އަހްލާގީ ކުށްތަކުން ސަލާމަތްވެވޭނީ ދީނުގެ އިންތަކުގައި ހިފައިގެން: ހުތުބާ

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑެތި އަހުލާގީ ކުށްތަކާއި ފާހިޝް އަމަލުތަކުން މުޖުތަމައު ރައްކާތެރި ކުރެވޭނީ އިސްލާމްދީނުގެ އިންތަކުގައި ހިފަހައްޓައިގެންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުތުބާގައި މައިގަނޑުގޮތެއްގައި ނަސޭހަތްތެރިވެފައިވަނީ ފާހިޝް އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމުގެ މައްޗަށެވެ.

އެގޮތުން އެއްޖިންސުން ގުޅުން ހިންގުމާއި، ޒިނޭ އަދި ބަދުއަހުލާގީ އަމަލުތައް ކުރުމުގެ ނުބައިކަމުގެ މައްޗަށް ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.

މި މައުޟޫއުއަށް މިއަދު ދިން ހުތުބާގައި ބުނީ އިސްލާމްދީނުގައި މަނާ ކޮށްފައިވާ ކޮންމެ އަމަލެއްވެސް މަނާކޮށްފައިވަނީ އެކަމުގެ ސަބަބުން ލިބިގެންދާ ގެއްލުމުގެ ސަބަބުން ކަމަށެވެ.

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

"އެއްޗަކާ ގާތްތަނުވުމަށް ބުނެއުޅެނީ އެ އެއްޗެއްގެ ނުރައްކަލާއި ގެއްލުން ނުހަނު ބޮޑުވީމަ. ޒިނޭއާއި ދުރުވުމަށް އެންގެވީ އޭގެ ސުންޕާކަމުގެ ސަބަބުން މުޖުތަމައު ފަސާދަވެ ނަސްލު އޮޅުންބޮޅުން ވާނެތީ. އަދި އީމާންކަން ނިގުޅިގެން ދާނެތީ،" ހުތުބާގައި ބުންޏެވެ.

ހަމައެއާއެކު މިއަދު ދިވެހި މުޖުތަމައުންވެސް ޒުވާނުންގެ މެދުގައި އެއްޖިންސުން ގުޅުން ހިންގާކަމުގެ އަޑު ފެތުރިގެން ދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ހުތުބާގައިި ބުންޏެވެ.

އަދި ދެ ޖިންސުގެ މީހުން ގުޅި ހަށިވިއްކުން ފަދަ ބޮޑެތި ފާފަތައް މިއަދު ރާއްޖޭގައިވެސް ފުޅާވެގެން ދިޔުމަކީ އެކަމާ މެދު ވިސްނާ އަމަލުތައް އިސްލާހުކުރުން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ.

"އިސްވެ ދިޔަ ބައެއް އުންމަތްތައް ހަލާކުކުރެއްވީ އެބައިމީހުންގެ ފާހިޝް އަމަލުތަކާއި ފާފައިގެ ސަބަބުން. އެކަން ކީރިތި ގުރުއާނުގައި މާތްﷲ ވަނީ ބަޔާންކުރައްވާފަ. ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވާ މިފަދަ ވާހަކަތަކުން އިބްރަތް ލިބިގަންނަމާ." ހުތުބާގައި ބުންޏެވެ.

އަދި ދުނިޔޭގެ އުފަލަށްޓަކައި އާހިރަތް އަބާއްޖަވެރި ކޮށްނުލުމަށްވެސް ހުތުބާގައި ގޮވާލާ ނަސޭހަތްތެރިވިއެވެ. އަދި ފާފައެއް ކުރެވިފައިވާނަމަ ލަސްނުކޮށް ތައުބާވުމަށްވެސް ގޮވާލިއެވެ.

comment ކޮމެންޓް