ފާއިތުވި އަހަރުތަކުގައި، ހާއްސަކޮށް ވޭތުވެދިޔަ މަސްތަކުގައި ތާލިބާން ޖަމާއަތުގެ އިސް މެމްބަރުން ސޯޝަލް މީޑިއާ ބޭނުން ކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށަށް އަރާ، އަމިއްލަ ވެރިކަމެއް އިއުލާން ކުރި ފަހުން އެ ޖަމާއަތުން ސޯޝަލް މީޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށް މެސެޖުތައް ފޮނުވާ މިންވަރު ވަނީ އިތުރުވެފައެވެ.
ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ތާލިބާނާ ގުޅިފައިވާ ވާހަކަތަކާއި ފޮޓޯ އާއި ވީޑިއޯއާ ބެހޭ ގޮތުން އަމަލު ކުރާނެ ގޮތުގެ ގަވާއިދުތައް އިއުލާންކޮށްފައިވީ ނަމަވެސް އެހެން ބައެއް ޕްލެޓްފޯމްތަކުން އެފަދަ ތަފްސީލެއް ހާމަ ނުކުރެއެވެ.
އެގޮތުން ފޭސްބުކުން ވަނީ އެ ކުންފުނިން އަމަލު ކުރާނީ ތާލިބާނާ ބެހޭ ގޮތުން މީގެ ކުރިންވެސް ކަނޑައަޅާފައިވާ ސިޔާސަތާ އެއްގޮތަށް ކަމަށް ބުނެފައެވެ.
އެ ސިޔާސަތުގައި ވަނީ ތާލިބާނަކީ އެމެރިކާގެ ގާނޫނުގެ ދަށުން ޓެރަރިސްޓު ޖަމާއަތެއް ކަމަށް ބުނެފައެވެ. އެހެންކަމުން ތާލިބާނުން ނުވަތަ އެ ޖަމާއަތް ތަމްސީލު ކުރުމަށް ހަދާފައިވާ އެކައުންޓުތައް ރިމޫވް ކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި ފޭސްބުކް މެދުވެރިކޮށް އެ ޖަމާއަތަށް ތައުރީފުކޮށް، ތާއިދު ކުރުންވެސް މަނާވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ފޭސްބުކުން ގަނެފައިވާ އިންސްޓަގްރާމް އާއި ވަޓްސްއެޕްގައިވެސް އަމަލު ކުރާނީ އެ ސިޔާސަތަށެވެ. އަދި އެއާ އެއްގޮތަށް، ޔޫޓިއުބުންވެސް ވަނީ ތާލިބާނުން ހިންގާ އެކައުންޓުތައް އުވާލާނެ ކަމަށް ބުނެފައެވެ.
އެއާ ހިލާފަށް، ޓުވިޓާއިން ތާލިބާނާ ބެހޭ ކޮންޓެންޓަށް ވަކިން އަމާޒުކޮށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ނުވެއެވެ. އަދި އެކަމާ ބެހޭ ގޮތުން އެ ޕްލެޓްފޯމުން ބުނެފައި ވަނީ، ޓުވިޓާ މެދުވެރިކޮށް ހަމަނުޖެހުމަށް ހިތްވަރުދިނުމަށް ޖާގަ ނުދޭނެ ކަމަށެވެ.
މީގެ އިތުރުން، އަފްގާނިސްތާނުގައި ތިބި ގިނަ އަދަދެއްގެ މީހުން އެހީ ހޯދުމަށް ޓުވިޓާ ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެފައެވެ.
ޓައިމްސް މެގަޒިންގެ އެނެލެސިސްއަކުން ދެއްކި ގޮތުގައި، މިމަހުގެ ނުވައެއްގެ ފަހުން ފޭސްބުކާއި ޓުވިޓާގައި ތާލިބާނާ ގުޅުން ހުރި 100އަށް ވުރެ ގިނަ އާ އެކައުންޓުތަކާއި ޕޭޖުތައް ހަދާފައިވެއެވެ.
އަދި އެ ޖަމާއަތުގެ ބައެއް އިސް އޮފިޝަލުންނާއި އެމީހުންނަށް ތާއިދު ކުރާ ބަޔަކު އުފައްދާފައިވާ، ނަމަވެސް އަހަރުތަކެއް ވަންދެން ބޭނުން ނުކޮށް އޮތް އެކައުންޓުތައް މިދިޔަ ހަފްތާ ތެރޭގައި ކުއްލިއަކަށް އެކްޓިވްވެފައިވެއެވެ.
ޓްވިޓާގައި ހަރަކާތްތެރިވާ ތާލިބާންގެ އެންމެ އިސް އޮފިޝަލުންނަކީ އިސްލާމިކް އެމިރޭޓް އޮފް އަފްގާނިސްތާނުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު އާއި ދޯހާގައި ހުންނަ ތާލިބާން ޕޮލިޓިކަލް އޮފީހުގެ ތަރުޖަމާނު މުހައްމަދު ނައީމް އާއި ބައިނަލްއަގުވާމީ މީޑިއާއަށް ހާއްސަކޮށްފައިވާ ތަރުޖަމާނު ސުހައިލް ޝަހީންއެވެ. އެ ތިން މީހުންގެ ފޮލޯވާސްގެ ޖުމްލަ އަދަދު ވަނީ 845،000އަށް ވުރެ އިތުރުވެފައެވެ.