ޑެލްޓާ ވޭރިއެންޓަށް ކުޑަކުދިން ޕޮޒިޓިވްވާތީ އޮސްޓްރޭލިއާއިން ކަންބޮޑުވެއްޖެ

ކުޑަ ކުއްޖަކު ކޮވިޑަށް ޓެސްޓު ކުރަނީ --- ފޮޓޯ/އޭބީސީ

ކޮވިޑް-19 ގެ ޑެލްޓާ ވޭރިއެންޓަށް އޮސްޓްރޭލިއާއިން ކުޑަކުޑިން ޕޮޒިޓިވް ވަމުންދާތީ އެގައުމުގެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެގޮތުން އެ ގައުމުގެ ސިއްހީ މާހިރުން އަންނަނީ މި ވޭރިއަންޓަށް ގިނަ އަދަދެއްގެ ކުޑަކުދިން ޕޮޒިޓިވް ވަމުންދާއިރު އެކަށީގެންވާ ފަރުވާއެއް ނުދެވޭކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޭގެތެރޭގައި ކުޑަކުދީންނަށް ދޭން ހުއްދަ ދީފައިވާ އެއްވެސް ވެކްސިނެއް އެގައުމަކު ނެތްކަމުގެ ޝަކުވާ އެ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގައި 19 އަހަރުން ދަށުގެ ކުދިންގެ 2700 އަށްވުރެ ގިނަ ކޮވިޑް ކޭސް އިއްޔެ އެކަނިވެސް ވަނީ ރެކޯޑްކޮށްފައެވެ. ހަމައެއާއެކު އޮސްޓްރޭލިއާގެ މެލްބަންގައި ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން 45 ޕަސެންޓަކީ 19 އަހަރުން ދަށުގެ ކުދިންކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

"ވިކްޓޯރިއާގައި އެކަނިވެސް ގިނަ އަދަދެއްގެ ކުދިން ޕޮޒިޓިވް ވެފައިވާއިރު، ގިނައިން މި ބަލި އެކުދިންނާ ހަމައަށް މި ފޯރަނީ އާއިލާގެ ތެރެއިން،" ވިކްޓޯރިއާގެ ކޮވިޑް ރެސްޕޮންސް ކޮމާންޑާ ޖެރޯން ވޭއިމާ ވިދާޅުވިއެވެ.

މެލްބޯން ޔުނިވާސިޓީގެ ޑައިރެކްޓާ އޮފް ޗައިލްޑު އެންޑު އެޑޮލެސެންޓު ހެލްތު ޕްރޮފެސާ ފިއޯނާ ރަސެލް ވަނީ ކުޑަކުދިންނަށް ވެކްސިން ޖެހިފައިނުވުމުގެ ސަބަބުން މަދުން ނަމަވެސް ޕޮޒިޓިވްވާ ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

އިންޑީއާ އިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއަންޓްއަކީ ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓެކެވެ. އެގޮތުން ދުނިޔޭގެ ގިނަ ގައުމުތަކަކުން މި ވޭރިއަންޓުވަނީ ފެނިފައެވެ.

comment ކޮމެންޓް