އައްޑޫ ރައްޔިތުންގެ ހިތްތަކުގައި ޖަހަނީ ޕީޕީއެމްގެ ގައުމީ ވިންދު: އާދަމް ޝަރީފް

ޖުލައި 13، 2021: ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ރައްޔިތުންގެ ހިތްތަކުގައި މިއަދު ޖަހަމުންދަނީ ޕީޕީއެމްގެ ގައުމީ ވިންދުކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމަށް މެމްބަރުން އިތުރުކުރުމުގެ ގޮތުން މިހާރު އައްޑޫ ސިޓީގައި ކުރިއަށްދާ ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާދަމް ޝަރީފް "ސަން" އަށް ވިދާޅުވީ ޕީޕީއެމްގެ ގައުމީ ސިޔާސަތުތަކަށް މިއަދު އައްޑޫއިން ތާއިދުކޮށްފިކަން ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފިކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ މިއަދު އައްޑޫއިން އަޅުގަނޑުމެންގެ އަސާސްތައް ގަބޫލުކޮށްފިކަން،"

"މިއަދު އަޅުގަނޑު އައްޑޫގައި ހުރެގެެން މި ވާހަކަ ދައްކާއިރު އަޅުގަނޑަށް ފެންނަ މަންޒަރަކީ މިއަދު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ދާ ދިޔުމުގައި ގައުމުގެ ގައުމިއްޔަތު ދިރުވުމާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި މިފަހަރު އެންމެ ވަރުގަދަ ޖިހާދެއް ކުރާނެ ބަޔަކަށް ވާނީ އައްޑޫ އަތޮޅުގެ ރައްޔިތުންކަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ފެބްރުއަރީ 12، 2021: ކޮވިޑު19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވަނިކޮށް އިދިކޮޅުން ކޯލިޝަނުން "ކޮބާ މަގޭ ފްލެޓު" ނަމުގައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ މިއަދު ގައުމީ ވިންދު އައްޑޫ ރައްޔިތުންގެ ހިތްތަކުގައި ޖަހަމުންދާކަން އިހުސާސްކުރެއްވޭކަމަށެވެ. އަދި އެކަން އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ގައުމުގެ މިނިވަންކަމާމެދު ބިރު ހީވާ ފަދަ ކަންކަމުގެ އަޑުތައް މިއަދު ފެތުރެމުންދަނީ ސަރުކާރު ހިންގަން ތިބި ވެރިންގެ ކިބައިގައި އެކަމުގެ "އުރައްޕެއް" ނެތުމުންކަމަށެވެ. އަދި މިނިވަންކަން ދެމެހެއްޓުމުގެ ގާބިލްކަން ނެތްނަމަ ރައްޔިތުންނަށް ސަރުކާރު ހިންގުން ހަވާލުކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

"ރައްޔިތުން ހަގީގަތުގައި މިއަދު އެދެމުންދަނީ ވެރިކަން ބަދަލުވުމަށް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެ ބާރު އޮތީ ރައްޔިތުންގެ ކިބައިގައި. އެކަން ކުރަންޖެހޭނީ ގާނޫނުގައި އޮންނަ ގޮތުން ވޯޓަކުން. އެ ވޯޓު ނަގާ ނިމޭއިރުގައި އަޅުގަނޑު ދަންނަވާނީމި ރާއްޖޭގެ ވެރިކަން އޮންނާނީ ބަދަލުވެފައޭ،" އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ފަރާތުން ޕީޕީއެމްގެ ހަރަކާތަށް ބޮޑު ތާއިދެއް ލިބިފައިވާކަމަށެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން އެ ސިޓީއިން ޕީޕީއެމަށް ގުޅިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއާއެކު މިއީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގެ އިތުރު ބޮޅެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް