ރާއްޖޭގެ ދަނޑުތަކުން އުފެއްދޭ ތަކެތި ބޭރުން އެތެރެކުރާ ނަމަ ޓެކްސްއެއް ނަގަނީ

ރައީސުލްޖުމްހޫރިއްޔާ، ކަނޑޫދޫގެ ދަނޑުވެރިންނާާ ބައްދަލުކުރެއްވުން ---

ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކްސް އެއް ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަނޑޫދުއަށް ވަޑައިގެން އެ ރަށުގެ ދަނޑުވެރިންނާާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް މިހާރު ފުރުސަތު އޮތްކަމަށާއި، އެކަމަށް ޑިމާންޑް ވެސް އެބައޮތްކަމަށެވެ.

އެމަނިކފާނު ވިދާޅުވީ ބިދޭސީން ރެގިއުލަރައިޒް ކުރެވޭނެ މަގުފަހިކޮށްދެއްވާނެ ކަމަށާއި، ދަނޑުވެރިން ހުށަހަޅައިފައިވާ ކަންކަމުގައި މަޝްވަރާކޮށްގެން ރަނގަޅު ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވަނީ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓްގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައި އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ކެމިކަލް އިން ކުރިން ނަގަމުން އައި ޑިއުޓީ ކަނޑާލިނަމަވެސް އޭގެ ފައިދާ ދަނޑުވެރިންނަށް ނުކުރާތީ އެކަމުގެ ކަންބޮޑުވުން ކަނޑޫދޫ ދަނޑުވެރިން ރައީސާ ހިއްސާކޮށްފައިވެއެވެ.

ދަނޑުވެރިން ބުނިގޮތުގައި އޭގެ ފައިދާ ކުރަނީ ވިޔަފާރިވެރިންނަށް އެކަންޏެވެ.

ކަނޑުދޫގެ ދަނޑުވެރިން ވަނީ އެގްރޯނެޓް ސްކީމްގައި މިރުސް ނުހިމެނޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދަނޑުވެރިކަން ކޮށްގެން އުފައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް މާކެޓްގައި ހަމައަގުލިބޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމްކޮށްދެއްވުމަށްވެސް ރައީސްގެ ކިނބައިން ދަނޑުވެރިން އެދުނެވެ.

މީގެ އިތުރުން ވެސް ދަނޑުވެރިިން ވަނީ ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަނޑޫދޫގެ ދަނޑުތަކުގައި ކޮންމެވެސް ވަރަކަށް މަސައްކަތްކުރާކަން ހާމަ ކުރަމުން ދަނޑުވެރިން ވަނީ އެމީހުން ފަސޭހަ ގޮތަކަށް އަލުން އަނބުރާ ރެގިއުލަރައިޒް ކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށް ވެސް ރައީސްގެ ކިބައިން އެދިފައެވެ.

ރައީސް ސޯލިހު ކަނޑޫދުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަވަނަ މަންޒިލެވެ.

comment ކޮމެންޓް