ކޮންމެ ބޭނުމެއްގައި އަޔަސް ފަތުރުވެރިންވާނީ ފަތުރުވެރިންނަށް: އެޗްޕީއޭ

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ ބޭނުމެއްގައި ފަތުރުވެރިން އައިކަމުގައި ވީނަމަވެސް ޓޫރިސްޓު ވިސާގައި އަންނަ ނަމަ އެމީހުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅެން ނޯންނާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރޭ ސަންގު ޓީވީގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ބައެއް ފަތުރުވެރިން ރާއްޖެއަށް ކަރަންޓީނުވުމުގެ ބޭނުމުގައި އަންނަކަމުގެ ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެފަދަ އެއްވެސް ކަމެއް އެނގިފައިނުވާކަމަށެވެ.

"ރާއްޖެއަށް އަންނަ ބޭރު މީހުން ފަތުރުވެރިން ގޮތުގައި ޓޫރިސްޓު ވިސާގައި އަންނަ ނަމަ އެމީހުން ވާނީ ޓޫރިސްޓުންނަށް. ރާއްޖޭގައި ކިހާ ދުވަހެއްތޯ ހޭދަކުރަނީ، ހޭދަކޮށްފަ އެހެން ގައުމަކަށް ދިޔުމަކީވެސް މަނާކަމެއް ނޫން. އެހެންވީމާ ކަރަންޓީނުވުމަށޭ އަންނަނީ އެއީ އަޅުގަނޑުމެންނަށް އެގޮތަށް ބުނަން ވަރަށް ނޭނގޭކަމެއް،" މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ އުސޫލުތައް ހުރިގޮތުން ކޮންމެ ބޭނުމެއްގައި ރާއްޖެ އައި ނަމަވެސް ޓޫރިސްޓުން ގޮތުގައި އަންނަ ނަމަ ފަތުރުވެރިންގެ ގޮތުގައި ބެލެވޭނެކަމަށެވެ. އަދި އެމީހުން ރާއްޖެ އައިސް އަމަލުކުރަންވީ ގޮތާއި ތިބެވޭނެ ތަންތަން އެޗްޕީއޭގެ އުސޫލުތަކުގައި ބަޔާންކޮށްފައިވާނެކަމަށެވެ.

"ކޮވިޑާ ގުޅިގެން ބައެއް އިތުރު މިންގަނޑުތަކެއް އެބަހުރި ކަނޑައެޅިފައި. މިހާރު މިދިޔަ މަހުގެ 26 އިން ފެށިގެން މިދަނީ ވަކި ގޮތަކަށް އަމަލުކުރަމުން،" އޭނާ ވިދާޅުވިއެވެ.

އެގޮތުން އެޗްޕީއޭއިން މީގެ ކުރިން ބުނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއި އެފަރާތްތަކާ އެކު ދަތުރު ކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުދިންނަށް ގެސްޓްހައުސްތަކަށް ޗެކް އިން ވެވޭނެ ކަމަށެވެ. އަދި ފަތުރުވެރިން ރާއްޖެ އެތެރެ ވާއިރު، 96 ގަޑިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށާއި އަދި ރަށްރަށުގެ ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިން، ޗެކް އައުޓްވާއިރު ވެސް ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެހެންނަމަވެސް ހާލަތްތަކަކާއެކު، ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ވެސް ގެސްޓްހައުސްއަށް ޗެކްއިން ވެވޭނެގޮތް ވަނީ ހަދާފައެވެ. އޭގެ ތެރޭގައި ރަށުގެ އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިން ޖަހާފައި ވުމާއި، ގެސްޓްހައުސްގައި މަސައްކަތް ކުރާ ފަރާތްތަކުގެ 95 ޕަސަންޓް މީހުން ވެކްސިން ފުރިހަމަ ކުރުމުގެ އިތުރުން ރަށުގެ އާބާދީގެ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހުން ހިމެނެއެވެ.

ރާއްޖެއަށް ފަތުރުވެރިންގެ ނަމުގައި ބިދޭސީން ގެނެސް ކަރަންޓީނު މުއްދަތު ފުރިހަމަކުރަން ބައިތިއްބާކަމުގެ އަޑުތައް އަންނަނީ ފެތުރެމުންނެވެ. އަދި އާންމުންވެސް އަންނަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް