13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ދެ މީހަކަށް ދައުވާ ކުރަނީ

އޮގަސްޓް 3، 2021: މޭ6 ބޮމް ގޮއްވާލި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ޖޫން މަހު ހުޅުމާލެ ފޭސް ދޭއްގައި މަރާލައިފައި ފޮއްޓަކަށްލުމަށްފަހު އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި ދެ މީހަކަށް ދައުވާ ކުރަން ނިންމައިފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 27 އަހަރުގެ ފިރިހެނާ އަދި 17 އަހަރު ކުއްޖާގެ މައްޗަށް ދައުވާ އުފުލަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން 27 އަހަރުގެ މީހާ، އިބްރާހިމް ޒިހާން، ބަގީޗާގެ، ނ. ލަންދޫ މައްޗަށް ހަތް ބާވަތެއްގެ ދައުވާކުރަން ނިންމާފައިވާކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

"މި މައްސަލައަކީ ފަސޭހަ މައްސަލައެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. ވަރަށް އެހެންކަހަލަ ގޮތަކަށް ހިނގާފައޮތް މައްސަލައެއް މިއީ. އެއްގޮތަކަށްވެސް މި ރާއްޖޭގައި ހިނގައިގެންވާނެ މައްސަލައެއް ނޫން މިއީ،" ޕީޖީ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ މަރަކީ ވަރަށް "އެހެންކަހަލަ" ގޮތަކަށް ހިނގާފައިވާ މައްސަލައެއްކަމަށެވެ. އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ އެކަކުކަމުގައިވާ ޒިހާންގެ މައްޗަށް 100 އަހަރުގެ ހުކުމެއް އައިސްދާނޭ ވަރުގެ ހަތް ބާވަތެއްގެ 13 ދައުވާއެއް އުފުލަން ނިންމާފައިވާކަމަށެވެ.

ޒިހާން ގެ މައްޗަށް އުފުލަން ނިންމާފައިވާ ދައުވާތައް:

  • ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާ
  • ކުުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ
  • ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދައުވާ
  • ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ
  • ޖިނާއީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ

އެ ދައުވާތަކުގެ އިތުރުންވެސް އެހެން ދެ ދައުވާއެއް ޒިހާންގެ މައްޗަށް ކުރަން ނިންމާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެއީ އެހެން މައްސަލައަކާ ގުޅިގެން ކުރާ ދައުވާތަކެއްކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

13 އަހަރުގެ ކުއްޖާގެ މަރު: ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. ސަން ފޮޓޯ/މުޒައްޔިން ނާޒިމް

އޭގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށްވެސް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކުރާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ކުޑަކުދިން ބޭނުންކޮށްގެން ކުށުގެ އަމަލުތައް ހިންގާފަރާތްތަކަށް އެ ފުރުސަތު ނުދެއްވާނެކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

"އެ ސަކަރާތެއް ނުޖެހޭނެ. އަޅުގަނޑު މި މަގާމުގައި ހުރެގެންނެއް އެ ގޮތަށް ކަންކަން ކުރާކަށް ޖާގައެއް ނުދޭނަން. ހަމަ ކިރިޔާވެސް ދައުވާއެއް ކުރެވެން އޮތީވިއްޔާ އެކަހަލަ ކަންކަމުގައި އުޅޭ މީހާގެ މައްޗަށް ދައުވާކުރާނަން،" ޝަމީމް ވިދާޅުވިއެވެ.

comment ކޮމެންޓް