ފޭކް ބުކިންގެ މައްސަލަ ހައްލު ކުރަން ސިޔާސަތުތަކާއި ނިޒާމަށް ބަދަލު ގެންނަނީ

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޭކު ބުކިން ހައްދައިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ މައްސަލަ ހައްލު ކުރަން ކަމާ ބެހޭ ނިޒާމާއި ސިޔާސަތުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ އެހެން ވިދާޅުވީ، އޮޅުވާލައިގެން ރާއްޖެ ގެނައި 27 ފަތުރުވެރިއަކު މިދިޔަ އާދިއްތަ ދުވަހުގެ ރޭ މަގުމަތިވި ފަހުންނެވެ.

ހަނަފީ މިރޭ "ސަން"އަށް ވިދާޅުވި ގޮތުގައި، އެފަދަ މައްސަލަތަކުގައި ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް ނިޒާމުން ބާގަނޑުތައް ނުވަތަ ލޫޕްހޯލްތައް ހޯދައިގެން އޭގެ ބޭނުން ކުރާނެ މީހުން ތިބޭނެއެވެ. ނަމަވެސް އިމިގްރޭޝަނުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި ދެން އަޅާނެ ފިޔަވަޅުތަކުން އެފަދަ ކުށްތައް ވަރަށް ބޮޑަށް މަދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބުކިން ހެއްދުމާ ބެހޭ ނިޒާމާއިި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ މަަސައްކަތް މިހާރު ކުރަމުންދާކަން ހަނަފީ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މިކަންތައްތައް ހުއްޓުވުމަށް މިހާރު ސިސްޓަމާއި ޕޮލިސީ ބައެއް ބަދަލުތައް އެބަ ގެންނަން. ވަރަށް އަވަހަށް އެ ބަދަލުތައް ތަންފީޒު ވެގެން ދާނެ. މިހާރު އަޅާ ފިޔަަވަޅުތަކުންވެސް ވަރަށް ބޮޑަށް [ފޭކް ބުކިން] މިނިމައިޒް ވާނެ އަދި ދެން ގެންނަ ބަދަލުތަކުން އެއަށް ވުރެ ބޮޑަށް މިނިމައިޒް ވެގެން ދާނެ،" ހަނަފީ ވިދާޅުވިއެވެ.

ނަމަވެސް ނިޒާމާއި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާ ބެހޭ އިތުރު ތަފްސީލެއް ހަނަފީ ހާމަ ނުކުރައްވައެވެ.

ފޭކް ބުކިންގެ މައްސަލަ ފެންމަތިވުމާ ގުޅިގެން، ފަތުރުވެރިން ތިބޭ ތަންތަން ބަލައި ޗެކް ކުރުމަށް ފުލުހުން ވަނީ ހާއްސަ އިންސްޕެކްޝަންތަކެއް ފަށާފައެވެ. އެއީ ފުލުހުންނާއި އިމިގްރޭޝަންގެ އިތުރުން އެޗްޕީއޭ އާއި ޓުއަރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ލޯކަލް ގަވާމަންޓް އޮތޯރިޓީން ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.

ހަނަފީ ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް ފަތުރުވެރިން ގެންނަ މީހުން ފާހަގަ ކުރެވުމުން، އެކަން ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެއެވެ. އަދި އިމިގްރޭޝަން ގާނޫނުގެ އިތުރުން މިދަނޑިވަޅަށާއި އެޗްޕީއޭގެ ގަވާއިދުތަކަށް ރިއާޔަތް ކޮށްވެސް އިތުރު ފިޔަވަޅު އެޅޭނެއެވެ.

"ގާނޫނާ ހިލާފުވީމަ ގާނޫނުގެ ތެރެއިން ހަރުކަށި ފިޔަވަޅު އެޅޭނެ. ހަމައެކަނި އިމިގްރޭޝަން ގާނޫނަކާ ނޫން އެފަދަ ކަންތައް ކުރާ ފަރާތްތަކުން ހިލާފު ވަނީ. ވީމާ އެޗްޕީއޭއާ މިދަނޑިވަޅުގަ އޮތް ހާލަތަށް ރިއާޔަތްކޮށްފަވެސް އަޅުގަނޑުމެންނަށް ފިޔަވަޅު އެޅޭނެ،" ހަނަފީ ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ މަގުމަތިވި ފަތުރުވެރިންނަށް އިމިގްރޭޝަނާއި ފުލުންހުންނާއި ރެޑްކެރެސެންޓުގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެ މައްސަލައާ ގުޅުން ހުރި މީހަކު އެ ރޭ ވަނީ ހައްޔަރުކޮށްފައެވެ.

ހަނަފީ ވިދާޅުވި ގޮތުގައި އެ މީހާ ދޫކޮށްލުމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ މައްސަލައިގެ ތަހުގީގަށް ފަހުގައެވެ.

މީގެ އިތުރުން ހަނަފީ ވަނީ، ފޭކް ބުކިން އާއި އިމިގްރޭޝަން ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން ގާތްގަނޑަކަށް ކޮންމެ ދެ ދުވަހަކުން އެއް ދުވަހަކު ގިނަ އަދަދެއްގެ މީހުން އަނބުރާ ފޮނުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމާ ބެހޭ ގޮތުން އެއާލައިންތަކާވެސް މަޝްވަރާކޮށްފައި ވާނެ ކަމަށް ހަނަފީ ވިދާޅުވިއެވެ.

"ދެ ދުވަހުން އެއް ދުވަހު އެބަ ފޮނުވާލަން ފްލައިޓެއް. އެންމެ ފަހުންވެސް 180 މީހުން މި ފޮނުވާލީ، އޭގެ ކުރިން 200 މީހުންގެ ފްލައިޓެއް ފުލްކޮށް ފޮނުވާލީ. އެއީ ފޭކް ބުކިންއާ އިމިގްރޭޝަންގެ ޝަރުތުތައް ފުރިހަމަ ނުވާތީ،" ހަނަފީ ވިދާޅުވިއެވެ.

އެފަދަ ފްލައިޓުތައް އަނބުރާ ފޮނުވާލާ އިރު ދައުލަތުން ހަރަދެއް ނުދާނެކަން ހަނަފީ ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް