ތިލަފުށިން ދުން އަރާ މައްސަލަ ދާއިމީ ހައްލަކާ ދިމާއަށް

ތިލަފުށީ ފަޅުތެރެއަށް ކުނި އަޅާފައި -- ފޮޓޯ/ ސަން

ތިލަފުށިން އަރާ ދުމުުގެ މައްސަލައަކީ އެތައް އަހަރަކަށް ދިގުދެމިގެން ގޮސްފައިވާ މައްސަލައެކެވެ. އެކި ބާވަތުގެ ކުނި ޖަމާކޮށް އެންދުމުގެ މަސައްކަތް އެތަނުގައި އަންނަނީ ކުރަމުންނެވެ. ނަމަވެސް މޫސުމާއި ވައިޖެހޭގޮތަކުން އަރާ ދުމުގެ އުނދަގޫ މާލެ، ވިލިމާލެ އަދި ހުޅުމާލެއާއި ހަމައަށްވެސް ފޯރައެވެ. އެގޮތުން ދުމުގެ އަސަރުކޮށް މާލޭގެ ސްކޫލްތައް ބަންދުކުރަން ޖެހުނު ދުވަހެއްވެސް މީގެ ކުރިން ވަނީ ތަހައްމަލުކޮށްފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އިސްނެގުމުގެ މަތިން މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް މިހާރު މި ވަނީ ފަށާފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ބުނީ އެ މިނިސްޓްރީގެ އަމާޒަކީ ރަނގަޅުގޮތެއްގައި ތިލަފުށީގައި ކުނި އެންދުމުގެ މަސައްކަތް ކުރުމަށްޓަކައި އެތަން ރިހެބިލިޓޭޓް ކުރުން ކަމަށެވެ. އަދި ރަނގަޅު ގޮތެއްގައި މި މަސައްކަތް މެނޭޖުކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.

އެގޮތުން އެ މިނިސްޓްރީން މި މަސައްކަތްކުރަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ގުޅިގެންނެވެ. އަދި މަސައްކަތް ކުރިޔަށްދާއިރު ދުމުގެ އަސަރު ވީހާވެސް ކުޑަވާނެހެން އެ މަސައްކަތް ކުރުމަށް އިސްކަން ދޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ތިލަފުށި ކުނިގޮނޑު -- ފޮޓޯ/ ސަން

ނަމަވެސް މަސައްކަތް ކުރިޔަށްދާއިރު ބައެއް ދުވަސްތަކުގައި ދުމުގެ އަސަރު ކުރާ މިންވަރު އާދަޔާ ހިލާފަށް ބޮޑުވާނެތީ އެކަމަށް ސަމާލުވުމަށް މިނިސްޓްރީން އާންމުގެ ކިބައިން ވަނީ އެދިފައެވެ. އަދި މިނިސްޓަރު އައިމިނަތު ޝައުނާވެސް ވަނީ އެކަމަށް ސަމާލުވުމަށް ވިދާޅުވެފައެވެ.

https://twitter.com/anuahsa/status/1428545495786393609?s=20

މި މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ ލަފަޔާއި އެހީގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތެކެވެ. މީގެއިތުރުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އާއި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް)ގެ އެހީވެސް މި މަޝްރޫއަށް ލިބިގެންދާނެއެވެ.

މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ ތިލަފުށިން އަރާ ދުމުގެ މައްސަލައަށް އޮކްޓޯބަރު މަހުގެ ނިޔަލަށް ހައްލު ގެނައުންކަމަށެވެ. އަދި ޑިސެމްބަރު މަހުގެ ނިޔަލަށް އެތަން މެނޭޖުކުރާނެ ރަނގަޅު ނިޒާމެއް ގާއިމުކުރުންކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީތެރިކަމާއެކު ތިލަފުށީގެ ކުނިގޮނޑު ރިހެބިލިޓޭޓްކުރުމުގެ އިތުރު މަސައްކަތެއް ފެށުމަށް ތައްޔާރުވެފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް