އެމްޑީޕީގެ ބައެއް މެމްބަރުން އެދެނީ މިނިސްޓަރު މާރިޔާއާ އިމްރާން އެކަހެރިކުރަން

ޑިސެމްބަރު 15، 2019: ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިއާ ދީދީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން އެކުލަވާލި ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށްޓަކައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަގާމުން އެކަހެރިކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މޭ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ވަރަށް ގިނަ ކަންކަން ކުރުމަށް ވަނީ ހުށަހަޅާފައެވެ. އެ ހުށަހެޅުންތަކުގެ ތެރެއިން ތެރެއިން 38 ކަމެެއް، މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.

https://sun.mv/155414

ރޭ ބޭއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގައި ވާހަކަދައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ 241 ކޮމިޓީގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމުގައި ސަރުކާރުން "ފަހަތު ފަޔަށް" ބުރަވެފައިވާ ކަމަށެވެ.

އެގޮތުން މިހާރުވެސް ޑިފެންސް މިނިސްޓަރު މާރިޔާ އާއި، ހޯމް މިނިސްޓަރު އިމްރާން އެ މަގާމުގައި ތިއްބެވުމަކީ އެ ކަންކަން ތަންފީޒުކުރުމަށް އޮތް ހުރަހެއް ކަމަށް ޝިޔާން ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިވަގުތު ޑިފެންސް މިނިސްޓަރާއި އަދި ހޯމް މިނިސްޓަރު އެ މަގާމުގައި ތިއްބަވައިގެންނެއް ރިކޮމެންޑޭޝަންތައް ފުރިހަމައަށް ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ. އެހެންކަމުން އަޅުގަނޑު ހަމަ އެދެން ވަރަށް ބޮޑަށް އެބޭފުޅުން އެކަހެރިކޮށްގެންވިޔަސް މި ރިކޮމެންޑޭޝަންތައް ރަނގަޅަށް ތަންފީޒުކުރަން،" ޝިޔާން ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ފަހުން 241 ކޮމިޓީގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރަން ތިބެވެން ނެތް ކަަމަށާއި، އޭގެ ކުރިން އެކަންކަން ތަންފީޒުކުރެވެންޖެހޭ ކަަމަށް ޝިޔާން ވިދާޅުވިއެވެ.

ޝިޔާންގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވެސް ވަނީ 241 ކޮމިޓީގެ އިންކުއަރީ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރަމުންދާ ގޮތުގެ ތަފްސީލު ސަރުކާރުން ހާމަނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ބޮންޑޭ ވިދާޅުވީ މިނިސްޓަރު އިމްރާން މަގާމުގައި ހުރުމަކީ އެކަންކަން ތަންފީޒުކުރުމުގައި އޮތް ހުރަހެއް ކަމަށެވެ.

ރިކޮމެންޑޭޝަންތައް ތަންފީޒުކުރުން ކުރިއަށްދާނެގޮތަކީ ހާމަކުރެވޭނެ މައުލޫމާތެެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހުސައިން އަފީފު ވަނީ ރޭގެ ގައުމީ މަޖިލީހުގައި ވިދާޅުވެފައެވެ.

މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާއަކީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނިކުމެވަޑައިގެން، ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއެކެވެ. ގޮއްވާލި އައިޑީ ހަރުކޮށްފައި ވަނީ ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކެއްލަގައެވެ. އެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.

އޭގެ ފަހުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ހަމަލާދިނުމުގެ ކުރިން އެފަދަ ހަމަލާއެއް ދީފާނެކަމުގެ މައުލޫމާތު ލިބި، އެ މައުލޫމާތު މިނިސްޓަރު މަރިޔާއާ ހިއްސާކުރެއްވިކަމަށް ވިދާޅުވެފައެވެ. އެއާއެކު ރައީސް ނަޝީދުގެ ގިނަ ސަޕޯޓަރުންތަކަކާއި، މަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުންވސް މިނިސްޓަރު މާރިޔާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކާއި ތުހުމަތުތަކެއް ކުރިމަތިކުރުވާފައެވެ. އެހެންނަމަވެސް މިނިސްޓަރު މާރިޔާ ވަނީ އިލްޔާސްގެ ފަރާތުން ލިބުނު މައުލޫމާތަކީ "އެކްޝަނެބަލް އިންޓެލިޖެންސް" އެއް ނޫންކަމަށް ވިދާޅުވެފައެވެ.

https://sun.mv/155607

މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ފާހަަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިފަހުން ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

އެގޮތުން އިންކުއަރީގެ ރިކޮމެންޑޭޝަންގެ ތެރޭގައި ހިމެނޭ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ނަމަވެސް އަދި ނޭޝަނަލް އިންޓެލިޖެންސް ގާނޫނެއް އެކުލަވާލެވިފައި ނުވާތީ ރޭގެ ގައުމީ މަޖިލީހުގައި އަފީފު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް