މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް ބޭފުޅަކު އިހުތިޔާރުކުރުން ދަތި ކަމަކަށް ވެފައި

މެލޭޝިއާގެ ރަސްގެފާނު އަބްދުﷲ ރިއާޔަތުއްދީން

ކުއަލަ ލަމްޕޫރު (އޮގަސްޓް 19): މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކު ސާފު ނޫންކަމަށާއި އެއީ އެއްވެސް ޕާޓީއަކަށް މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނެތުމުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިޑިއާ ރިޕޯޓްތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނިގޮތުގައި މެލޭޝިޔާގެ ބޮޑުވަޒީރުކަމުގައި ހުންނެވި މުހްޔިއްދީން ޔާސީން ދާދިފަހުން އިސްތިއުފާދެއްވި ނަމަވެސް އެގައުމުގެ އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަގުލަބިއްޔަތު ނެތުމުން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރާނެ ބޭފުޅަކު އިހުތިޔާރުކުރުމަށް ރަސްގެފާނު އަބްދުﷲ ރިއާޔަތުއްދީންއަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

ރަސްގެފާނު އަބްދުﷲ ރިއާޔަތުއްދީން ވަނީ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ފަރާތަކީ ޕާލަމެންޓްގެ އަގުލަބިއްޔަތު އޮތް ބޭފުޅަކަށް ވާންޖެހޭނެކަމާއި ޕާލަމެންޓްގައި ނަގާ ވޯޓަކުން އެކަން ސާބިތުކޮށްދޭންޖެހޭކަން ހާމަކުރައްވައި އިއްޔެ ބަޔާނެއް ނެރުއްވާފައެވެ. މި ބަޔާން ނެރުއްވާފައިވަނީ ޝާހީ ގަނޑުވަރުގައި ރަސްގެފާނު، މެލޭޝިއާގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ގާއިމް މަގާމުގައި ހުންނެވި މުހްޔިއްދީން ޔާސީން

މި ބައްދަލުކުރެއްވުމުގައި ރަސްގެފާނު ވަނީ މެލޭޝިއާގައި އާ ސަރުކާރެއް އެކުލަވާލެވޭނެ ގޮތްތަކާ ބެހޭގޮތުން ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާފައެވެ. ބައެއް ޕާޓީތަކުގެ ލީޑަރުންވަނީ އަލުން އިންތިހާބަކަށް ދިޔުމަށް ރަސްގެފާނަށް ލަފާ އަރުވާފައެވެ. ނަމަވެސް ރަސްގެފާނުވަނީ މެލޭޝިޔާގެ ކޮވިޑް ހާލަތު އޮތްގޮތުން މިދުވަސްވަރު އާންމު އިންތިހާބެއް ބޭއްވުމާ ކަނޑައެޅިގެން ދެކޮޅު ހައްދަވާފައެވެ.

މީގެ ދެ ދުވަސްކުރިން މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން މަގާމުން އިސްތިއުފާ ދެއްވީ މެލޭޝިއާގެ ޕާލަމެންޓްގެ އަގުލަބިއްޔަތު އޭނާއަށް ގެއްލުމާ ގުޅިގެންނެވެ.

މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އާ ސަރުކާރެއް އުފެދި އެ ސަރުކާރު މަގާމާ ހަވާލުވަންދެން ބޮޑުވަޒީރުކަމުގައި ވަގުތީ ގޮތުން ދެމި ހުންނެވުމަށް ރަސްގެފާނު ވަނީ މުޙްޔިއްދީންގެ ކިބައިން އެދިވަޑައިގެންފައެވެ. މިއާއެކު މުހްޔިއްދީން ގެންދަވަނީ ވަގުތީ ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ބޮޑުވަޒީރުގެ ޒިންމާތައް އަދާ ކުރައްވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް