ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަން ވަރަށް ސާފު: މަހުލޫފް

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް -- ސަން ފޮޓޯ/ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޝަނެއްގައި ހުރި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަން މިހާރު ވަރަށް ސާފުކޮށް އެނގިފައިވާކަމަށް މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް އެެހެން ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އޭނާއަށް ދައުވާކުރުން ލަސްވަނީ އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނުވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު ޝަމީމް ވިދާޅުވި ފަހުންނެވެ. އަދި "ސަތޭކަ ދުވަސް ނެގިޔަސް އެ މައްސަލަ ނިންމާނީ ހޯދަންޖެހޭ ހެއްކެއް ހޯދުމަށް ފަހު" ކަމަށް ޝަމީމް ވިދާޅުވުމާ ގުޅިގެންނެވެ.

މަހުލޫފް ރޭ "ސަން"އަށް ވިދާޅުވި ގޮތުގައި، އޭނާއަށް ދައުވާ ކުރާނީ ހެކި ހޯދާފަ ކަމަށް ޕީޖީ ޝަމީމް ވިދާޅުވުމުން ވަރަށް ހައިރާންވިއެވެ. އަދި އެއީ މީގެ ކުރިން އެކަން ކުރާ ގޮތެއް ނޫން ކަމަށާއި އާންމުކޮށް ހެކި ލިބުނީމަ ދައުވާ ކުރަން އަދި ހެކި ނުލިބުމުން ދައުވާ ނުކުރަން ނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޖީ ޕްރެސް ކޮންފަރެންސްގަ އެ ވިދާޅުވި ވާހަކަތަަކަށް ބަލާލާ އިރު ވަރަށް ސާފުކޮށް އެނގިގެން ދިޔައީ އެބޭފުޅުންގެ އަތުގަ އަޅުގަނޑުގެ މައްޗަށް ދައުވާ ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ނެތްކަން. އޭގެ އިތުރަށް އަޅުގަނޑު ހައިރާންވި ޕީޖީ ޝަމީމް އެގޮތަށް ވިދާޅުވީމަ، ހެކި ހޯދާފަ ކަމަށް ދައުވާ ކުރައްވާނީ. އެއީކީ އެކަން ކުރާ ގޮތެއް ނޫން މީގެ ކުރިން. ހެކި ހުރިއްޔާ ދައުވާ ކުރަނީ ނެތިއްޔާ ނުކުރަަނީ. އެހެންވީމަ އެވަރުގެ ވާހަކައެއް ވިދާޅުވީމަ ވަރަށްވެސް ސާފުވޭތާ އެ އެބޭފުޅުންގެ އަތުގަ ހެއްކެއް ނެތްކަން،" މަހުލޫފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިދިޔަ ޖޫން މަހު ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލައާ ގުޅިގެން، މިދިޔަ ޖޫން މަހުގެ ނުވައެއްގައި މަހުލޫފް ވަނީ މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. އަދި މައްސަލައިގެ ތަހުގީގު ދިގުދެމިގެންދާތީ ނުރުހުން ފާޅު ކުރައްވާ، އޭނާ ވަނީ މައްސަލަ ކޮންމެވެސް އެއް ގޮތަކަށް މިހާރު ނިންމަން ވެއްޖެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރުސީގެ ހިޔާނަތް ތަހުގީގު ކުރާތާ ތިން އަހަރުވާން ގާތްވެފައިވާ އިރު އެ ކޮމިޝަނާއި އޭސީސީއަށް މިހާތަނަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ތިން އަހަރުވާން ދާ އިރު އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީއަށް އެއްވެސް ކަމެއް ނުކުރެވޭ، މައްސަލަ ނުބެލޭ. ފުރަތަމަ ކަމަކަށް އެމީހުންނަށް އެކަން ނުކުރެވުނު ކަން އަމިއްލައަށް އެބަ ގަބޫލު ކުރަން ޖެހޭ. މި މައްސަލައިގަ އަޑު އިވެނީ ރައީސް ޔާމީނާ އަދީބާ އަޅުގަނޑާ ނިހާނުގެ ނަން އެކަނި. އަޅުގަނޑު އަބަދުވެސް ބުނަނީ އަޅުގަނޑުގެ ގޯސްކަމެއް އޮތް ނަމަ ދައުވާ ކުރަންވީ އޭ، އެކަމަކު ތަކުރާރުކޮށް މިބުނަނީ އަޅުގަނޑުގެ މައްސަލައިގަ އެއްޗެއް ނެތޭ،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ތުހުމަތު ކުރައްވާ ގޮތުގައި އޭނާގެ މައްސަލައިގެ އަޑީގައި ވަނީ އޭނާ މަގާމުން ދުރު ކުރަން މަސައްކަތް ކުރާ ސިޔާސީ ބަޔެކެވެ. އަދި މަހުލޫފަށް ދައުވާ ކުރަން އެއްވެސް ނުފޫޒެއް ނެތް ކަމަށް ޕީޖީ ޝަމީމް ވިދާޅުވި ނަމަވެސް، އޭނާއަށް ކުރާ ތުހުމަތުތަކުގައި ކޮންމެވެސް މައްސަލައެއް އުޅޭކަން މިހާރު ފެންނަމުންދާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

comment ކޮމެންޓް