެވެ. އެހެންކަމުން ފުރާޅަށް އެރީ އެ ތަކެތި ނަގަން ކަމުގައި އޭނާ ބުނާ އަޑު އިވެއެވެ.

މި މައްސަލަ ދަނީ ފުލުހުން އިތުރަށް ތަހްގީގު ކުރަމުން ކަމަށެވެ. އާރުޑީސީ އޮފީސް ފަޅާލައިގެން މީގެ ކުރިން ވަނީ ޖުމްލަ ތިން ފަހަރަކު ފަޅާލައި ވަގަށް ބަޔަކު ވަދެފައިވެއެވެ. އޭޕްރިލް މަސްތެރޭ އެ އޮފީހުން ވައްކަންކުރި ބަޔަކު ވަނީ 100،000 އެއްހާ ރުފިޔާ ވަގަށްނަގައިފައެވެ. އެންމެ ފަހުން ވައްކަންކުރި ފަހަރު ވަގުން ވަނީ އޮފީހުގެ ފުރާޅުން ޓިނު ނަގައިގެން އެތެރެއަށް ވަދެފައެވެ.

comment ކޮމެންޓް