މަހުލޫފަށް ދައުވާ ކުރާނީ ހިތްހަމަޖެހޭ ވަރަށް ހެކި ލިބުނީމަ: ޝަމީމް

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ދައުވާކުރުން ލަސްވަނީ އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް އަދިވެސް ހެކި ނުހޯދޭތީކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ވިދާޅުވީ ޖުމްލަކޮށް ހަ ދުވަހުގެ މުއްދަތެއްގެ ތެރޭ އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ދައުވާކުރުމާ މެދު ގޮތް ނިންމާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މައްސަލައެއްގައި އިންސާފުން އެއްކިބާވާ ގޮތަށް މައްސަލަތަކަށް ދައުވާކުރަން ނުފޮނުވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ހޯދަން ޖެހޭ ހެއްކެއް ވާކަމަށް ފެންނަންޏާ ހަ ދުވަހެއް ނޫން، ހަތްދިހަ ދުވަހެއް ނޫން، ސަތޭކަ ދުވަސް ނެގިޔަސް އަޅުގަނޑުމެން އެ މައްސަލަ ނިންމާނީ އެ ހޯދަންޖެހޭ ހެއްކެތް ހޯދާފައި،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މަހުލޫފް ގެ މައްސަލައަކީ މުއްދަތު ނުހިނގާ މައްސަލައެއްކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ވަކި މުއްދަތެއްގައި ދައުވާކުރަން ފޮނުވަންޖެހޭނެ ފަދަ އެއްވެސް ހުރަހެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަނީ ހަމަ ވީހާވެސް އަވަހަކަށް ދައުވާކުރެވޭތޯ. ނަމަވެސް ދައުވާކުރުމަށްޓަކައި އިންސާފުވެރި ގޮތެއް ނޫންގޮތެއް ނިންމުމަކީ ރަނގަޅުކަމަކަށް ނުވާނެ. އެއީ މިނިސްޓަރު މަހުލޫފަށް ކަމަށްވިޔަސް އަދި އެހެން މީހަކަށް ވިޔަސް،" ޝަމީމް ވިދާޅުވިއެވެ.

މީގެ ކުރިން "ސަން" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ އެމްއެމްޕީއާރުސީ ގެ ކޮރަޕްޝަނުގެ މައްސަލައިގައި ޕީޖީ އޮފީހުން އެކަން އިންސާފުވެރިކޮށް ބަލާނެކަމަށް މީގެ ކުރިން ގަބޫލުކުރެވުނުކަމަށެވެ.

ނަމަވެސް މިހާރު މައްސަލަ ދިރާސާކުރުމުގައި ޕީޖީން ތަފާތުކުރުން ގެންގުޅޭ ކަމަށް މަހުލޫފުވަނީ ތުހުމަތުކުރައްވާފައެވެ. މަހުލޫފު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ހެކި ހޯދުމުގައި މައްސަލަތަކެއް ހުރި ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

comment ކޮމެންޓް